އިންޑިއާގެ ލަކްނައު ސިޓީގައި ކުއްޖަކު ރޭޕް ކުރަން
އިންޑިއާގެ ލަކްނައު ސިޓީގައި ކުއްޖަކު ރޭޕް ކުރަން
އިންޑިއާގެ ލަކްނައު ސިޓީގެ އަމިއްލަ ހޮސްޕިޓަލެއްގެ އޮޕަރޭޝަން ތިއޭޓަރު (އޯޓީ) ތެރޭގައި، އުމުރުން 20 އަހަރުގެ އަންހެން ދަރިވަރަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި 30 އަހަރުގެ ޑޮކްޓަރަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފިޓްޖެހޭ ބައްޔަށް ފަރުވާ ހޯދުމަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތް މި ދަރިވަރަށް ހަމަލާދީފައިވަނީ އޭނާއަށް ހޭނައްތާ އިންޖެކްޝަނެއް ޖަހައި ސިއްހީ ގޮތުން ނާޒުކު ހާލަތަކަށް ވައްޓާލުމަށްފަހުގައެވެ. މުޅި ލަކްނައު ސިޓީ ސިއްސުވާލި މި ހާދިސާ ހިނގާފައިވަނީ އެ ރަށުގެ ބަކްޝީ-ކާ-ތާލާބް ސަރަހައްދުގައި ހުންނަ "ތޭޖަސް ހޮސްޕިޓަލް" ގައެވެ.

އަނިޔާލިބުނު ކުއްޖާގެ ބައްޕަ ފުލުހުންނަށް މައުލޫމާތު ދިން ގޮތުގައި، އޭނާގެ ދަރިފުޅަކީ ފިޓްޖެހުމުގެ މައްސަލަ ހުންނާތީ މޭ 19 ވަނަ ދުވަހުން ފެށިގެން އެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދިޔަ ކުއްޖެކެވެ.

ނަމަވެސް މޭ 21 ވީ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3:00 އެހާކަންހާއިރު ކުއްޖާއަށް ނޭވާލާން އުނދަގޫތަކެއް ކުރިމަތިވިއެވެ.

އެވަގުތު ހޮސްޕިޓަލުގެ ވެރިޔާ އަދި ސިތާޕޫރަށް ނިސްބަތްވާ ޑޮކްޓަރެއް ކަމަށްވާ ޑރ. ވިޖޭ ކުމާރު ގިރީ، އޮކްސިޖަން ދޭންކަމަށް ބުނެ ކުއްޖާ އޮޕަރޭޝަން ތިއޭޓަރަށް ވެއްދިއެވެ. އެތަނަށް ކުއްޖާގެ ދައްތައާއި ހޮސްޕިޓަލުގެ ނަރުހަކުވެސް ފުރަތަމަ ވަނެވެ. އެހެންނަމަވެސް، ކުޑަވަގުތުކޮޅެއްގެ ތެރޭގައި ޑޮކްޓަރު ވަނީ އެ ދެމީހުން ބޭރުގައި މަޑުކުރުމަށް އެދި އޯޓީން ނެރެފައެވެ.

ފުލުހުންނަށް ހުށަހެޅި ރަސްމީ ޝަކުވާގައި ބުނެފައިވަނީ، އެހެން މީހުން ބޭރުކުރުމަށްފަހު، ކުއްޖާގެ އަތަށް ގުޅާފައި ހުރި ކެނިއުލާ މެދުވެރިކޮށް ޑޮކްޓަރު ވަނީ ބާރުގަދަ ހޭނައްތާ ބޭހެއް ޖަހާފައެވެ.

މި އިންޖެކްޝަނުގެ ސަބަބުން ކުއްޖާގެ ހޭ މުޅިން ހުސްވިއެވެ. ނަމަވެސް، ކޮންމެވެސް ވަރަކަށް ހޭވެރިކަން ފާދަވަމުން އައިއިރު، އޭނާއަށް ކުރެވުނު އިހުސާސްތަކާއި ފެނުނު މަންޒަރުތަކުން ބިރުވެރި އަމަލެއް ހިންގައިފިކަން ރޭކާލިއެވެ.

އެއާއެކު ރޮމުން ރޮމުން އޮޕަރޭޝަން ތިއޭޓަރުން ބޭރަށް ދުވެ ނިކުމެ، ބައްޕައާއި ދައްތައަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. މި މައްސަލައިގައި ފުލުހުން މިހާރު ވަނީ ޑޮކްޓަރު ހައްޔަރުކޮށް، މައްސަލައިގެ ތަހުގީގު ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު