މައްކާގައި ސެކުރިޓީ ވަރުގަދަކޮށްފި
މައްކާގައި ސެކުރިޓީ ވަރުގަދަކޮށްފި
ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އެއް ދީނީ އެއްވުން ކަމަށްވާ މިއަހަރުގެ ބަރަކާތްތެރި ހައްޖުގެ އަޅުކަމަށް ތައްޔާރުވުމުގެ ގޮތުން، ސައުދީ އަރަބިއްޔާއިން ބޮޑު ސަލާމަތީ އޮޕަރޭޝަނެއް ފަށައިފިއެވެ.

މިހާތަނަށް މައްކާއަށް ޒިޔާރަތްކުރި ހާޖީންގެ އަދަދު 1.5 މިލިއަނަށްވުރެ މައްޗަށް ގޮސްފައިވާއިރު، ސައުދީގެ ކަމާބެހޭ އިދާރާތަކުން ދަނީ މުގައްދަސް ބިންތަކުގެ ރައްކާތެރިކަމާއި، ތަރުތީބު ހިފެހެއްޓުމުގެ އިތުރުން ހާޖީންނަށް ހިމާޔަތްތެރިކަން ފޯރުކޮށްދިނުމަށް ވަރަށް ހަރުދަނާ މަސައްކަތްތަކެއް ކުރަމުންނެވެ.





ސައުދީ އޮފިޝަލުން ހާމަކުރެއްވި ގޮތުގައި، މި އަހަރުގެ ސަލާމަތީ ޕްލޭންގެ ދަށުން އެންމެ ޒަމާނީ ސަވައިލަންސް ސިސްޓަމްތަކާއި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އެހީގައި މީހުން މޮނިޓަރުކުރުމުގެ ނިޒާމުތައް ބޭނުންކުރަމުންދެއެވެ.

މީގެ އިތުރުން، މީހުން ގިނަވުން ކޮންޓްރޯލްކުރުމަށާއި ހުއްދަނެތި މައްކާއަށް އެތެރެވުން ހުއްޓުވުމަށްޓަކައި، ކޯޑިނޭޓް ކުރެވިގެން ހަރަކާތްތެރިވާ ފީލްޑް ޓީމުތައް ވަނީ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައެވެ.

ސަރުކާރުގެ މައިގަނޑު މަގުސަދަކީ ހުރިހާ ހާޖީންނަށްވެސް އެއްވެސް ދަތިކަމެއްނެތް، އަމާން އަދި އަޅުކަމަށް ސަމާލުކަންދެވޭނެ ފަދަ މާހައުލެއް ތަނަވަސްކޮށްދިނުމެވެ.

ހަމައެއާއެކު، ހުއްދައާ ނުލައި ހައްޖުގެ އަޅުކަން އަދާކުރަން އުޅޭ ފަރާތްތަކާއި، އޮޅުވާލައިގެން ހިންގާ ފޭކް ހައްޖު ކެމްޕޭންތަކުގެ އިތުރުން، ހައްޖުގެ އިންތިޒާމުތަކަށް ބުރޫއަރާފާނެ ފަދަ ކޮންމެ އަމަލަކާ ދެކޮޅަށް ސައުދީ އަރަބިއްޔާއިން ދަނީ ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ.

ސައުދީގެ މެސެޖަކީ ސާފު ސާދާ މެސެޖެކެވެ؛ ހައްޖަކީ ހަމައެކަނި އަޅުކަމާއި، ރައްކާތެރިކަމާއި، އަދި ކޮންމެ ހާޖީއަކަށްވެސް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އަމާން އަޅުކަމަކަށް ހެދުމެވެ.



ކިޔުންތެރިންގެ ހިޔާލު