އެމެރިކާ އާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަތުވެދާނެ ބަދަލުތަކަށް ސަމާލުވެ، ހަކަތަ އިގްތިސާދު ކުރުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކުރެއްވި އިލްތިމާސަށް މަޝްހޫރު އެކްޓަރު އަދި ސިޔާސީ މީހެއް ކަމަށްވާ ކަމަލް ހާސަން ތާއީދުކޮށްފިއެވެ.

ހުކުރު ދުވަހު ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއެއްގައި ކަމަލް ހާސަން ވަނީ، ތެލުގެ އަގާއި ހަކަތައިގެ ރައްކާތެރިކަމާ ގުޅޭގޮތުން މިހާރު ހުރި ކަންބޮޑުވުންތަކަށް އަލިއަޅުވާލާފައެވެ. އޭނާ ފާހަގަކުރި ގޮތުގައި، ދުނިޔޭގެ 60 އަށް ވުރެ ގިނަ ގައުމުން މިހާރުވެސް ހަކަތަ އިގްތިސާދު ކުރުމުގެ ފިޔަވަޅުތައް

އަޅަން ފަށާފައިވާ އިރު، ސިންގަޕޫރުގެ ބޮޑުވަޒީރު ވެސް ވަނީ ކުރިއަށް އޮތް ދަތި ދުވަސްތަކަށް ތައްޔާރުވުމަށް އެ ގައުމުގެ ރައްޔިތުންނަށް ގޮވާލައްވާފައެވެ.

ކަމަލް ހާސަން ބުނީ އިންޑިއާއަކީ ބޮޑު ގައުމަކަށް ވާއިރު، ކުރިއަށް އޮތް އަހަރު ދުވަހު ހަކަތަ އިގްތިސާދު ކުރުމަށް ބޮޑުވަޒީރު ދެއްވި އިރުޝާދަކީ މި ވަގުތަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. "މިފަދަ ދަނޑިވަޅުތަކުގައި ގައުމީ މަސްލަހަތު ސިޔާސީ ފިކުރުތަކަށް ވުރެ ކުރިއަށް ނެރެންޖެހޭ. ކުރީގެ ބޮޑުވަޒީރު ވަޖްޕާއީ ވިދާޅުވި ފަދައިން، ސަރުކާރުތައް އައިސް ގޮސްވެދާނެ، ނަމަވެސް ގައުމު ދެމިއޮންނާނެ،" އޭނާ ބުންޏެވެ

މީގެ އިތުރުން، ވޭތުވެދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައި އިންޑިއާގެ އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ކުރިއެރުވުމަށް މޯދީގެ ސަރުކާރުން ކުރި މަސައްކަތްތަކަށް ކަމަލް ހާސަން ތައުރީފުކުރިއެވެ. ހާއްސަކޮށް އިރުގެ ހަކަތަ އާއި ވައިގެ ހަކަތަ، އަދި ނިއުކްލިއާ ހަކަތައިގެ ދާއިރާއަށް ކުރާ އިންވެސްޓްމަންޓްތަކަކީ ބޭރުގެ ތެލަށް ބަރޯސާވުން ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ.

ކަމަލް ހާސަން ވަނީ މި މައްސަލައިގައި ހުރިހާ ސްޓޭޓްތަކެއްގެ މުސްކުޅިވަޒީރުން (ޗީފް މިނިސްޓަރުން) ބައިވެރިވާ ގައުމީ ސަމިޓެއް ބޭއްވުމަށް ބޮޑުވަޒީރަށް ގޮވާލާފައެވެ. އޭނާ ބުނި ގޮތުގައި ހަމައެކަނި ރައްޔިތުން ގުރުބާނީވުމުގެ ބަދަލުގައި، ސަރުކާރުތަކުން ވެސް ޒިންމާ ނަގަންޖެހެއެވެ. އެގޮތުން ތެލުން ނަގާ ޓެކްސް ކުޑަކުރުމަށާއި، ރޭލާއި މެޓްރޯ އަދި ބަހުގެ ފީތައް އަގުހެޔޮކޮށް، އާންމު ދަތުރުފަތުރު ބޭނުންކުރުމަށް ރައްޔިތުންނަށް ބާރުއެޅުމަށް އޭނާ ހުށަހެޅިއެވެ.

އޭނާގެ ވާހަކަ ނިންމާލަމުން ބުނީ، އެންމެން ގުޅިގެން މި ދަތި ވަގުތާ ކުރިމަތިލައިފި ނަމަ، އިންޑިއާ މި ހާލަތުން އަރައިގަންނާނީ ކުރިއަށް ވުރެ ވަރުގަދަ ގައުމެއްގެ ގޮތުގައި ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު