އެމެރިކާގެ ރައީސް ޑޮނަލްޑް ޓަރަމްޕް-
އެމެރިކާގެ ރައީސް ޑޮނަލްޑް ޓަރަމްޕް-
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުކުރު ދުވަހު ވިދާޅުވީ، ރަޝިއާއާއި ޔޫކްރެއިނުގެ ލީޑަރުން އެމަނިކުފާނުގެ އެދިވަޑައިގަތުމަކަށް ތިން ދުވަހުގެ މުއްދަތަށް ހަނގުރާމަ ހުއްޓާލުމަށާއި އަސީރުން ބަދަލުކުރުމަށް އެއްބަސްވެފައިވާ ކަމަށެވެ. އަދި މި ފިޔަވަޅަކީ ދެ ޤައުމުގެ ދެމެދުގައި ހިނގަމުންދާ ދިގުލީ ހަނގުރާމަ ނިމުމަކަށް އައުމުގެ ފެށުން ކަމުގައި ވެދާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޔޫކްރެއިނުގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީއާއި، ރަޝިއާގެ ރައީސް ލަޑީމިއަރ ޕޫޓިންގެ ޚާރިޖީ ކަންކަމާބެހޭ މުޝީރު ޔޫރީ އުޝަކޯވް ވަނީ މި އެއްބަސްވުން ކަށަވަރުކޮށްދެއްވާފައެވެ.

"އަޅުގަނޑު އެދުމުން، ރައީސް ޕޫޓިންއާއި ރައީސް ޒެލެންސްކީވެސް ވަރަށް ފަސޭހަކަމާއެކު އެކަމަށް އެއްބަސްވެވަޑައިގެންނެވި،" ވާޖިނިއާގައި އޮތް ފަރިއްކޮޅަކަށް ވަޑައިގަތުމަށް ވައިޓް ހައުސްއިން ނުކުމެވަޑައިގަންނަވަމުން ޓްރަމްޕް ވިދާޅުވިއެވެ. "މި ލިބުނު ކުރު މުއްދަތުގެ ތެރޭގައި މީހުން މެރުން ހުއްޓިގެންދާނެ. މިއީ ވަރަށް ރަނގަޅު ކަމެއް."

މި ހަނގުރާމަ ހުއްޓާލުމުގެ މުއްދަތަކީ ހޮނިހިރު ދުވަހުން ފެށިގެން ހޯމަ ދުވަހުގެ ނިޔަލަށް (މެއި 9، 10 އަދި 11) ކަމަށް ޓްރަމްޕް ސޯޝަލް މީޑިއާގައި ކުރިން ހާމަކުރެއްވިއެވެ. ހޮނިހިރު ދުވަހަކީ ދެވަނަ ބޮޑު ހަނގުރާމައިގައި ނާޒީ ޖަރުމަނުގެ މައްޗަށް ހޯދި ކާމިޔާބީ ފާހަގަކުރުމަށް ރަޝިއާގައި ފާހަގަކުރާ "ވިކްޓަރީ ޑޭ" އެވެ. ޓްރަމްޕް ލިޔުއްވާފައިވާ ގޮތުގައި، މި ދުވަހަކީ ރަޝިއާއަށް ފަދައިން ޔޫކްރެއިނަށްވެސް މުހިންމު ދުވަހެއް ކަމަށެވެ. ސަބަބަކީ ދެވަނަ ބޮޑު ހަނގުރާމައިގައި ޔޫކްރެއިނަކީވެސް ބޮޑު ދައުރެއް އަދާކުރި ޤައުމަކަށް ވާތީއެވެ.

މި އެއްބަސްވުމުގެ ދަށުން ހުރިހާ އަސްކަރީ ހަރަކާތްތަކެއް ހުއްޓާލުމުގެ އިތުރުން، ކޮންމެ ޤައުމަކުން 1،000 އަސީރުން ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ކުރިންވެސް ހަނގުރާމަ ހުއްޓާލުމަށް ކުރި މަސައްކަތްތައް ނާކާމިޔާބުވެފައިވާކަން ފާހަގަކުރެވެއެވެ.

