މާލޭ 'ވެޓް މާކެޓް ކޮމްޕްލެކްސް'ގެ ކުރެހުން
މާލޭ 'ވެޓް މާކެޓް ކޮމްޕްލެކްސް'ގެ ކުރެހުން
މާލޭ މާރުކޭޓު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއު ކުރިއަށް ނުގޮސް ލަސްވަނީ، ތަކުރާރުކޮށް އެދިގެން ވެސް މާލެ ސިޓީ ކައުންސިލުން ބިން ހަވާލުނުކޮށްގެން ކަމަށް މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން މިއަދު ބުނެފިއެވެ.

ޒަމާނީ ވަސީލަތްތަކާ އެކު މާލޭ 'ވެޓް މާކެޓް ކޮމްޕްލެކްސް' ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 15 މާޗު 2026 ގައެވެ. މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ފައިނޭންސް ހަމަޖެހިފައިވާކަން ކަށަވަރުކުރުމާއެކު، މިނިސްޓްރީގެ ފަރާތުން ފުރިހަމަކުރަންޖެހޭ ހުރިހާ އިދާރީ ކަންކަމެއް ނިންމާފައިވާ ކަމަށެވެ. އަދި ކޮންޓްރެކްޓަރުގެ ފަރާތުން މަސައްކަތް ފެށުމަށް ބޭނުންވާ ތައްޔާރީތައް ވެސް މިހާރު ވަނީ ފުރިހަމަކޮށްފައެވެ.

މި މަޝްރޫއުގެ ދަށުން ބިނާކުރާ ވެޓް މާކެޓް ކޮމްޕްލެކްސް ފަރުމާކޮށްފައި ވަނީ ހަ ބުރީގެ އިމާރާތެއްގެ ގޮތުގައެވެ. އެގޮތުން ބޭސްމަންޓް ޕާކިންއަށް ހާއްސަ ކޮށްފައިވާއިރު، ގްރައުންޑް ފްލޯ ޚާއްސަ ކޮށްފައިވަނީ މަސް މާރުކޭޓަށެވެ. ހަމައެއާއެކު 1 ވަނަ، 2 ވަނަ އަދި 3 ވަނަ ފްލޯ ދަނޑުވެރިކަމުގެ އުފެއްދުންތަކާއި މޭވާ އާއި ތަރުކާރީ މާރުކޭޓަށް ޚާއްސަކޮށްފައިވާއިރު، ޓެރަސް ޚާއްސަ ކޮށްފައިވަނީ ފުޑް ކޯޓަކަށެވެ.

މި މަޝްރޫއުގެ ސްކޯޕްގެ ތެރޭގައި ސިވިލް، ސްޓްރަކްޗަރަލް، އާކިޓެކްޗަރަލް އަދި އެމްއީޕީ ހުރިހާ މަސައްކަތެއްގެ އިތުރުން ފިނިޝިން މަސައްކަތްތަކާއި ފަޔާ ފައިޓިން ސިސްޓަމް ހަރުކުރުން ހިމެނެއެވެ.

މީގެ އިތުރުން ފަސް ލިފްޓާއި، މަސް ބެހެއްޓުމަށް ބޭނުންވާ ސްޓެއިންލެސް ސްޓީލް ކިއޮސްކްތަކާއި، ތަރުކާރީ ބަހައްޓާ ލަކުނޑި ކިއޮސްކްތަކުގެ އިތުރުން ފަސް ޓަނުގެ އައިސް މެޝިނެއް ބެހެއްޓުން ވެސް ހިމެނެއެވެ. މި އިމާރާތް ނިމޭއިރު ޖުމްލަ 85,000 އަކަފުޓުގެ ޖާގަ ލިބޭނެއެވެ.

ނަމަވެސް، މިނިސްޓްރީން ވަނީ މި މަޝްރޫއު ފެށުމަށް ބޭނުންވާ ބިން ހަމަޖައްސައިދޭން ހަތަރު ފަހަރެއްގެ މަތިން ސިޓީ ކައުންސިލުގައި އެދިފައިވިޔަސް، މިހާތަނަށް ބިން ހަވާލުކޮށްފައިނުވާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

"މި މަޝްރޫއު ގެ އިދާރީ ކަންކަމާއި ފައިނޭންސް ހަމަޖެހި ކޮންޓްރެކްޓަރު ވެސް އަމަލީ މަސައްކަތް ފެށުމަށް ފުރިހަމަ ތައްޔާރުވީ ނަމަވެސް މި މަސައްކަތް ނުފެށި އޮތް ހަމައެކަނި ސަބަބަކީ މަޝްރޫއު ހިންގުމަށް ކަނޑައަޅާފައިވާ ބިން ހުސްކޮށް މިނިސްޓްރީއާ ހަވާލުކޮށްފައި ނުވުމެވެ." މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކުރިއަށް ގެންދާ މި މަޝްރޫއުގެ ޖުމްލަ އަގަކީ 117 މިލިއަން ރުފިޔާއެވެ. ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކޮށްފައިވާ މި މަޝްރޫއުގެ ދަށުން ފައިސާ އަނބުރާ ދައްކަން ހަމަޖެހިފައި ވަނީ 50 މަސް ދުވަހަށް ބަހާލައިގެންނެވެ.

ހައުސިން މިނިސްޓްރީން އިތުރަށް ބުނީ، މިއީ މާލޭގެ ރައްޔިތުންނަށް ނުހަނު ބޭނުންތެރި މަޝްރޫއެއް ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އަމާޒަކީ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ވީއެންމެ އަވަހަކަށް މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު