އެލްޖީއޭ
އެލްޖީއޭ
ލޯކަލް ކައުންސިލްތަކުގެ މަސައްކަތްތަކާއި ހަރަކާތްތައް ވިލަރެސް ކުރުމުގެ ގާނޫނީ ޒިންމާ މަތިކޮށްފައިވާ ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ މުވައްޒަފުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ދަށަށް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 72 މެންބަރުންގެ ތެރެއިން 59 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ބިލާ އެއްކޮޅަށް ވޯޓު ދެއްވީ ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންނެވެ. ބިލް ފާސްކުރަން ނުފެންނަ ކަމަށް އިދިކޮޅު އެމްޑީޕީގެ 10 މެންބަރުން ވޯޓު ދެއްވާފައިވެއެވެ.

ސަރުކާރުގެ ފަރާތުން ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު އަބްދުﷲ ހުށަހެޅުއްވި މި ބިލުގެ މަގުސަދަކީ އެލްޖީއޭގެ ހިންގުން ހަރުދަނާކުރުމަށްޓަކައި އެ ތަނުގެ މުވައްޒަފުންނަކީ ސިވިލް ސާވިސްގެ މުވައްޒަފުން ކަމުގައި ހަމަޖެއްސުމެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި މި އިސްލާހާއެކު، އެލްޖީއޭގެ މުވައްޒަފުން އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު އެ އޮތޯރިޓީގެ ބޯޑަށް އޮތް އޮތުން ނިމުމަކަށް އަންނާނެއެވެ. އަލަށް އިތުރުކުރި މާއްދާގައިވާ ގޮތުން، އެލްޖީއޭއަށް ބޭނުންވާ މުވައްޒަފުން އައްޔަންކޮށް ވަކިކުރާނީ އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ ލަފާގެ މަތިން ސީއެސްސީންނެވެ. އަދި ސިވިލް ސާވިސްގެ ގާނޫނުގެ ދަށުން އަދާކުރަންޖެހޭ ޒިންމާދާރު އިސްވެރިޔާގެ ދައުރު އަދާކުރާނީ އެލްޖީއޭގެ ސީއީއޯއެވެ.

މި އިސްލާހުގެ ދަށުން އެލްޖީއޭގެ މުވައްޒަފުންގެ މަގާމުތަކުގެ އޮނިގަނޑު އެކުލަވާލާނީ ބޯޑުގެ ލަފާގެ މަތިން ސީއީއޯއެވެ. މި އޮނިގަނޑު ސީއެސްސީން ފާސްކުރަން ޖެހޭއިރު، މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ނޭޝަނަލް ޕޭ ކޮމިޝަނުންނެވެ.

ބިލުގައިވާ ގޮތުން، ސީއެސްސީން އޮނިގަނޑު ފާސްކުރާތާ 30 ދުވަހުގެ ތެރޭގައި ޕޭ ކޮމިޝަނުން މުސާރައިގެ އޮނިގަނޑު ނިންމަންޖެހެއެވެ. އަދި އެ އޮނިގަނޑު ކަނޑައަޅާތާ ގިނަވެގެން 60 ދުވަހުގެ ތެރޭގައި އެލްޖީއޭގެ މުވައްޒަފުން ސިވިލް ސާވިސްގެ މަގާމުތަކަށް ބަދަލުކޮށް ނިންމަންވާނެ ކަމަށްވެސް މަޖިލީހުން ފާސްކުރި މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ބަދަލާއެކު އެލްޖީއޭގެ އިދާރީ ހިންގުމަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ.



ކިޔުންތެރިންގެ ހިޔާލު