ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް، ފޮޓޯ: އިމިގްރޭޝަން
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް، ފޮޓޯ: އިމިގްރޭޝަން
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރިއަށް އޮތް 6 މަސްދުވަހަކީ އެފަދަ މީހުން ހޯދައި ރާއްޖެއިން ފޮނުވާލުމުގެ ޚާއްސަ އޮޕަރޭޝަނެއް ކުރިއަށްދާނެ ދުވަސްތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ސައްޙަ ވޯކްޕާމިޓްގައި ރާއްޖޭގައި ތިބި ބިދޭސީންގެ ތެރެއިން 98 އިންސައްތަ މީހުންގެ ބަޔޯމެޓްރިކް މައުލޫމާތު މިހާރު ކަށަވަރުކޮށް ނިމިފައިވާ ކަމަށެވެ. މީގެ ތެރޭގައި 10 އިނގިލީގެ ނިޝާނާއި ސާފު ފޮޓޯ ހިމެނޭއިރު، މިއީ ކުރީގެ ތަފާސްހިސާބުތަކާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި 17 ނޮވެމްބަރު 2023 އާ ހަމައަށް މި އަދަދު ހުރީ އެންމެ 13 އިންސައްތައިގައެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެކެވެ. މިގޮތުން، އިމިގްރޭޝަނުން މިދިޔަ އަހަރާއި މި އަހަރުގެ ތެރޭގައި ހިންގި ރެއިޑް އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ ބިދޭސީން ވަނީ އަތުލައިގަނެފައެވެ. ޚާއްސަކޮށް ބިދޭސީން ދިރިއުޅޭ ތަންތަނާއި ވިޔަފާރިކުރާ ތަންތަން ބަލައި ފާސްކުރުން ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފައެވެ.

މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ފަށާފައިވާ "ކުރަނގި" އޮޕަރޭޝަންގެ ދަށުން މިހާތަނަށް 202،000 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ވަނީ އެއްކޮށްފައެވެ. އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، "އޯޕަން ވިޒާ" ގެ ނަމުގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީންގެ އަދަދު ވަނީ އިތުރުވެފައެވެ.

ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކާއެކު، މިހާތަނަށް ގަވާއިދާ ޚިލާފަށް އުޅުނު 9,697 އަށް ވުރެ ގިނަ ބިދޭސީން ވަނީ ރާއްޖެއިން ޑީޕޯޓުކޮށްފައެވެ. ރައީސް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ބާކީ ތިބި މީހުން ހޯދައި ފޮނުވާލުމުގެ މަސައްކަތް އިތުރަށް ވަރުގަދަ ކުރެވޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު