ތޫފާން "ރެމަލް"
ތޫފާން "ރެމަލް"
ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ތޫފާން "ރެމަލް" އިތުރަށް ވަރުގަދަވެ، ނުރައްކާތެރި ތޫފާނަކަށް ބަދަލުވެފައިވާ ކަމަށާއި، މިރޭ މެދުރޭގެ ވަގުތެއްގައި މި ތޫފާން އިންޑިއާގެ ވެސްޓް ބެންގާލް އާއި ބަންގްލަދޭޝްގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް އިންޑިއާގެ މޫސުމާ ބެހޭ އިދާރާ (އައި.އެމް.ޑީ) އިން ހާމަކޮށްފިއެވެ.

އޮމާނުން ނަން ދީފައިވާ މި ތޫފާނަށް ކިޔާ "ރެމަލް" އަކީ އަރަބި ބަހުން "ވެލި" އެވެ. މިއީ މި އަހަރުގެ މޫސުމީ ވިއްސާރައިގެ ކުރިން ބޭ އޮފް ބެންގާލް ސަރަހައްދުގައި އުފެދުނު ފުރަތަމަ ތޫފާނެވެ.

މި ތޫފާނުގެ ސަބަބުން ވެސްޓް ބެންގާލްގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، އޮޑިޝާ، އަސާމް، މެގާލާޔާ އަދި އިރުއުތުރުގެ އެހެން ބައެއް ސްޓޭޓްތަކަށް ވެސް ބޯކޮށް ވާރޭވެހޭނެ ކަމަށް ވަނީ އިންޒާރު ނެރެފައެވެ.

މި ތޫފާނުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކަށް ބަލައި، ކޮލްކަޓާ އެއާޕޯޓުގެ އޮޕަރޭޝަންތައް މިއަދު މެންދުރުން ފެށިގެން 21 ގަޑިއިރަށް މެދުކަނޑާލުމަށް ވަނީ ނިންމާފައެވެ. މީގެ ސަބަބުން ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތައް ހިމެނޭ ގޮތަށް ޖުމްލަ 394 ފްލައިޓެއްގެ ދަތުރުތައް ވަނީ ހުއްޓާލާފައެވެ.

މީގެ އިތުރުން، ރޭލު ދަތުރުފަތުރުގެ ހިދުމަތް ދޭ އީސްޓަން ރޭލްވޭއިން ވެސް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސީލްދާ ޑިވިޜަންގެ ބައެއް ސަރަހައްދުތަކުގެ ރޭލު ދަތުރުތައް މިރޭ 11 އިން ފެށިގެން މާދަމާ ހެނދުނު 6 އާ ހަމައަށް މެދުކަނޑާލުމަށް ނިންމާފައެވެ.

ސަރުކާރުގެ އިދާރާތަކުން ދަނީ އާންމުންގެ ފުރާނަ އާއި މުދާ ރައްކާތެރިކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން، ވެސްޓް ބެންގާލްގެ ނޯތު 24 ޕަރްގާނަސް ޑިސްޓްރިކްޓްގެ ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރާނެ ކަމަށް ބެލެވޭ ސަރަހައްދުތަކަށް ނޭޝަނަލް ޑިޒާސްޓާ ރެސްޕޮންސް ފޯސް (އެން.ޑީ.އާރް.އެފް) ގެ ދެ ޓީމެއް މިހާރު ވަނީ ފޮނުވާފައެވެ.

ހަމައެހެންމެ، ސުންދަރުބަންސް ހިމެނޭ ސައުތު 24 ޕަރްގާނަސް ޑިސްޓްރިކްޓަށް މިހާރު ވެސް ބޯކޮށް ވާރޭވެހެން ފަށާފައިވާއިރު، އެސަރަހައްދުގެ ކަނޑާއި ފަޅުތަކުގެ ބާނިތައް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.

އެހެންކަމުން އެ ސަރަހައްދުގެ އަވަށްތަކުގައި ދިރިއުޅޭ ރައްޔިތުން މިހާރު ވަނީ ރައްކާތެރި ހިޔާވަހިކަން ފޯރުކޮށްދޭ މަރުކަޒުތަކަށް ބަދަލުކޮށްފައެވެ. އަދި ފަތުރުވެރިންގެ ރައްކާތެރިކަމަށްޓަކައި ބައެއް ސަރަހައްދުތަކުގެ ހޮޓާ ބުކިންތައް ކެންސަލްކޮށް، ގޮނޑުދޮށްތައް ވެސް ވަނީ ބަންދުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު