ޓްރަންޕް އާއި ރޫބިއޯ
ޓްރަންޕް އާއި ރޫބިއޯ
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ، އިންޑިއާގެ ޚާރިޖީ ވަޒީރު އެސް. ޖައިޝަންކަރާއެކު ނިއުދިއްލީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އިންޑިއާއާ ގުޅޭގޮތުން ޑޮނަލްޑް ޓްރަމްޕް ކުރިން ދެއްކެވި ކަމަށް ބުނާ ވާހަކަފުޅުތަކަކާ ގުޅިގެން ކުރިމަތިވި ސުވާލުތަކަށް ވަނީ ޖަވާބުދެއްވާފައެވެ.

މިދިޔަ އާދިއްތަ ދުވަހު ބޭއްވި މި ބައްދަލުވުމުގައި، އިންޑިއާ މީހުންނަށް އަމާޒުވާ ނަސްލީ ތަފާތުކުރުންތަކާއި، އިންޑިއާއަކީ "ނަރަކައެއް" (ހެލްހޯލް) ކަމަށް ސިފަކޮށް ޓްރަމްޕްގެ ސޯޝަލް މީޑިއާ އެކައުންޓުން ހިއްސާކުރި ޕޯސްޓަކާ ބެހޭގޮތުން ނޫސްވެރިޔަކު ސުވާލުކުރިއެވެ. މިކަމަށް ރައްދުދެއްވަމުން ރޫބިއޯ ވިދާޅުވީ، އެއީ ކާކު ދެއްކި ވާހަކައެއްކަން އޭނާއަށް އެނގިވަޑައިނުގަންނަވާ ކަމަށާއި، އެއީ އާންމުކޮށް ސޯޝަލް މީޑިއާގައި މީހުން ލިޔެއުޅޭ ކަހަލަ އެއްޗެއް ކަމަށް ހީކުރެއްވުނު ކަމަށެވެ.

"އެއީ ފަހަރުގައި ޓްރޯލް ކުރާ ބަޔަކު ނުވަތަ ބޮޓްތަކަކުން ކުރާ ކަމަކަށް ވެސް ވެދާނެ،" ރޫބިއޯ ވިދާޅުވިއެވެ. އަދި އެ ވާހަކައާ ގުޅޭ ތަފުސީލު ހޯއްދެވުމަށް ނޫސްވެރިޔާގެ ކިބައިން އެދުމުން ވެސް، އެ ވަގުތު ވަކި ޚާއްޞަ މިސާލެއް ދެއްކިފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ނަމަވެސް، އެއީ ސީދާ ޓްރަމްޕްގެ ޕޯސްޓެއްކަން ނޫސްވެރިޔާ ހާމަކުރުމުން ރޫބިއޯ ވިދާޅުވީ، ރައީސް ޓްރަމްޕަކީ އިންޑިއާދެކެ ނުހަނު ލޯބިފުޅުވާ ބޭފުޅެއް ކަމަށެވެ. "ރައީސް ޓްރަމްޕަކީ އިންޑިއާގެ ވަރަށް ބޮޑު ސަޕޯޓަރެއް، އަދި ބޮޑުވަޒީރު މޯދީއަށް ވެސް ނުހަނު އިހުތިރާމް ކުރައްވާ ބޭފުޅެއް. ރައީސް ބޭނުންފުޅު ނުވާނަމަ އަޅުގަނޑެއް މިތަނަކު ނުހުރީސް،" ރޫބިއޯ ވިދާޅުވިއެވެ. މީގެ އިތުރުން، ސޯޝަލް މީޑިއާގައި ބައެއް ފަހަރު ކަންކަމާ ނުގުޅޭ ވާހަކަތައް ދެކެވޭނެ ކަމަށާއި، އެއީ ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ހިނގާ އާދައިގެ ކަމެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ، ޕޮޑްކާސްޓަރަކު އިންޑިއާއާ ބެހޭގޮތުން ލިޔެފައިވާ ބޭއަދަބީ ޕޯސްޓެއް މިދިޔަ އޭޕްރިލް މަހު ޓްރަމްޕް ހިއްސާކުރެއްވުމާ ގުޅިގެންނެވެ. އެ ދުވަސްވަރު އިންޑިއާގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ، އެފަދަ ވާހަކަތަކަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުމާއި ދޭދޭ އިހުތިރާމާ އެއްގޮތް ކަންކަން ނޫން ކަމަށެވެ.

ނަސްލީ ފުރައްސާރައާ ގުޅޭގޮތުން ރޫބިއޯ ވިދާޅުވީ، އެމެރިކާއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އައިސް އެ ޤައުމުގެ ދިރިއުޅުމުގެ ތެރެއަށް ވަދެ، ޤައުމު ބިނާކުރުމުގައި ބޮޑެތި ޚިދުމަތްތަކެއް ކޮށްދީފައިވާ ފަރާތްތަކުގެ ސަބަބުން ކުރިއަރާފައިވާ ޤައުމެއް ކަމަށެވެ.

ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގައި ހުންނެވި ރޫބިއޯ ވަނީ ހޮނިހިރު ދުވަހު ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. ބޮޑުވަޒީރު މޯދީ ވިދާޅުވީ، ދުނިޔޭގެ ހަމަޖެހުމާއި ލާބައަށްޓަކައި އިންޑިއާ އާއި އެމެރިކާ އަބަދުވެސް ގާތުން މަސައްކަތް ކުރަމުންދާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު