ވިސާގެ އިންޑިޔާ ސަރަހައްދުގެ އެމްބެސެޑަރ ޝާހް ރުކް ޙާން
ވިސާގެ އިންޑިޔާ ސަރަހައްދުގެ އެމްބެސެޑަރ ޝާހް ރުކް ޙާން
ޑިޖިޓަލް ފައިސާގެ މުއާމަލާތްތައް ދުނިޔޭގައި ހަލުވިކަމާއެކު ފުޅާވަމުންދާ މި ދަނޑިވަޅުގައި، ދުނިޔޭގެ މަޝްހޫރު ޕޭމަންޓް ނެޓްވޯކް "ވީސާ" އިން އިންޑިއާ ސަރަހައްދުގެ ބްރޭންޑް އެމްބެސެޑަރަކަށް ބޮލީވުޑްގެ ސުޕަސްޓާރު ޝާހް ރުކް ޚާން ހަމަޖައްސައިފިއެވެ.

މިއީ ކަސްޓަމަރުންނާ އޮންނަ ގުޅުން ބަދަހިކޮށް، މާކެޓުގައި އެ ކުންފުނީގެ ނުފޫޒު ގަދަކުރުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށް މާހިރުން ދެކެއެވެ. މީގެކުރިން ވީސާ އިން ވަނީ ކުޅިވަރުގެ ދާއިރާއިން ފާހަގަކޮށްލެވޭ ފަރާތްތަކަކާއެކު މަސައްކަތްކޮށްފައެވެ. އެގޮތުން 2019 ވަނަ އަހަރު ބެޑްމިންޓަން ތަރި ޕީ.ވީ ސިންދޫ އަދި 2024 ވަނަ އަހަރު އޮލިމްޕިކް ރަން މެޑަލް ހޯދި ނީރަޖް ޗޯޕްރާ އެ ކުންފުނީގެ އެމްބެސެޑަރުންގެ ގޮތުގައި ހަރަކާތްތެރިވެފައިވެއެވެ. ނަމަވެސް، ޝާހް ރުކް ޚާންއާ އެކު ވީސާ އިން މިހާރު މިސްރާބު ޖަހާފައިވަނީ ކުޅިވަރުގެ ބަދަލުގައި، މުނިފޫހިފިލުވުމުގެ ދާއިރާ މެދުވެރިކޮށް އާންމުންގެ އިތުބާރު ހޯދައި، ބްރޭންޑްގެ މަޤުބޫލުކަން އިތުރުކުރުމަށެވެ.

މާކެޓިންގ ދާއިރާގެ މާހިރުން ފާހަގަކުރާ ގޮތުގައި، ޑިޖިޓަލް ޕޭމަންޓްގެ ވާދަވެރިކަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި، މިއީ ހަމައެކަނި ޓެކްނޮލޮޖީގެ ކުރިއެރުމަށްވުރެ ބޮޑަށް، ކަސްޓަމަރުންގެ ހިތްތަކުގައި ބްރޭންޑަށް އޮންނަ ލޯތްބާއި ގާތްކަން އިތުރުކުރުމަށް ނިންމި ނިންމުމެކެވެ. ޝާހް ރުކް ޚާންގެ ހުރި ބައިނަލްއަޤުވާމީ މަޤުބޫލުކަމާއި، ހުރިހާ އުމުރުފުރައެއްގެ މީހުން އޭނާއަށް ކުރާ އިހުތިރާމުގެ ސަބަބުން، ހާއްސަކޮށް އިންޑިއާގެ ރަށްފުށުގެ ސަރަހައްދުތަކުގައި ވީސާގެ ޚިދުމަތްތަކަށް އޮންނަ އިތުބާރު ބޮޑުވެގެންދާނެ ކަމަށް ބެލެވެއެވެ.

މީގެއިތުރުން، މި ނިންމުމުން ފިންޓެކް މާކެޓިންގ އަށް އަންނަމުންދާ ބަދަލުތައް ވެސް ހާމަވެއެވެ. އެއީ ހަމައެކަނި ޚިދުމަތުގެ ފަންނީ މައުލޫމާތަށްވުރެ ބޮޑަށް، ކަސްޓަމަރުންގެ ޖަޒުބާތާ ގުޅިފައިވާ މުއާމަލާތްތަކަށް އިސްކަންދޭން ފެށުމެވެ. އިންޑިއާގެ އެންމެ ނުފޫޒުގަދަ އަދި އެންމެ އަގުބޮޑު ފަންނާނުގެ ގޮތުގައި ފާހަގަކުރެވޭ ޝާހްރުކް ޚާން ދަނީ ތަފާތު އެކި ދާއިރާތަކުގެ މަޝްހޫރު ކުންފުނިތަކާއެކު މަސައްކަތް ކުރަމުންނެވެ.

އެގޮތުން 2025 ވަނަ އަހަރު ރިއަލް އެސްޓޭޓް ކުންފުންޏެއް ކަމަށްވާ 'އެލާން ގްރޫޕް' އާއި ކާބޯތަކެތި ފޯރުކޮށްދޭ 'ޒޮމާޓޯ' ފަދަ ކުންފުނިތަކުގެ ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި އޭނާ ވަނީ ހަމަޖައްސާފައެވެ. އޮޓޯމޯބައިލް، އީ-ކޮމާސް އަދި ފަތުރުވެރިކަމުގެ ދާއިރާތަކުގައި ވެސް އޭނާގެ ބައިވެރިވުން ބޮޑުއިރު، މިއީ އިންޑިއާގެ ބޮޑެތި ބްރޭންޑްތަކުން އެންމެ އިސްކަންދޭ ފަރާތަކީ އޭނާކަން ހާމަވާ ކަމެކެވެ.

ވީސާ އާއެކު ޝާހް ރުކް ޚާން ކުރިއަށްގެންދާ މި ކެމްޕޭނުގައި މައިގަނޑު ގޮތެއްގައި ބާރުއަޅާނީ ޑިޖިޓަލް ޕޭމަންޓްތަކުގެ ރައްކާތެރިކަމާއި، ފަސޭހަކަމުގެ އިތުރުން ދިރިއުޅުމުގެ ކޮންމެ ދާއިރާއެއްގައި ވެސް މި ޚިދުމަތުގެ މުހިންމުކަމުގެ މައްޗަށެވެ.



ކިޔުންތެރިންގެ ހިޔާލު