އިންޑިއާގެ ދިއްލީގެ މަލްވިޔާ ނަގަރު ސަރަހައްދުގައި ހުންނަ ހޮޓަލެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި 21 މީހުން މަރުވެފައިވާއިރު، މިއީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅިފައި ހުރިނަމަ ހުއްޓުވިދާނެ ފަދަ ބޮޑު ކާރިސާއެއް ކަމަށް އެ ހާދިސާ ލޮލުން ދުށް މީހުން ވަނީ ބުނެފައެވެ.

މަލްވިޔާ ނަގަރުގެ ހައުޒް ރާނީ ސަރަހައްދުގައި ހުންނަ "ފްލޮރިޝް ސްޓޭ ބީ.އެން.އެން.ބީ" ހޮޓަލުގައި މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އިއްޔެ ހެނދުނު 8:00 އާއި 8:30 އާ ދެމެދުގައެވެ. މި ހާދިސާގައި މިހާތަނަށް 21 މީހަކު މަރުވެފައިވާކަން ކަށަވަރުވެފައިވާއިރު، ގިނަ ބަޔަކު މަރުވީ ދުމުގެ

އަސަރުކޮށްގެން ނޭވާ ހާސްވެގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ނިއުސް18 އަށް މައުލޫމާތު ދެމުން އެ ސަރަހައްދުގައި ހުރި ސާޖިދު ކިޔާ މީހަކު ބުނީ، އަލިފާން ނިއްވާ މީހުންނަށް ގުޅީ ހެނދުނު 8:00 ހާއިރު ކަމަށާއި، ނަމަވެސް އެމީހުން އައުން ލަސްވުމުގެ ސަބަބުން ގެއްލުންތައް ބޮޑުވި ކަމަށެވެ. މީގެ އިތުރުން ކަރަންޓު ކަނޑާލުމަށް ކަރަންޓު ޑިޕާޓްމަންޓަށް ކުރި ފޯނު ކޯލްތަކަށް ޖަވާބު ދިނުމުގައިވެސް ލަސްތަކެއް އުޅުނު ކަމަށް އޭނާ ތުހުމަތު ކުރިއެވެ.

ހާދިސާ ހިނގި ވަގުތު އެ އިމާރާތުގެ ތެރެއަށް ވަދެ މީހުން ސަލާމަތް ކުރުމުގައި އެހީތެރިވި އެހެން މީހަކު ކިޔައިދިން ގޮތުގައި، އިމާރާތުގެ ފުރާޅަށް އަރަން އޮތް ދޮރު ހުރީ ތަޅުލާފައެވެ. "ފުރާޅަށް އަރަން އޮތް ދޮރު ހުޅުވިފައި ހުރިނަމަ، ވަރަށް ގިނަ ބައެއްގެ ފުރާނަ ސަލާމަތް ކުރެވުނީސް،" އޭނާ ބުންޏެވެ. އަދި އިމާރާތުގެ ބޭރުގައި ޖަހާފައި ހުރި ވަރުގަދަ ބިއްލޫރިގަނޑުތައް ތަޅާލުމަށް ޕްރެޝަރު ކުކަރާއި ހިލަ ފަދަ ތަކެތި ބޭނުންކުރި ނަމަވެސް، އެ ބިއްލޫރިތައް ތަޅާނުލެވުމުގެ ސަބަބުން މީހުން ސަލާމަތް ކުރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވި ކަމަށް އޭނާ ބުންޏެވެ.

އިމާރާތުގެ އެތެރޭގައި ތިބި މީހުން ސަލާމަތްވުމަށްޓަކައި ކުޑަދޮރުތަކުން ފުންމާލަން މަސައްކަތް ކުރަމުންދިޔައިރު، އާންމުން ވަނީ ތިރީގައި ގޮދަޑިފަދަ ތަކެތި ފަތުރައި، ފުންމާލާ މީހުންނަށް ލިބޭ ގެއްލުން ކުޑަކުރުމަށް މަސައްކަތް ކޮށްފައެވެ. މި ހާދިސާގައި 58 މީހަކު ސަލާމަތް ކުރެވުނު ނަމަވެސް، ހޮސްޕިޓަލަށް ގެންދިޔައިރު 21 މީހަކު އޮތީ މަރުވެފައެވެ. އަދި ބައެއް މީހުންގެ ހާލު އަދިވެސް ވަރަށް ސީރިއަސް ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

ކަމާބެހޭ ފަރާތްތަކުން ހާމަކުރި ގޮތުގައި، އެ ހޮޓަލަކީ ހުއްދަ ދީފައިވާ މިންވަރަށް ވުރެ ގިނައިން މީހުން ބައިތިއްބަމުންދިޔަ ތަނެކެވެ. އަދި އެތަނުގައި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމުގެ އެއްވެސް ނިޒާމެއް ނެތްއިރު، އިމާރާތުގެ ކުޑަދޮރުތައް ބަންދުކޮށްފައި ހުރުމާއި، ވަންނަ ދޮރު ސެންސަރުން މަސައްކަތްކުރާ ގޮތަށް ހުރުމަކީ އަލިފާން ފެތުރުނު ވަގުތު މީހުންނަށް ބޭރަށް ނުނިކުމެވި ތާށިވި މައިގަނޑު ސަބަބުތަކެވެ.



ކިޔުންތެރިންގެ ހިޔާލު