ޝަކީރާ
ޝަކީރާ
ކޮލަމްބިއާއަށް ނިސްބަތްވާ ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާގެ މައްޗަށް ސްޕެއިންގެ ސަރުކާރުން ކުރި ޓެކްސް ފައިސާއަށް މަކަރު ހެދުމުގެ މައްސަލަ ސާބިތުނުވާ ކަމަށް އެ ގައުމުގެ ހައިކޯޓުން ނިންމައި، އޭނާ ކުށްވެރިނުވާ ކަމަށް ހުކުމް ކޮށްފިއެވެ.

ގާތްގަނޑަކަށް އަށް އަހަރަށްވުރެ ގިނަ ދުވަސްވީ މި ގާނޫނީ ހަނގުރާމަ ނިމުމަކަށް އައީ، މީގެ ކުރިން ޝަކީރާގެ އަތުން ޖޫރިމަނާގެ ގޮތުގައި އަތުލާފައިވާ 55 މިލިއަނަށްވުރެ ގިނަ ޔޫރޯ (ގާތްގަނޑަކަށް 64 މިލިއަން އެމެރިކާ ޑޮލަރު)، އޭގެ އިންޓްރެސްޓާއި ކޯޓު ހަރަދާއެކު ސްޕެއިންގެ ޓްރެޜަރީން އޭނާއަށް އަނބުރާ ރައްދުކުރުމަށް ކޯޓުން ކުރި އަމުރާ އެކުގައެވެ.

މި މައްސަލަ ބިނާވެފައި އޮތީ 2011 ވަނަ އަހަރު ޝަކީރާއަކީ ސްޕެއިންގެ ރެސިޑެންޓެއް (އެ ގައުމުގައި ދިރިއުޅޭ މީހެއް) ގެ ގޮތުގައި ބަލައި، އެ ގައުމަށް ޓެކްސް ދައްކަންޖެހޭނެ ކަމަށް ބުނެ ޓެކްސް އިދާރާއިން ކުރި ދައުވާއެއްގެ މައްޗަށެވެ.

ސްޕެއިންގެ ގާނޫނު ބުނާގޮތުން މީހަކު އެ ގައުމުގެ ޓެކްސް ރެސިޑެންޓަކަށް ވަނީ އަހަރެއްގެ ތެރޭގައި މަދުވެގެން 183 ދުވަސް އެ ގައުމުގައި ހޭދަކުރުމުންނެވެ.

ނަމަވެސް، މެޑްރިޑްގެ ކޯޓުން ނިންމި ނިންމުމުގައި ބުނެފައިވަނީ ޝަކީރާ އެ އަހަރު ސްޕެއިންގައި އުޅުނީ އެންމެ 163 ދުވަހު ކަމަށާއި، އޭނާ އެ ގައުމުގައި 183 ދުވަސް ހޭދަކުރިކަން ސާބިތުކޮށްދޭން ސަރުކާރުގެ އިދާރާތަކަށް ނުކުޅެދުނު ކަމަށެވެ. އެ ދުވަސްވަރު ޝަކީރާ ސްޕެއިންގައި އުޅުނީ ބާސެލޯނާގެ ކުރީގެ ފުޓްބޯޅަ ތަރި ޖެރާޑް ޕީކޭއާ އޮތް ގުޅުމުގެ ސަބަބުންނެވެ.

ކޯޓުގެ ހުކުމަށްފަހު ޝަކީރާ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އޭނާ އެއްވެސް އިރެއްގައި ޓެކްސްއަށް މަކަރު ހަދާފައި ނުވާނެ ކަމަށާއި، މި ވޭތުވެދިޔަ އަށް އަހަރަކީ އޭނާގެ އަބުރާއި، ސިއްހަތާއި، އަދި އާއިލާގެ ހަމަޖެހުން ނަގާލުމަށް ސަރުކާރުގެ އިދާރާތަކުން ހިންގި ރޭވުންތެރި ކެމްޕޭނެއްގެ ސަބަބުން ވަރަށް ބޮޑު ތަކްލީފެއް އުފުލަންޖެހުނު ދުވަސްތަކެއް ކަމަށެވެ.

އަދި އޭނާއަކީ ކުށްވެރިއެއްގެ ގޮތުގައި ދައްކައިގެން، ޓެކްސް އިދާރާއިން އެހެން ރައްޔިތުންނަށް ބިރުދެއްކުމަށް އޭނާގެ ނަން ބޭނުންކުރި ކަމަށްވެސް ޝަކީރާ ތުހުމަތުކުރިއެވެ. ޝަކީރާގެ ވަކީލު ޖޯސޭ ލުއިސް ޕްރާޑާ ވިދާޅުވީ، ޝަކީރާގެ ކިބައިގައި މިފަދަ ބޮޑު މައްސަލައަކާ ދެކޮޅަށް ތެދުވުމުގެ މާލީ ތަނަވަސްކަމާއި ހިތްވަރު ހުރި ނަމަވެސް، މިފަދަ ބޮޑެތި މައްސަލަތަކުގެ ސަބަބުން އާންމު ރައްޔިތުންނަށް ދިފާއުނުވެވި ނިކަމެތިވާ ކަމަށެވެ.

މީގެ ކުރިން 2023 ވަނަ އަހަރު، ޝަކީރާގެ މައްޗަށް ކުރެވުނު 2012 އާއި 2014 އާ ދެމެދުގެ ޓެކްސް މައްސަލައެއްގައި، ޝަރީއަތަކަށް ނުގޮސް ސުލްހަވުމަށްޓަކައި އޭނާ ވަނީ 7.3 މިލިއަން ޔޫރޯގެ ޖޫރިމަނާއެއް ދައްކާފައެވެ. އެ ފަހަރު އޭނާ އެގޮތަށް ނިންމީ އަމިއްލަ ނަފްސާއި ދަރިންގެ ހަމަޖެހުމަށްޓަކައި ކަމަށް ބުނެފައިވެއެވެ.

ސްޕެއިންގެ ޓެކްސް އިދާރާއިން ފާއިތުވި އަހަރުތަކުގައި ދުނިޔޭގެ މަގްބޫލު ފުޓްބޯޅަ ތަރިން ކަމަށްވާ ލިއޮނަލް މެސީ އަދި ކްރިސްޓިއާނޯ ރޮނާލްޑޯ ފަދަ ސެލެބްރިޓީންގެ މައްޗަށްވެސް ޓެކްސްގެ ބޮޑެތި މައްސަލަތައް ކުރިމަތިކޮށްފައިވެއެވެ. ނަމަވެސް، ޝަކީރާ މިވަނީ ސްޕެއިންގެ ސަރުކާރާ ދެކޮޅަށް ކުރި ގާނޫނީ ހަނގުރާމައިން ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.



ކިޔުންތެރިންގެ ހިޔާލު