ހުރިހާ އިމާމުންނާއި މުދިމުންނަކީ ޑިގްރީ ލެވެލަށް ތަޢުލީމު ޙާޞިލުކޮށްފައިވާ ބަޔަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެއްކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓަރ މިހެން ވިދާޅުވީ އިމާމުންނާއި މުދިމުން ޑިގްރީ ލެވެލަށް ކިޔަވައިދިނުމުގެ ޕްރޮގްރާމް އިފްތިތާޙްކުރުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އިމާމުންނާއި މުދިމުންނަށް ޑިގްރީ ލެވެލަށް ކިޔަވައިދިނުމަށް ކުރިއަށްގެންދާ ޚާއްސަ ޕްރޮގްރާމް ރަސްމީކޮށް މިއަދު އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ވިދާޅުވީ، އިމާމުންނަކީ އިސްލާމީ ތަޢުލީމުގެ ރޮނގުން ޑިގްރީ ޙާޞިލުކޮށްފައިވާ ބަޔަކަށް ހެދުމަކީ ރައީސް ޞާލިޙުގެ ރިޔާސީ ވަޢުދުފުޅެއްކަމަށެވެ. އަދި މިއަދު ފަށާ ޕްރޮގްރާމުން އެވައުދު ހަޤީޤަތަކަށް ހެދުމުގެ މަސައްކަތް ފެށޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" އަޅުގަނޑުމެންގެ އަމާޒަކީ ކޮންމެ އިމާމަކީވެސް ދީނީ ރޮނގުން ޑިގްރީ ލެވެލްއަށް ތަޢުލީމު ޙާޞިލުކޮށްފައިވާ އިމާމަކަށްވުން. ރީއްޗަށް ޤުރުއާން ކިޔަވާ، ރީއްޗަށް ބަންގި ގޮވާ އިމާމަކަށްވުން. އަދި ހަމަމިއާއެކު ރައްޔިތުންގެ ފަރާތުން އެ އަންނަ ޝަކުވާތައް ވީހާވެސް މަދުކޮށް، ރައްޔިތުންގެ ލޯތްބާއި، އިޙްތިރާމް ލިބޭފަދަ އިމާމުންތަކަކަށް އިމާމުންތައް ހެދުން އެއީ އަޅުގަނޑުމެންގެ އެއް އަމާޒު" މިނިސްޓަރ ޒާހިރު ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު އިފްތިތާޙްކުރި އިމާމުންނާއި މުދިމުން ޑިގްރީ ފެންވަރަށް ތަމްރީން ކުރުމުގެ ޕްރޮގްރާމުގައި ރާއްޖޭގެ 4 ސިޓީއަކުންނާއި، 18 އަތޮޅެއްގެ 169 ރަށަކުން ޖުމްލަ 384 ބައިވެރިން ވަނީ ބައިވެރިވެފައެވެ.



ކިޔުންތެރިންގެ ހިޔާލު