ރާއްޖޭގެ ބަޖެޓްގެ ޑެފިސިޓް ފޫބެއްދުމަށް ސަރުކާރުން މަނީލޯންޑަރިންގެ އަމަލު ހިންގަން މަސައްކަތް ކުރަމުންދާ ކަމަށް ޕީޕިއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ތުހުމަތު ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފަައިވާ ޕޭމެންޓު ސިސްޓަމާއި ޕޭމެންޓު ޚިދުމަތްތަކާ ބެހޭ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ، ބަޖެޓްގެ ޑެފިސިޓް ފޫ ބެއްދުމަށް މަނީލޯންޑަރިންގެ އަމަލު ހިންގެވުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

" މި ނާގާބިލް ސަރުކާރުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަނީލޯންޑަރ ކޮށްގެން ކަޅު ފައިސާ ދޮވެގެން ބަޖެޓް ޑެފިސިޓް ފޫބައްދަން އެ އުޅެނީ." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ، ބަޖެޓްގެ ޑެފިސިޓް ފޫ ބެއްދުމަށް މަނީލޯންޑަރިންގެ އަމަލު ހިންގެވުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަސައްކަތްކުރައްވާތީ އެކަމަށް ރައްޔިތުންގެ މަޖިލީހުން ފާރަވެރިވާންޖެހޭ ކަމަށެވެ.

ޝިޔާމް ވިދާޅުވީ ސަރުކާރުން އަމަލުކުރަމުންގެންދަނީ މާލިއްޔަތު ގާނޫނާއި ކަނޑައެޅިގެން ޚިލާފަށް ކަމަށެވެ. ދައުލަތުގެ ބަޖެޓުން ބޭރުން ގިނަ ޚަރަދުތަކެއް މިހާރު ވެސް ކުރަމުންދާ ކަމަށާއި، އަންދާޒާ ކުރި ވަރާއި ގާތަށް ވެސް ދައުލަތަށް އާމްދަނީ ލިބެމުންނުދާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"އަދިވެސް އަޅުގަނޑުމެންނާއި ހަމަޔަށް މުރާޖާއާ ކުރެވިގެން ބަޖެޓެއް ނާދޭ، ރިވައިސް ކުރެވިގެން ބަޖެޓެއް ނާދޭ. އެހެންވީމާ އަޅުގަނޑު މިދަންނަވަނީ މާލިއްޔަތު ގާނޫނާއި ދަރަންޏަށް ޒިންމާވާ ގާނޫނާއި ޚިލާފަށޭ މިއަދު ސަރުކާރު ހިނގަމުންދާތަން މިފެންނަނީ." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ އެޗްޑީސީ އާއި ގުރޭޓާ މާލޭ ކުންފުނި މާޖްކޮށް (އެއްކޮށްލައިގެން) ސަރުކާރުން ހިންގީ ވަރަށް ބޮޑު ޖަރީމާއެއް ކަމަށެވެ. އެކަން ކުރީ ކުންފުނިތަކުގެ ކޯޑާ މާލިއްޔަތު ގާނޫނާއި ޚިލާފަށް ކަން ޝިޔާމް ވަނީ ފާހަގަކުރައްވާފައެވެ.

"ދެކުންފުނި މާޖް ކޮށްގެން ގުރޭޓާ މާލޭ ކުންފުނީގައި ހުރި 100 އެތަށް މިލިއަން ރުފިޔާ އެއް އެޗްޑީސީއަށް ޖަމާކޮށްގެން އެކަމާ ހިތްހަމަ ނުޖެހިގެން ޕީސީބީގެ ރައީސް އިހަށްދުވަހު އިސްތިއުފާ އެ ދިނީ." ޝިޔާމް ވިދާޅުވިއެވެ.

އެކަންކަން ބަލަން އޮތް ކުންފުނި މިއަދު ކޮބާތޯއޭ ވިދާޅުވެ ޝިޔާމް ވަނީ ސުވާލު އުފައްދަވާފައެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަދު ބިލްތައް ފޮނުވަމުންދަނީ އެޓާނީޖެނެރަލް އޮފީހާއި ގުޅިފައި އޮންނަ ފާމަކުން ކަމަށާއި، އެއީ އެ ފާމުން ކުރާ ވަރަށް ބޮޑު ވިޔަފާރިއެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ. ރާއްޖޭގެ ނިޒާމް ތެރޭގައި ހުންނަ ކަންކަން ހަރުދަނާ ނުކުރެވެނީ ގާނޫނުތައް ނެތިގެން ނޫން ކަމަށާއި، ތަންފީޒީ އިދާރާތަކާއި މުވައްސަސާތަށް ފެއިލްވެފައިވާތީ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"އެތަންތަން ހޭލައްވަންވީ، އެންމެން ގުޅިގެން ވައްކަން ކުރާތަން މިފެންނަނީ މިއީ ހަގީގަތަކީ." ޝިޔާމް ވިދާޅުވިއެވެ.

ރައްޔިތުން ތިބީ އާމްދަނީ ލިބޭނެ މަގު ބަންދުވެ، ބަނދެވިފައި ކަމަށާއި، ސަރުކާރުން މަސައްކަތް ކުރަނީ ބިލްތަށް ހުށައަޅައިގެން ކޮމިޝަންތަކާއި ސިޔާސީ މަގާމުތަށް އުފެއްދުމަށް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"19.80 އަށް ޑޮލަރެއް މި ލިބެނީ، ކިޔަވަން ތިބޭ ކުދިން ތިބޭ ކޮލެޖްތަކާއި ޔުނިވަސިޓީތަކަށް ފައިސާ ނުދެއްކިފައި ޔުނިވަސިޓީއަށް ފައިސާ ދެއްކިއްޖެއްޔާ ތިބޭ ތަނަށް ފައިސާ ނުދެއްކިފައި މިތިބެނީ، ޑޮލަރު ލިމިޓް ކުރުމުން ދިވެހި ކުދި ވިޔަފާރިތައް ހަލާކުވެއްޖެ، މަސްވެރިން އެތިބީ މަސްކޮޅު ކިރާ ނުލެވިފައި ކަންނެލި މަހާއި ކަޅުބިލަ މަހުގެ މަސްވެރިން ވެސް އެތިބީ ގޮތް ހުސްވެފައި. އަގު ދޫކޮށްލިފަހުން ތިން ފަހަރު އަގު ބަދަލުވެއްޖެ އަނެއްކާވެސް ކަޅުބިލަ މަހުގެ އަގު 2 ރުފިޔާ އަށް އެބަތިރިކުރޭ މިއީ ބަލައިގަނެވޭ ކަންތައްތަކެއް ނޫން." ޝިޔާމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު