ޖަރުމަނުގައި ތިބި އެމެރިކާގެ ލަޝްކަރުން ބައެއް ޕޮލެންޑަށް ބަދަލުކުރުމުގެ ވިސްނުންފުޅު ގެންގުޅުއްވާކަމުގެ އިޝާރާތެއް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.

ވޯސޯއާއި އެމެރިކާއާ ދެމެދު އޮތް ބަދަހި ގުޅުމަށް ރައީސް ޓްރަމްޕް ތައުރީފު ކުރެއްވިއިރު، ކުރިއަށް އޮތް 6 މަހާއި 12 މަސްދުވަހުގެ ތެރޭގައި ޖަރުމަނުގެ އަސްކަރީ މަރުކަޒުތަކުން ގާތްގަނޑަކަށް 5،000 ސިފައިން ބޭލުމުގެ މަސައްކަތް ޕެންޓަގަނުން ދަނީ ކުރަމުންނެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ޕޮލެންޑުން އެކަމަށް އެދޭ ކަމަށާއި، އެ ޤައުމާ އެކު އޮތް ގާތް ގުޅުމުގެ ސަބަބުން އެއީ ވެދާނެ ކަމެއް ކަމަށެވެ. ޓްރަމްޕް މިހެން ވިދާޅުވެފައި މިވަނީ، ޖަރުމަނުގައި ތިބި އެމެރިކާ ސިފައިންގެ އަދަދު މަދުކުރާނެކަން މި މަހުގެ ކުރީކޮޅު ޕެންޓަގަނުން ކަށަވަރުކޮށްދީފައި ވަނިކޮށެވެ. މިއީ ފަހުގެ ތާރީޚެއްގައި ޖަރުމަނުން އެމެރިކާ ސިފައިން ބާލާ އެންމެ ބޮޑު މިންވަރެވެ. މި ނިންމުން އައިސްފައިވަނީ އީރާނާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ މައްސަލައިގައި ޖަރުމަނުގެ ޗާންސެލަރ ފްރީޑްރިކް މާރޒްއާއި ޓްރަމްޕާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކުރެވުނު ފަހުންނެވެ.

ޕޮލެންޑުގެ ލީޑަރުންގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ޕޮލެންޑުގެ ރައީސް ކަރޯލް ނަވްރޮކްސްކީ ގެންދަވަނީ އެމެރިކާ ސިފައިން އެ ޤައުމަށް ގެނައުމަށް ބާރުއަޅުއްވަމުންނެވެ. ނަމަވެސް، އެ ޤައުމުގެ ބޮޑުވަޒީރު ޑޮނަލްޑް ޓުސްކް ގެންގުޅުއްވަނީ މިއާ ތަފާތު، ރައްކާތެރި ސިޔާސަތެކެވެ. އޭނާ ވިދާޅުވީ ނޭޓޯގެ އެހެން ބައިވެރި ޤައުމުތަކުގައި ތިބި ސިފައިން "ޖަހައިގަތުމަކީ" ޕޮލެންޑުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި، އެފަދަ އަމަލެއްގެ ސަބަބުން ވިލާތުގެ ޤައުމުތަކުގެ އެއްބައިވަންތަކަމަށް ބުރޫއަރާނެ ކަމަށެވެ. މިކަމާ ގުޅޭގޮތުން ޕޮލެންޑުގެ ޑިފެންސް މިނިސްޓަރު ލަޑިސްލާވް ކޮސިނިއަކް-ކަމީޝް ވިދާޅުވީ، ޓްރަމްޕްގެ ވާހަކަފުޅަށް މަރުހަބާ ވިދާޅުވާ ކަމަށާއި، ޕޮލެންޑާއި އެމެރިކާގެ އިއްތިހާދަކީ އެ ޤައުމުގެ ސަލާމަތީ ބިންގާ ކަމަށެވެ.

ސްޓްރެޓީޖިކް މުހިންމުކަންމިހާރުވެސް ޕޮލެންޑުގައި އެމެރިކާގެ 10،000 އެއްހާ ސިފައިން ދައުރުވާ އުސޫލުން ހަރަކާތްތެރިވަމުންދެއެވެ. ޕޮލެންޑަކީ ނޭޓޯގެ ޤައުމުތަކުގެ ތެރެއިން ދިފާއީ ޚަރަދަށް ޖީޑީޕީގެ 2 އިންސައްތައަށްވުރެ އިތުރަށް ހޭދަކުރާ މަދު ޤައުމުތަކުގެ ތެރެއިން އެއް ޤައުމެވެ.

އަސްކަރީ މާހިރުން ދެކޭގޮތުގައި ސިފައިން އިރުމައްޗަށް ބަދަލުކުރުމަކީ ނޭޓޯގެ އެންމެ ނާޒުކު ސަރަހައްދުތަކުގެ ރައްކާތެރިކަން އިތުރުވާނެ ކަމެކެވެ. ނަމަވެސް މިކަމުގެ ސަބަބުން ލޮޖިސްޓިކް ގޮތުން ބޮޑެތި ޚަރަދުތަކެއް ހިނގާނެއެވެ. މިހާރު ޖަރުމަނަކީ އެމެރިކާގެ ޔޫރަޕިއަން ކޮމާންޑްގެ މައި މަރުކަޒު ކަމަށްވާއިރު، އެ ޤައުމުގައި އެމެރިކާގެ 35،000 އަށްވުރެ ގިނަ ސިފައިން ތިބެއެވެ.

ޖަރުމަނުން ބާލާ ސިފައިން ފޮނުވާނެ ވަކި ތަނެއްގެ ފަހު ނިންމުން އަދި އިއުލާނެއް ނުކުރެއެވެ. ނަމަވެސް މި މައްސަލައިން ހާމަވަނީ، ދިފާއީ ޚަރަދުތައް ފުރިހަމަކުރާ ޤައުމުތަކަށް އިސްކަންދިނުމަށް ޓްރަމްޕް ގެންގުޅުއްވާ "ވިޔަފާރި އުސޫލުގެ" ސިޔާސަތެވެ. ސިފައިން ބަދަލުކުރާނެ ސަރަހައްދުތަކާއި ސީދާ އަދަދު އެނގޭނީ ޕެންޓަގަނުން އެކަމުގެ ރޭވުންތައް ނިންމުމުންނެވެ.



ކިޔުންތެރިންގެ ހިޔާލު