އިކޮނޮމިކް މިނިސްޓަރ-
އިކޮނޮމިކް މިނިސްޓަރ-
ދިވެހިރާއްޖޭގެ އިޤްތިސާދީ އެކި ސިނާއަތްތައް ކުރިއެރުވުމުގައި އަވައްޓެރި ސްރީލަންކާއިން އަދާކުރާ ދައުރު ވަރަށް މުހިންމު ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ސައީދު މިހެން ވިދާޅުވީ، ސްރީލަންކާގެ ކޮލަމްބޯގައި މިއަދު ފެށި "މޯލްޑިވްސް ބިޒްނަސް ފޯރަމް" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރުގެ ވާހަކަފުޅުގައި، ރާއްޖެއާއި ލަންކާއާ ދެމެދު އޮތް ތާރީޚީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރާއްޖޭގެ މާލީ ދާއިރާއާއި، ފަތުރުވެރިކަން، ދަތުރުފަތުރުގެ ނިޒާމު އަދި އުފެއްދުންތެރިކަމުގެ ސިނާއަތުގައި ލަންކާގެ ކުންފުނިތަކުން ވަމުންދާ ބޮޑު އެހީތެރިކަން ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ސައީދު އިތުރަށް ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި އޮތީ ހަމައެކަނި ވިޔަފާރީގެ ގުޅުމެއް ނޫން ކަމަށާއި، މިއީ ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް އިތުބާރާއި ގާތްކަމުގެ ނިޝާނެއް ކަމަށެވެ. އަދި ކުރިމަގުގައި މި ގުޅުން އިތުރަށް ފުޅާކުރުމުގެ ފުރުޞަތު އެބައޮތްކަންވެސް ފާހަގަކުރެއްވިއެވެ.

މަސްވެރިކަމާއި ލޮޖިސްޓިކްސް ފަދަ ދާއިރާތަކުން ދެ ޤައުމު ގުޅިގެން މަސައްކަތްކޮށްފިނަމަ، ބައިނަލްއަޤްވާމީ ބާޒާރުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދޭނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، އިއާދަކުރަނިވި ހަކަތައާއި "ބްލޫ އިކޮނޮމީ" ނުވަތަ ނޫ އިޤްތިސާދުގެ ދާއިރާއިން ދެ ޤައުމު ގުޅިގެން މުޅި ދުނިޔެއަށް ނަމޫނާ ދެއްކިދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ޒަމާނީ ޓެކްނޮލޮޖީއާއި ތިމާވެށީގެ ރޮނގުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މިއަދު ފެށުނު ފޯރަމަކީ ހަމައެކަނި މަޝްވަރާކޮށްލުމަށް ބާއްވާ ބައްދަލުވުމެއް ނޫން ކަމަށެވެ. އަދި މިއީ ޢަމަލީ ގޮތުން މަސައްކަތްތަކެއް ފެށުމަށް ލިބުނު ރަނގަޅު ފުރުޞަތެއް ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކަ ނިންމާލައްވާފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މައިގަނޑު އަމާޒަކީ އިންވެސްޓަރުންނަށް ފަހި މާޙައުލެއް ޤާއިމުކޮށްދިނުންކަން ފާހަގަކުރައްވަމުންނެވެ. އެގޮތުން ރާއްޖެއަކީ ބޭރުގެ ވިޔަފާރިތަކަށް މަރުޙަބާ ކިޔާ، ހުޅުވާލެވިފައިވާ ޤައުމެއްކަން މިނިސްޓަރު ސައީދު ހާމަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު