ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް އަދި ޝިއުނާ
ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް އަދި ޝިއުނާ
މިސްކިތެއްގެ ކުރިމަތީގައި ލަވަޔާއި މިއުޒިކް ޖަހައިގެން ދެޖިންސު މަސްހުނިވެ، އީދު ފާހަގަކުރަން ވިލިމާލޭގައި ހަރަކާތްތަކެއް ހިންގި ކަމަށް ބުނެ ސަރުކާރުގެ ޔޫތު މިނިސްޓްރީގެ ކުރީގެ ނައިބު ވަޒީރު މަރިޔަމް ޝިއުނާ ކުރި ޕޯސްޓަކާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް އޭނާއަށް ހޫނު ރައްދެއް ދެއްވައިފިއެވެ.

ޝިއުނާ ސޯޝަލް މީޑިއާގައި ވީޑިއޯއަކާ އެކު ކުރި ޕޯސްޓެއްގައި އެ ހަރަކާތްތަކަކީ "މުންކަރާތްތަކެއް" ކަމަށް ސިފަކޮށް، މުއައްސަސާތަކުން އެކަން ހުއްޓުވަން ޖެހޭނެ ކަމަށް ބުނުމުން، އެކަމާ ގުޅިގެން ދެ ބޭފުޅުންގެ މެދުގައި ވަނީ ބަހުގެ ހަމަލާތަކެއް ބަދަލުކުރެވިފައެވެ.

މެމްބަރު މުހައްމަދު އިސްމާއިލް ޝިއުނާގެ ވާހަކަތަކަށް ރައްދު ދެއްވަމުން ވިދާޅުވީ، އެ އިވެންޓަކީ މިސްކިތާ އެތައް ސަތޭކަ ފޫޓެއް ދުރުގައި ބޭއްވި ހަރަކާތެއް ކަމަށާއި، ނަމާދު ވަގުތުތަކުގައި ވިލިމާލޭގައި އީދުގެ އެއްވެސް ކުޅިވަރެއް ކުރިއަށް ނުދާނެ ކަމަށެވެ.

އަދި ޝިއުނާ މަސައްކަތް ކުރަނީ ރައްޔިތުންނަށް އޮޅޭ ގޮތަށް މައުލޫމާތު ފޯރުކޮށްދީ ސިޔާސީ މަގްސަދެއް ހާސިލްކުރަން ކަމަށް ތުހުމަތު ކުރައްވައި، ސަރުކާރުގެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ޒިންމާދާރުކަމާ އެކު އަމަލުކުރެއްވުމަށް އޭނާ ގޮވާލެއްވިއެވެ.





ނަމަވެސް ޝިއުނާ ވަނީ މިއީ ސިޔާސީ މަގްސަދެއް އޮވެގެން ދެއްކި ވާހަކައެއް ނޫން ކަމަށާއި، ކޮންމެ އީދެއްގައި ވެސް މުންކަރާތްތަކާ ދެކޮޅަށް އަޑުއުފުލާނެ ކަމަށް ބުނެ އޭނާގެ ދިފާއުގައި ވާހަކަ ދައްކާފައެވެ.





ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވާ އަދި ސަރުކާރުގެ ހަރަކާތްތަކުގައި އިސްކޮށް އުޅޭ ދެ ބޭފުޅެއްގެ މެދުގައި މީސްމީޑިއާގައި މިފަދަ ހޫނު ބަހުސެއް ހިނގުމުން، މިއީ ސަރުކާރުގެ އެތެރޭގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކެއް ހާމަވެގެންދިޔަ ކަމެއް ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

އަވައްޓެރި ގައުމެއްގެ ބޮޑުވަޒީރަށް ހަޖޫޖެހި މައްސަލައިގައި ކުރިން ފާހަގަކޮށްލެވުނު ޝިއުނާގެ މި އަމަލާ މެދު، އާންމުންގެ މެދުގައި ވެސް ދަނީ ތަފާތު ޚިޔާލުތައް ފާޅުކުރެވެމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް