ބާސިލް ރާޖަޕަކްސަ
ބާސިލް ރާޖަޕަކްސަ
ސްރީލަންކާގެ ކުރީގެ މިނިސްޓަރު ބާސިލް ރާޖަޕަކްސަ ހައްޔަރުކުރުމުގެ އަމުރެއް އެ ގައުމުގެ މާތަރަ މެޖިސްޓްރޭޓް ކޯޓުން މިއަދު ވަނީ ނެރެފައެވެ.

ކޯޓުން މި އަމުރު ނެރުނީ، ބާސިލްގެ މައްޗަށް ތުހުމަތުކުރެވޭ ޣައިރުގާނޫނީ ފައިސާގެ މައްސަލައެއްގެ ޝަރީއަތުގެ އަޑުއެހުމަށް އޭނާ ކޯޓަށް ހާޒިރުވެވަޑައިނުގެންނެވުމާ ގުޅިގެންނެވެ.

މިއަދުގެ އަޑުއެހުމަށް އޭނާ ހާޒިރުވެފައި ނުވާތީ، މެޖިސްޓްރޭޓް ވަނީ ވަގުތުން އޭނާ ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމުގެ އަމުރު ނެރުއްވާފައެވެ.

މި މައްސަލައަކީ ބާސިލް ރާޖަޕަކްސަ ނާޖާއިޒު ގޮތެއްގައި ހޯއްދަވާފައިވާ ފައިސާ ބޭނުންކުރައްވައިގެން، މާތަރަ ސަރަހައްދުގެ ބްރައުންސް ހިލް އިން ބިމެއް ބައްލަވައިގަތް ކަމަށް ބުނާ މައްސަލައެކެވެ.

މި މައްސަލައިގެ ތަހުގީގުތަކާއި ޝަރީއަތްތައް ކުރިއަށްދާއިރު، އޭނާ ކޯޓަށް ފިއްލަވައިގެން އުޅުއްވާކަމުގެ ތުހުމަތުތަކެއް ވެސް ވަނީ ފެންމަތިވެފައެވެ. ބާސިލް ރާޖަޕަކްސައަކީ ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އަދި ގޮތާބަޔާ ރާޖަޕަކްސަގެ ކޮއްކޯފުޅެވެ.



ކިޔުންތެރިންގެ ހިޔާލު