ދިވެހި ދައުލަތަށް 45 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ، އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް މައްޗަންގޮޅީ އަލިތަރި އިބްރާހީމް ރަޝާދު އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ޢިއްޒަތްތެރިޔާގެ ލަޤަބް އަރުވާފައިވާ އިބްރާހީމް ރަޝާދު އަވަހާރަވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހު، މިއަދު ހަވީރުގެ ވަގުތެއްގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 78 އަހަރެވެ.
މި ހިތާމަވެރި ޚަބަރު ލިބިވަޑައިގަތުމާ ގުޅިގެން ރައީސް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިބްރާހީމް ރަޝާދަކީ ދައުލަތުން ހަވާލުކުރެއްވި ކޮންމެ މަސްއޫލިއްޔަތެއް މުރާލިކަމާއި، ތެދުވެރިކަމާއި، ރޭވުންތެރިކަމާއެކު އަދާކުރެއްވުމުގައި ލާމަސީލު ނަމޫނާއެއް ކަމަށެވެ. އަދި އެ މަނިކުފާނަކީ ޙިކްމަތްތެރި، ހިންގުންތެރި ޝަޚްޞިއްޔަތެއްކަން ފާހަގަކުރައްވައި، ޤައުމަށް ގެއްލިގެން އެދިޔައީ އަގުހުރި ތަޖުރިބާކާރެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ޚާއްޞަގޮތެއްގައި، މީގެ ވިއްސަކަށް އަހަރު ކުރިން ޓެކްނޯލޮޖީގެ ވަސީލަތްތައް މަދު ޒަމާނެއްގައިވެސް، ސަރުކާރުގެ އިދާރީ ހިންގުން ހަލުވިކޮށް ރައްޔިތުންނަށްދޭ ޚިދުމަތްތައް ފަސޭހަކުރުމަށް އިބްރާހީމް ރަޝާދު ކުރެއްވި މަސައްކަތްޕުޅުތައް ރައީސް ފާހަގަކުރެއްވިއެވެ. އަދި އުޞޫލުތަކާއި ހަމަތައް ހިފެހެއްޓެވުމާއެކު، އަމާނާތްތެރިކަމާއެކު ރައްޔިތުންނާއި ވެރިންގެ އިތުބާރު އެ މަނިކުފާނު ހޯއްދަވާފައިވާކަންވެސް ރައީސްގެ މެސެޖުގައި ބަޔާންކުރައްވާފައިވެއެވެ.
އަލްމަރްޙޫމް އިބްރާހީމް ރަޝާދަކީ ދައުލަތުގެ ވަރަށް އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން 6 އަހަރަށްވުރެ ދިގު މުއްދަތެއްގައި ކޮމިޝަނަރ އޮފް އިލެކްޝަންސްގެ މަގާމު ފުރުއްވިއެވެ. މީގެ އިތުރުން ފާދިއްޕޮޅާއި ކޮޅުމަޑުލުގެ އަތޮޅުވެރިކަމާއި، މިނިސްޓަރ އޮފް ސްޓޭޓް، ޕްރިންސިޕަލް ކަލެކްޓަރ އޮފް ކަސްޓަމްސްގެ މަގާމުވެސް ފުރުއްވާފައިވެއެވެ.
އިބްރާހީމް ރަޝާދު ދައުލަތުގެ ޚިދުމަތް ފެށްޓެވީ 26 ޖޫން 1961 ގައި ވުޒާރަތުއްތިޖާރާގެ ކާތިބެއްގެ މަގާމުންނެވެ. އޭގެ ފަހުން ތަޢުލީމީ، ޞިއްޙީ އަދި މާލީ ދާއިރާގެ އެކި މަގާމުތަކާއި، އެސް.ޓީ.އޯ އާއި ޕޯސްޓް އޮފީސް ފަދަ މުއައްސަސާތަކުގައި އިސް ދައުރުތަކެއް އަދާކުރެއްވިއެވެ.
4 ސެޕްޓެންބަރު 2008 ގައި ދައުލަތުގެ ޚިދުމަތުން ވަކިވެވަޑައިގެންނެވިއިރު ހުންނެވީ މިނިސްޓަރ އޮފް ސްޓޭޓް، ޕްރިންސިޕަލް ކަލެކްޓަރ އޮފް ކަސްޓަމްސްގެ މަގާމުގައެވެ.
އަލްމަރްޙޫމް އިބްރާހީމް ރަޝާދު އަވަހާރަވިއިރު، އަނބިކަނބަލަކާއި ތިން އަންހެން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ. އެ މަނިކުފާނުގެ ވަކިވެދިއުމަކީ ދިވެހި ދައުލަތަށް ލިބުނު ބޮޑު ހުސްކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު