މިއަހަރުގެ ހައްޖުގެ މޫސުމާ ދިމާކޮށް ސައުދީން އުސޫލެއް ނެރެފި
މިއަހަރުގެ ހައްޖުގެ މޫސުމާ ދިމާކޮށް ސައުދީން އުސޫލެއް ނެރެފި
މިއަހަރުގެ ހައްޖުގެ މޫސުމާ ދިމާކޮށް ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް އިންޓީރިއާއިން ވަނީ ހުއްދައާ ނުލައި ހައްޖުގެ އަޅުކަން އަދާކުރަން އުޅޭ މީހުންނާއި، ވިޒިޓް ވިސާގެ ގަވާއިދުތަކާ ޚިލާފުވާ ފަރާތްތަކަށް ދޭނެ ހަރުކަށި އަދަބުތައް ހާމަކޮށްފައެވެ.

އެގޮތުން، ރަސްމީ ހައްޖު ހުއްދައެއް ނެތި ހައްޖުގެ އަޅުކަން އަދާކުރަން އުޅެނިކޮށް ނުވަތަ އެފަދަ ނިޔަތެއްގައި މައްކާއާއި މުގައްދަސް ބިންތަކަށް ވަންނަން އުޅެނިކޮށް އަތުލައިގަނެވޭ ކޮންމެ މީހަކު 20,000 ސައުދީ ރިޔާލައިން ޖޫރިމަނާ ކުރާނެ ކަމަށް ސައުދީ ސަރުކާރުން ވަނީ އިންޒާރު ދީފައެވެ.

މި ގަވާއިދުތަކަކީ ޛުލްޤަޢިދާ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޛުލްޙިއްޖާ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ހަރުކަށިކޮށް ހިންގޭނެ އުސޫލުތަކެކެވެ.

މީގެ އިތުރުން، ވިޒިޓް ވިސާގެ އެކި ބާވަތްތަކުގައި ސައުދީއަށް އެތެރެވުމަށްފަހު، ވިސާގެ މުއްދަތު ހަމަވާއިރުވެސް ގައުމުން ބޭރުނުވެ ހައްޖުގެ އަޅުކަމުގައި ބައިވެރިވާން އުޅޭ ބިދޭސީންނަށް ވެސް ބޮޑެތި އަދަބުތަކެއް ވަނީ ކަނޑައަޅާފައެވެ.

އެފަދަ ފަރާތްތައް 50,000 ރިޔާލައާ ހަމައަށް ޖޫރިމަނާ ކުރުމާއެކު، 6 މަސް ދުވަހުގެ ޖަލު ހުކުމެއް އައިސް، ސައުދީން ޑީޕޯޓްކޮށްލެވޭނެއެވެ. އަދި ގަވާއިދާ ޚިލާފަށް ހައްޖުވާން އުޅޭ މީހުންނަށް އެހީތެރިވެދޭ، ނުވަތަ އެމީހުންނަށް ބޯހިޔާވަހިކަމާއި ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް 100,000 ރިޔާލައާ ހަމައަށް ބޮޑެތި ޖޫރިމަނާގެ އަދަބުތައް ދިނުމަށް ވަނީ ނިންމާފައެވެ.

ސައުދީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހާމަކުރި ގޮތުގައި، މި އުސޫލުތަކާ ޚިލާފުވެގެން ސައުދީން ފޮނުވާލެވޭ ބިދޭސީން، ކުރިއަށް އޮތް 10 އަހަރު ދުވަހުގެ މުއްދަތަށް ސައުދީ އަރަބިއްޔާއަށް އެތެރެވުން މަނާކުރެވޭނެއެވެ.

މިނިސްޓްރީން ވަނީ ހުރިހާ ރައްޔިތުންނާއި އިމިގްރޭޝަންގެ ގަވާއިދުތަކަށް ބޯލެނބުމަށާއި، އެއްވެސް ބާވަތެއްގެ ވިޒިޓް ވިސާއަކީ ހައްޖުވުމުގެ ހުއްދަ ލިބޭ ވިސާއެއް ނޫންކަން ހަނދާންކޮށްދީފައެވެ. އަދި ގަވާއިދާ ޚިލާފުވާ ފަރާތްތަކުގެ މަޢުލޫމާތު ކަމާބެހޭ ސަލާމަތީ ބާރުތަކަށް ރިޕޯޓްކުރުމަށް ވެސް އާންމުންނަށް ވަނީ އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު