ފޮޓޯ: ބީއެމްއެލް
ފޮޓޯ: ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މުޖުތަމަޢުގެ ކުރިއެރުމަށް ހުޅުވާލާފައިވާ "ބޭންކް ފަންޑް" ކާމިޔާބުކުރި "ފޭލި" ޖަމިއްޔާގެ ފަރާތުން، ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ވޮކޭޝަނަލް އެޑިއުކޭޝަން ލެބް އިތުރަށް ތަރައްގީކޮށް، އެތަނުގައި ޒަމާނީ ޑިޖިޓަލް ސްޓޫޑިއޯއެއް މިއަދު ހުޅުވައިފިއެވެ.

ބީއެމްއެލް އިން މިއަދު ބުނީ2025 ވަނަ އަހަރުގެ ބޭންކް ފަންޑް ކާމިޔާބުކުރި ފައުންޑޭޝަން އޮފް އޭދަފުށި ޔޫތު ލިންކޭޖް (ފޭލި) އިން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ މައިގަނޑު މަގްސަދަކީ ދަރިވަރުންގެ އަމަލީ ހުނަރުތަކާއި އުފެއްދުންތެރިކަން ކުރިއަރުވައި، މަސައްކަތްތެރިކަމުގެ ދާއިރާއިން ބޭނުންވާ ތަމްރީނުތައް ޒަމާނީ ވަސީލަތްތަކާއެކު ފޯރުކޮށްދިނުން ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން އަލަށް ގާއިމުކުރި ޑިޖިޓަލް ސްޓޫޑިއޯ ފަރުމާކޮށްފައިވަނީ ޒަމާނީ ޑިޖިޓަލް ކެމެރާތަކާއި ފުރިހަމަ ޕްރޮޑަކްޝަން ސެޓަޕަކާ އެކުގައެވެ. މި ސްޓޫޑިއޯ މެދުވެރިކޮށް ސްކޫލުގެ ދަރިވަރުންނަށް ފޮޓޯގްރަފީ، ވީޑިއޯގްރަފީ އަދި ޑިޖިޓަލް ކޮންޓެންޓް ކްރިއޭޝަން ފަދަ ދާއިރާތަކުން ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ވަނީ ރޭވިފައެވެ.

މީގެ އިތުރުން، ފޭލި ޖަމިއްޔާއިން ވަނީ އެ ސްކޫލުގައި ކުރިން ހިންގަމުންދިޔަ ވޮކޭޝަނަލް ޓްރެއިނިންގ ލެބްވެސް ބޮޑެތި ބަދަލުތަކަކާއެކު އިތުރަށް ތަރައްގީ ކޮށްދީފައެވެ. އެގޮތުން ކާޕެންޓްރީއަށް ބޭނުންވާ ޒަމާނީ ވަޑާން ސާމާނާއި، ބެޓެރީ ޕަވާޑް އިލެކްޓްރިކް ޓޫލްތަކުގެ އިތުރުން ސަލާމަތީ އާލާތްތައް ވަނީ ހަމަކޮށްދީފައެވެ. އަދި ފެހުމުގެ ދާއިރާއަށް ހާއްސަކޮށް، އާ ފަހާފޮށިތަކާއި ފެހުމަށް ބޭނުންވާ އެހެނިހެން ސާމާނުތައް ވެސް ވަނީ މި ލެބްގައި ގާއިމުކޮށްފައެވެ.

މި ލެބްތައް މެދުވެރިކޮށް ދަރިވަރުންނަށް ބޭނުންވާ ތަފާތު ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް އޮތް ތަނުގައި ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލް އިން ބުނެފައިވެއެވެ.

"ބޭންކް ފަންޑް" އަކީ ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ޖަމިއްޔާތަކުން މުޖުތަމަޢަށް ފައިދާހުރި މަޝްރޫޢުތައް ހިންގުމަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސްއިން ކޮންމެ އަހަރަކު ހުޅުވާލާ ފުރުޞަތެކެވެ. މި ގްރާންޓުގެ ދަށުން ހޮވޭ ކޮންމެ 5 ޖަމިއްޔާއަކަށް، މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ބޭންކުގެ ފަރާތުން 200،000 ރުފިޔާގެ މާލީ އެހީތެރިކަން ފޯރުކޮށްދެއެވެ.



ކިޔުންތެރިންގެ ހިޔާލު