މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒް
މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒް
މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒް، އިނގިރޭސި ޕްރެމިއާ ލީގުގެ މި ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފިއެވެ. ޕޯޗުގަލްގެ ހުނަރުވެރި މިޑްފީލްޑަރު މި މަގާމު ހޯދިއިރު، މި މަހުގެ ކުރީކޮޅު އޭނާ ވަނީ ފުޓްބޯޅަ ރައިޓާސް އެސޯސިއޭޝަންގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާގެ ޝަރަފުވެސް ހޯދާފައެވެ.

ފެނާންޑޭޒް ވަނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކައި، ޕްރެމިއާ ލީގުގެ ސީޒަނެއްގައި އެންމެ ގިނަ އެސިސްޓް ހެދުމުގެ ރެކޯޑް ޤާއިމްކޮށްފައެވެ. އެއީ ސީޒަންގެ ފަހުމެޗުގައި މިރޭ ބްރައިޓަން އާއި ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ހެދި 21 ވަނަ އެސިސްޓާ އެކުގައެވެ. މީގެ އިތުރުން އޭނާ ވަނީ މި ސީޒަނުގައި ކުޅުނު 38 މެޗުގައި 9 ލަނޑު ޖަހައި، ޔުނައިޓެޑަށް ލީގުގެ ތިންވަނަ މަގާމު ކަށަވަރުކޮށްދީ، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، ފެނާންޑޭޒް ވަނީ މި ސީޒަނުގައި ލަނޑު ޖަހާނެ 133 ފުރުސަތު ތަނަވަސްކޮށްދީފައެވެ. މިއީ ލީގުގެ އެހެން ކުޅުންތެރިންނަށްވުރެ މަތީ އަދަދެކެވެ. ދެވަނައަށް އެންމެ ގިނަ ފުރުސަތު ތަނަވަސްކޮށްދިން ލިވަޕޫލްގެ ޑޮމިނިކް ސޮބޯސްލާއި އަށްވުރެ ފެނާންޑޭޒް ވަނީ 43 ފުރުސަތު އިތުރަށް ހޯދައިދީފައެވެ. ފެނާންޑޭޒް އަކީ 2011 ވަނަ އަހަރު ނެމަންޔާ ވިޑިޗަށް ފަހު މި އެވޯޑު ހޯދި ޔުނައިޓެޑްގެ ފުރަތަމަ ކުޅުންތެރިޔާއެވެ.

މި މަގާމަށް ހޮވާނެ ކުޅުންތެރިއަކު ކަނޑައަޅާފައިވަނީ އާންމުންގެ ވޯޓާއި ފުޓްބޯޅަ މާހިރުންގެ ޕެނަލަކުން ދިން ވޯޓު އެއްކޮށްލައިގެންނެވެ. މި އެވޯޑަށް ވާދަކުރި ޝޯޓްލިސްޓުގައި އާސެނަލްގެ ޑޭވިޑް ރާޔާ، ގަބްރިއަލް އަދި ޑެކްލަން ރައިސްގެ އިތުރުން މެންޗެސްޓާ ސިޓީގެ އާލިން ހާލަންޑް، ބްރެންޓްފޯޑްގެ އިގޯ ތިއާގޯ އަދި ނޮޓިންގހަމް ފޮރެސްޓްގެ މޯގަން ގިބްސް-ވައިޓް ހިމެނެއެވެ.

މެންޗެސްޓަރ ޔުނައިޓެޑްގެ އެހެން ޚަބަރުތަކަށް ބަލާއިރު، މައިކަލް ކެރިކްގެ ކޯޗިން ޓީމުގައި ހިމެނޭ ސްޓީވް ހޮލެންޑް، ޖޯނީ އެވަންސް، ޖޮނަތަން ވުޑްގޭޓް، ޓްރެވިސް ބިނިއަން އަދި ކްރެއިގް މޯސަން ވަނީ އިތުރު ދެ އަހަރު ދުވަހު އެކްލަބްގައި މަޑުކުރުމަށް އެއްބަސްވެފައެވެ. ކެރިކް ވަނީ މިދިޔަ ހުކުރު ދުވަހު ޔުނައިޓެޑާއެކު ދާއިމީ ކޮންޓްރެކްޓެއްގައި ސޮއިކޮށްފައެވެ. އޭނާ މަގާމާ ހަވާލުވީ ޖެނުއަރީ މަހު ރޫބެން އަމޯރިމް ވަކިކުރުމުން ވަގުތީ ގޮތުންނެވެ.

މީގެ އިތުރުން، ޕްރެމިއާ ލީގުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު މިސީޒަންގައި ހޯދާފައިވަނީ މެންޗެސްޓާ ސިޓީގެ އުމުރުން 21 އަހަރުގެ ނިކޯ އޯރިލީއެވެ. ސިޓީގެ އެކަޑަމީން ތަމްރީންވި މި ކުޅުންތެރިޔާ ވަނީ މި ސީޒަނުގެ 34 މެޗުގައި 5 ލަނޑު ޖަހައި 3 އެސިސްޓް ހަދާފައެވެ. އޭނާ ވަނީ މިދިޔަ ނޮވެމްބަރު މަހު އިންގްލެންޑްގެ ގައުމީ ޓީމަށް ކުޅެން ފަށައި، ތޯމަސް ޓުޗެލްގެ ވޯލްޑް ކަޕް ސްކޮޑުންވެސް ޖާގަ ހޯދާފައެވެ. އޯރިލީ މި އެވޯޑު ހޯދީ ރަޔާން ޗެރްކީ އާއި ކޯބީ މައިނޫ ފަދަ ޒުވާން ހުނަރުވެރި ކުޅުންތެރިންނާ ވާދަކޮށްގެންނެވެ.



ކިޔުންތެރިންގެ ހިޔާލު