ޤައުމު އަޅުވެތިކުރަން ވާގިދީގެން ތިބޭ ކޮންމެ ބަޔަކީ ޤައުމުގެ ދުޝްމަނުންގެ ގޮތުގައި ބަލަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޤައުމީ ދުވަހުގެ މުނާސަބަތުގައި ޣައްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ޤައުމުގެ މިނިވަންކަމަށް ދަހިވެތިވެގެން އަންނަ ކޮންމެ ބަޔަކުމެ ބަލިކޮށް ފައްސައިލަންޖެހޭނެ ކަމަށެވެ. އެކަމަކީ ބޮޑުތަކުރުފާނުގެ ޖިހާދުން ނަގައިދޭ ފިލާވަޅުކަމަށް އޭނާ ވިދާޅުވިއެވެ.

ޣައްސާން ވިދާޅުވީ، "ބޮޑުތަކުރުފާނުގެ ޖިހާދު އަޅުގަނޑުމެންނަށް ބުނެދެނީ ޤައުމު އަޅުވެތިކުރަން ވާގިދީގެން ތިބޭ ކޮންމެ ބަޔަކީ ޤައުމުގެ ދުޝްމަނުންގެ ގޮތުގައި ބަލަން ޖެހޭކަން" ކަމަށެވެ.



ޣައްސާން މިހެން ވިދާޅުވީ ކޮންކަމަކާ ގުޅިގެން ކަން ބަޔާންކޮށްފައި ނުވި ނަމަވެސް މި ދުވަސްވަރަކީ ރާއްޖޭގައި އިންޑިއާ ސިފައިން ޤާއިމްވެ ތިބިކަމަށްބުނެ އެކަމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ޙަރަކާތްތަކެއް ހިންގަމުން ގެންދާ ދުވަސްވަރެކެވެ. އިދިކޮޅު ކޯލިޝަންގެ މި ޙަރަކާތްތަކާ ގުޅިގެން ސަރުކާރުން ބުނެފައިވަނީ އިދިކޮޅުގެ ޙަރަކާތްތަކަކީ ސަރުކާރުން ބޭރުގެ ޤައުމު ތަކުގެ އެހީގައި ޤައުމަށް ގެންނަ ތަރައްޤީ ޙަޖަމް ނުވެގެން ދައްކާ ވާހަކަތަކެއް ކަމަށެވެ.

ޣައްސާން މި މޭރުމުން ވިދާޅުވެފައިވާއިރު ޤައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ދާޚިލީ ވަޒީރު ޢިމްރާން ޢަބްދުﷲ ވިދާޅުވެފައިވަނީ، ބޭރުގައުމަކުން ބަޔަކު ރާއްޖެއަށް އަރައި އަޅުވެތި ކުރުމުގެ ބިރަށްވުރެ ޒުވާނުންގެ އިޖްތިމާއީ އަޚުލާގީ ވަބާތަކުން ގައުމު އަޅުވެތިވެފައިވާ މިންވަރު މިއަދު މާބޮޑު ވެފައިވާ ކަމަށެވެ.

ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް ޞާލިޙް ދެއްވި ޚިޠާބުގައިވެސް ވިދާޅުވެފައިވަނީ، އަދުގެ ދުނިޔޭގެ ފިކުރިއްޔާތަކީ، އަދި ސިޔާސީ، އިޤްތިޞާދީ ވިސްނުމަކީ ގުޅިލާމެހިފައިވާ ބައިނަލްއަޤްވާމީ މުޖުތަމަޢެއްގެ ވިސްނުންކަމަށާއި، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ރާއްޖެ އޮތީ ބައިނަލްއަޤްވާމީ މުޖްތަމަޢާ ވަރަށް ބޮޑަށް އެކަހެރި ވެފައިކަމަށެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންނަށް ލިބެން ހުރި އެތަކެއް މަންފާއަކާއި އެހީއަކުން މަޙްރޫމުވެފައިވާކަމަށް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު