ޖޯން ޕްރިންސް ކްރެންޑަލް
ޖޯން ޕްރިންސް ކްރެންޑަލް
ވައިގެ ދަތުރުފަތުރުގެ ދާއިރާގައި 66 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމަށްފަހު، ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ ފްލައިޓް އެޓެންޑެންޓް ޖޯން ޕްރިންސް ކްރެންޑަލް ރިޓަޔަރ ކުރަން ނިންމައިފިއެވެ.

ޖޯން ޕްރިންސް ކްރެންޑަލް އަކީ ޑެލްޓާ އެއާލައިންސްގައި މިހާރު މަސައްކަތް ކުރަމުންދާ، އަދި މުޅި ދުނިޔޭގައިވެސް މި ދާއިރާގައި މިވަގުތު ހުރި އެންމެ ދުވަސްވީ މުވައްޒަފެވެ. އޭނާގެ ފްލައިޓް އެޓެންޑެންޓް ކެރިއަރު ފެށީ 1959 ވަނަ އަހަރު ޕެސިފިކް އެއާލައިންސްއިންނެވެ. އޭރު އެއާލައިންތަކުގެ ވަޒީފާއަށް މީހުން ހޮވުމުގައި އެންމެ ބޮޑަށް ބަލަމުން އައީ ފެންނަފެނުމަށް ރީތި، ޒުވާން އަންހެނުންނަށެވެ.

އެ މަސައްކަތަށް އޮތް ލޯތްބެއްގެ ބޮޑުކަމުން 66 އަހަރު ވަންދެން މި ދާއިރާގައި ދެމިހުރި ކްރެންޑަލް ބުނި ގޮތުގައި، ފްލައިޓް އެޓެންޑެންޓެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ އޭނާއަށް އަބަދުވެސް ވަރަށް ހިތްގައިމު ކަމެކެވެ. މި ވަޒީފާގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް، އާ ތަޖުރިބާތަކެއް ހޯދުމުގެ ފުރުސަތު އޭނާއަށް ލިބުނެވެ. އޭނާ މިއަދުވެސް އާކުރަނީ މީގެ އެތައް އަހަރެއް ކުރިން، އުސް ފައިކަތް ބޫޓާއި ފެޝަނަށް ލޯބިކުރި ދުވަސްވަރުގެ ހަނދާންތަކެވެ.

ޒަމާނަށް އައި ބޮޑެތި ބަދަލުތަކާ ގުޅޭގޮތުން ވާހަކަ ދައްކަމުން ކްރެންޑަލް ފާހަގަކުރީ، ކުރިން ހަމައެކަނި ފެޝަނާއި ހިދުމަތަށް އިސްކަންދިން ނަމަވެސް، މިއަދު ފްލައިޓް އެޓެންޑެންޓުންނަކީ ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ، ކުއްލި ހާލަތްތަކުގައި އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ މުވައްޒަފުން ކަމަށެވެ.

އޭނާގެ ދިގު ކެރިއަރުގައި ކުރިމަތިވި ގޮންޖެހުންތަކަށް ބަލާއިރު، ކުރީ ޒަމާނުގައި އެއާލައިންތަކުން ގެންގުޅުނު ހަރުކަށި އުސޫލުތައް އޭނާ ފާހަގަކުރިއެވެ. އޭގެ ތެރޭގައި ބަރުދަން ވަކި މިންވަރެއްގައި ބެހެއްޓުމާއި، ކައިވެނި ކުރުމުން ވަޒީފާއިން ވަކިވާން ޖެހުމާއި، އަދި އުމުރުން 32 އަހަރުވުމުން ރިޓަޔަރ ކުރަން މަޖުބޫރުކުރުން ފަދަ ކަންކަން ހިމެނެއެވެ. ނަމަވެސް 1964 ވަނަ އަހަރުގެ ސިވިލް ރައިޓްސް އެކްޓުގެ ސަބަބުން އަންހެނުންނަށް ވަޒީފާގެ މައިދާނުގައި ބޮޑެތި ކުރިއެރުންތަކެއް ލިބި، ވަޒީފާގެ ބިރެއް ނެތި އަމިއްލަ ދިރިއުޅުން ބިނާކުރުމުގެ ފުރުސަތު ފަހިވެގެންދިޔަ ކަމަށް އޭނާ ބުންޏެވެ.

ކްރެންޑަލް މިހާރު ތައްޔާރުވަމުންދަނީ އާ ޖީލުގެ ފްލައިޓް އެޓެންޑެންޓުންނަށް ފުރުސަތު ދިނުމަށްފަހު ރިޓަޔަރ ކުރުމަށެވެ. ވަޒީފާއިން ވަކިވުމަށްފަހު އޭނާ ގަސްތުކުރަނީ އޭނާގެ ދިގު ހަޔާތުގެ ތަޖުރިބާތަކުގެ މައްޗަށް ފޮތެއް ލިޔުމަށާއި، ދުނިޔޭގެ އެކި ގައުމުތަކަށް ކުރާ ދަތުރުތައް ކުރިއަށް ގެންދިއުމަށެވެ.



ކިޔުންތެރިންގެ ހިޔާލު