ޓްރަމްޕް ވިދާޅުވީ މި އެދުމަކީ ސީދާ ދެ ޤައުމުގެ ރައީސުންނަށް ހުށަހެޅުއްވި ހުށަހެޅުމެއް ކަމަށާއި، މިއީ މި ނުރައްކާތެރި ހަނގުރާމަ ނިމުމަކަށް އައުމުގެ ފެށުމަށް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. 2022 ވަނަ އަހަރު ފެށުނު މި ހަނގުރާމަ ހުއްޓުވުމަށް ކުރެވޭ މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، ކޮންމެ ދުވަހަކުވެސް ހައްލަކާ ގާތްވަމުންދާ ކަމަށް އެމަނިކުފާނު އިތުރަށް ވިދާޅުވިއެވެ.

ރައީސް ޒެލެންސްކީ ވިދާޅުވީ، ޔޫކްރެއިނުން މި މަޝްވަރާތަކުގައި ބައިވެރިވުމުގެ މައިގަނޑު ބޭނުމަކީ ހަނގުރާމައިގެ އަސީރުން މިނިވަންކުރުން ކަމަށެވެ. "ރަޝިއާގެ ރެޑް ސްކޮއަރއަށްވުރެ އަޅުގަނޑުމެންނަށް މުހިންމީ ގެއަށް އެނބުރި އަންނަން ތިބި ޔޫކްރެއިނުގެ އަސީރުންގެ ފުރާނަ،" ޓެލެގްރާމް މެދުވެރިކޮށް އޭނާ ވިދާޅުވިއެވެ.

ޒެލެންސްކީ ވަނީ ރަޝިއާގެ "ވިކްޓަރީ ޑޭ" ޕެރޭޑް ބޭއްވުމަށް "ހުއްދަދޭ" ރިޔާސީ ޤަރާރެއް ނެރުއްވާފައެވެ. މި ޤަރާރުގެ ބޭނުމަކީ ރަޝިއާގެ ވެރިރަށަށް ހަމަލާދިނުމުގެ ޤާބިލުކަން ޔޫކްރެއިނަށް ލިބިގެންވާކަން ހާމަކުރުމެވެ. ނަމަވެސް، ރަޝިއާގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވަނީ މިއީ "މޮޔަ ސަމާސާއެއް" ކަމަށް ބުނެ އެކަން ބަލައިނުގަންނަކަން ހާމަކޮށްފައެވެ. އޭނާ ވިދާޅުވީ ރަޝިއާގެ ކާމިޔާބީ ފާހަގަކުރުމަށް އެއްވެސް މީހެއްގެ ހުއްދަ ބޭނުންނުވާނެ ކަމަށެވެ.

ޒެލެންސްކީ ވަނީ މި އެއްބަސްވުމަކީ އެމެރިކާ މެދުވެރިވެގެން ކުރެވުނު މަސައްކަތެއްކަން ފާހަގަކޮށް، ޓްރަމްޕަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރަޝިއާއިން މި އެއްބަސްވުމަށް އިހުތިރާމްކުރޭތޯ އެމެރިކާއިން ބަލާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ޓްރަމްޕް މި އުންމީދީ ޚަބަރު ދެއްވިއިރު، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ ހަނގުރާމަ ހުއްޓުވުމުގެ މަޝްވަރާތަކާ މެދު މާ ބޮޑު އުންމީދެއް ނެތްކަން ހާމަކުރައްވާފައެވެ. ރޫބިއޯ ވިދާޅުވީ މިހާތަނަށް ކުރެވުނު މަސައްކަތްތަކުން އެދެވޭ ނަތީޖާއެއް ފެނިފައިނުވާ ކަމަށާއި، މަޝްވަރާތައް މަޑުޖެހިފައިވާ ކަމަށެވެ. ނަމަވެސް، ހާލަތު ބަދަލުވެއްޖެނަމަ އެމެރިކާ އަބަދުވެސް އޮތީ އެހީތެރިވުމަށް ތައްޔާރަށް ކަމަށް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު