ބޮޑު ދެބަސްވުމެއް މަރުގެ ހާދިސާއަކުން ނިމިއްޖެ
ބޮޑު ދެބަސްވުމެއް މަރުގެ ހާދިސާއަކުން ނިމިއްޖެ
ބެންކޮކްގެ ކޮންޑޮމީނިއަމްއެއްގެ ތެރޭގައި އަވަށްޓެރިންގެ މެދުގައި ހިނގަމުންދިޔަ ބޮޑު ދެބަސްވުމެއް މަރުގެ ހާދިސާއަކުން ނިމިއްޖެއެވެ.

މި ހާދިސާގައި އުމުރުން 66 އަހަރުގެ ފިރިހެނަކު ވަނީ ކައިވެނިކޮށްގެން އުޅޭ ދެމަފިރިއަކަށް ތޫނު އެއްޗަކުން ހަމަލާދީ، އުމުރުން 30 އަހަރުގެ އަންހެނަކު މަރާލާފައެވެ. މަންޒަރު ދުށް މީހުންނާ ހަވާލާދީ ފުލުހުން ބުނި ގޮތުގައި، މި ހަމަލާ ދީފައިވަނީ ކޮންޑޮމީނިއަމްގެ ލިފްޓް ކައިރިން އެމީހުން ދިމާވި ވަގުތެއްގައެވެ.

ފުރަތަމަ ބެލެވުނު ގޮތުގައި މި ހަމަލާގެ އަސްލަކީ ގޭގެ އަޑުގަދަވުމުގެ މައްސަލައިގައި އުފެދުނު ދެބަސްވުމެކެވެ. ނަމަވެސް ހަމަލާދިން ޕްރަސާޓް ވޮންޗައިއާ ސުވާލުކުރުމުން، މީގެ ފަހަތުގައި މާ ފުން މާލީ މައްސަލައެއް އޮތްކަން ވަނީ ހާމަވެފައެވެ.

ޕްރަސާޓް ބުނި ގޮތުގައި އޭނާ ކުރިން އެ ދެމަފިރިންނާ އެކު އިންވެސްޓްމަންޓް ވިޔަފާރިއެއް ކުރިއެވެ. އަދި އެ ދެމަފިރިން ވަނީ އޭނާއަށް ލިބެންޖެހޭ 2,700,000 ތައި ބާތު އަށް ހިޔާނާތްތެރިވެފައެވެ. ހާދިސާ ހިނގި ތަނުން ފެނުނު ހެކިތަކުން ވެސް މި ވާހަކައަށް ބާރު ލިބެއެވެ.

ތަހުގީގުން އެނގުނު ގޮތުގައި 2025 ވަނަ އަހަރުގެ ކުރީ ކޮޅު، ޕްރަސާޓް އޭނާގެ އަތުގައި ހުރި 8,000 ބާތުގެ ސޭވިންގްސް އިންވެސްޓް ކުރާނެ ރަނގަޅު ގޮތަކާ ބެހޭގޮތުން އަވަށްޓެރިޔާ ސޮމްޗައިއާ މަޝްވަރާ ކުރިއެވެ.

ސޮމްޗައި ލަފާދިނީ އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް ބޮޑު ފައިދާއެއް ހޯދައިދޭ "ބިޓްވޮލުޓް" ކިޔާ އެޕްލިކޭޝަނެއްގައި ފައިސާ ބެހެއްޓުމަށެވެ.

ޕްރަސާޓަށް ޓެކްނޮލޮޖީ ނޭނގޭތީ، ސޮމްޗައިގެ ފޯނުގައި އެކައުންޓް ހަދައި، ޕްރަސާޓް ފައިސާ ދީގެން ލިބޭ ފައިދާ އެއްވަރަކަށް ބެހުމަށް ދެމީހުން އެއްބަސްވިއެވެ. މިގޮތުން 10 މަސްދުވަހުގެ ތެރޭގައި އެ ފައިސާ ވަނީ 2.7 މިލިއަނަށް ވުރެ ގިނަ ބާތަށް އިތުރުވެފައެވެ.

ނަމަވެސް ފައިދާ ބަހަން ޕްރަސާޓް އެދުމުން ސޮމްޗައި އާއި އޭނާގެ އަންހެނުން އެކަމަށް ފުރަގަސްދޭން ފެށިއެވެ. އަދި ހާދިސާ ހިނގި ދުވަހު ސޮމްޗައި ވަނީ ޕްރަސާޓަކީ ދޮގުވެރިއެއް ކަމަށާއި، އެފަދަ އެއްވެސް އެއްބަސްވުމެއް ނެތްކަމަށް ބުނެ ހަޑިހުތުރު ބަހުން މުއާމަލާތްކޮށްފައެވެ. އެއާއެކު ރުޅިގަދަވެގެން ޕްރަސާޓް ވަޅިން ހަމަލާދިނީއެވެ. މި ހަމަލާގައި އަންހެންމީހާ އެތަނަށް މަރުވިއިރު، ފިރިހެންމީހާއަށް ވަނީ ބޮޑެތި އަނިޔާތަކެއް ވެފައެވެ.

ފުލުހުންގެ ތަހުގީގުން ސޮމްޗައިގެ ފޯނު ޗެކްކުރިއިރު، "ބިޓްވޮލުޓް" އެޕްލިކޭޝަނުން 2,700,000 އަށް ވުރެ ގިނަ ބާތުގެ ބެލެންސް ފެނިފައިވެއެވެ. އަދި ބޭންކް ރެކޯޑްތަކުން ޕްރަސާޓް ކުރިން 8,000 ބާތު ސޮމްޗައިއަށް ޓްރާންސްފާކޮށްފައިވާކަން ވެސް ވަނީ ކަށަވަރުވެފައެވެ.

މިހާރު މީޑިއާތަކުން ދަނީ އެންމެ 8,000 ބާތު މިހާ ބޮޑު އަދަދަކަށް ބަދަލުކޮށްލި "ބިޓްވޮލުޓް" ޓެކްނޮލޮޖީއާ ބެހޭ އިތުރު ތަފްސީލު ހޯދަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު