އިސްތިއުމާރީ ޒަޔަނިސްޓު ޓެރަރިސްޓުން ރޭގެ ވަގުތެއްގައި ޣައްޒާ ސިޓީގެ އާންމުން ދިރިއުޅޭ އިމާރާތަކަށް ދިން ރަހުމުކުޑަ ވައިގެ ހަމަލާތަކެއްގައި، ނިދާފައި ތިބި އެތައް ބަޔަކު ޝަހީދުކޮށްލައިފިއެވެ.

މި ލާއިންސާނީ ހަމަލާ ދީފައިވަނީ ގާޒާ ސިޓީގައި މީހުން އާބާދުވެފައިވާ ސަރަހައްދެއްގައި ހުރި ހަތަރު އެޕާޓްމަންޓްގެ އިމާރާތަކަށެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އިސްތިއުމާރީ ސިފައިން މި ހަމަލާ ދިން ވަގުތަކީ އެ އިމާރާތުގައި ދިރިއުޅޭ އާއިލާތައް ނިދަން ތިބި ވަގުތެވެ. ހަމަލާއާއެކު މުޅި އިމާރާތުގައި ބޮޑު އަލިފާންގަނޑެއް ރޯވެ، އަނދަން ފެށިއެވެ. ހާދިސާ ހިނގި ސަރަހައްދަށް މީހުން ސަލާމަތްކުރާ ޓީމުތަކާއި އަލިފާން ނިއްވާ މީހުން ދިޔަ ނަމަވެސް، އަލިފާންގަނޑު ގަދަވުމުގެ ސަބަބުން އިމާރާތާ ގާތްވެވޭގޮތް ވަނީ ނުވެފައެވެ.

މި ހަމަލާގައި މިހާތަނަށް ނުވަ މީހަކު ޝަހީދުވެފައިވާކަން ކަށަވަރު ކުރެވިފައިވާއިރު، އޭގެ ތެރޭގައި އެއް އެޕާޓްމަންޓެއްގައި ނިދާފައި ތިއްބައި ޝަހީދުވި އެއް އާއިލާއަކަށް ނިސްބަތްވާ ފަސް މެމްބަރުން ހިމެނެއެވެ. މަންޒަރު ދުށް މީހުން ބުނާގޮތުގައި، އިމާރާތުގެ ތެރޭގައި ކުޑަކުދިންނާއި، އަންހެނުންނާއި، އުމުރުން ދުވަސްވީ މީހުން ތާށިވެފައި ތިއްބެވެ. މި ޓެރަރިސްޓު ހަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

އިސްތިއުމާރީ ޓެރަރިސްޓުން ވަނީ ރޭގެ ވަގުތުގައި ގާޒާ ސިޓީގެ އެހެން ސަރަހައްދުތަކަށްވެސް މިފަދަ ވަރުގަދަ ހަމަލާތަކެއް ދީފައެވެ. މި ހަމަލާތައް އަމާޒުކޮށްފައިވަނީވެސް މީހުން ނިދަން ތިބި ވަގުތުގައެވެ. މިދިޔަ ހަފުތާގައިވެސް ޓެރަރިސްޓުން ވަނީ ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅޭ ޓެންޓު އަވަށްތަކަށް އަލިފާން ބޮންއަޅައި، އެތައް ބަޔަކު ދިރިތިއްބާ އަންދައި ޝަހީދުކޮށްލާފައެވެ.

ހަމާސްއާއި އިސްރާއީލާ ދެމެދު ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް، އިސްރާއީލުން ދަނީ ރެއާއި ދުވާލު މެދުނުކެނޑި ޣައްޒާގެ އެކި ހިސާބުތަކަށް ހަމަލާދީ އާންމުން ޝަހީދުކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު