ދިފާއީ ވަޒީރު މާރިއާ އަހުމަދު ދީދީ
ދިފާއީ ވަޒީރު މާރިއާ އަހުމަދު ދީދީ
ޕޯސްޓު މެދުވެރިކޮށް އެކި ފަރާތްތަކުން ގެންނަ ތަކެތި ހަމައަށް ނުލިބޭކަމުގެ ޝަކުވާ ލިބެމުންދާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ބެލެނިވެރި، މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ޑިފެންސް މިނިސްޓަރގެ ބެއްލެވުމުގެ ދަށުން މޯލްޑިވްސް ކަސްޓަމްސް ސަރވިސް ހިނގަމުންދާއިރު، މާރިޔާ ވިދާޅުވީ ބައެއް ފަރާތްތަކުން އޯޑަރުކޮށްގެން ގެންނަ ޕާރުސަލްތަކުގައި ހުންނަ ތަކެތިން ވައްކަންކުރާކަމުގެ ޝަކުވާ ލިބެމުންދާކަމަށެވެ. އަދި އޯޑަރުކުރާ ފަރާތްތަކަށް ތަކެތި ފޮނުވާ ކުންފުނިން ބަންދުކުރުމުގެ ކުރިން އޭގެ ފޮޓޯ ފޮނުވާކަމަށާއި ހުރިހާ ތަކެއްޗެއް ހަމައަށް ހުރިކަން އެކުންފުނިތަކުން ޔަޤީންކޮށްދޭކަމަށް މާރިޔާ ވިދާޅުވިއެވެ.

އަދި އެތަކެތި ރާއްޖެއަށް ގެނެސްދޭ ފަރާތްތަކުގެ ކިބައިން މިކަމާ ގުޅޭގޮތުން ސުވާލުކުރުމުން މިއީ ރާއްޖޭގެ ކަސްޓަމްސްގެ މައްސަލައެއްކަމަށް ބުނެފައިވާކަމަށް މާރިޔާ ވިދާޅުވިއެވެ. އެހެންކަމުން މިފަދަ މައްސަލަތައް ހައްލުކުރުމަށް ކުރެވިދާނެ ކަންކަމަށް ހިޔާލު ދެއްވުމަށް މިނިސްޓަރ މާރިޔާ ވަނީ އާއްމުންގެ ކިބައިން އެދިވަޑައިގެންފައެވެ.



ރާއްޖެއަށް ގިނަ އަދަދަކަށް ޕޯސްޓް މެދުވެރިކޮށް ތަކެތި ގެންނައިރު އަބަދުވެސް އެއްޗެތި މަދުވާކަމުގެ ޝަކުވާ ގިނަ ބަޔަކު ކުރެއެވެ. ނަމަވެސް މިހާތަނަށް އައިރުވެސް މިއީ މާބޮޑު ހައްލެއް ނުލިބި އޮތް މައްސަލައެކެވެ. ޕޯސްޓުން ގެންނަ ތަކެތި ބަލަހައްޓަނީ ޕޯސްޓް އޮފީހާއި ކަސްޓަމްސްއިންނެވެ.

ޕޯސްޓުން ގެންނަ ތަކެތީގެ ތެރެއިން އެވަގުތަކު ޑިއުޓީގައި ހުންނަވާ ކަސްޓަމްސް އޮފިސަރަކު ގަޔާ ނުވާ މީހެއްގެ ތަކެތި އެއްވެސް ކަމަކާ ނުލައި ހިފެހެއްޓުމާއި ގެންނަ އެއްޗެއްގެ އަގާއި މެދު ދެބަސްވުން ފަދަ ކަންކަމުގައި ގިނަ ބަޔަކު ކަސްޓަމްސްއާއިމެދު އަބަދުވެސް ހިތްހަމަ ނުޖެހުން ފާޅުކުރަމުން ދެއެވެ. އެގޮތުން ބައެއް ކަސްޓަމްސް އޮފިސަރުންނަކީ އެތަނަށް ޚިދުމަތް ހޯދަންދާ އާންމު ރައްޔިތުންނާ މުއާމަލާތް ކުރުމުގައި ވަރަށް ހަރުކަށި ކުރީގެ ޒަމާންވީ "ޚުދުމުޚުތާރު" ގޮތްތައް ގެންގުޅޭ ބައެއްކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން