އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް
އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޔޫރަޕްގެ އިއްތިހާދުން އެމެރިކާއަށް އެތެރެކުރާ އުޅަނދުފަހަރާއި އުޅަނދުތަކުގެ ބައިތަކުން ނަގާ ޓެރިފް (އިމްޕޯޓް ޑިއުޓީ) %25 އަށް ބޮޑުކުރާނެ ކަމަށް ދެއްވި އިންޒާރާ ގުޅިގެން، ޔޫރަޕިއަން ކޮމިޝަނުން ވަނީ އެކަމަށް ދޭނެ ރައްދަކާ މެދު ހުރިހާ ފުރުޞަތަކަށް ބަލަމުންދާނެ ކަމަށް ބުނެފައެވެ.

ޓްރަމްޕް މިފަދަ އިންޒާރެއް ދެއްވީ މިދިޔަ އަހަރުގެ ހޫނު މޫސުމުގައި ދެފަރާތުގެ ދެމެދުގައި ވެވުނު ވިޔަފާރީގެ އެއްބަސްވުމާ އެއްގޮތަށް ޔޫރަޕްގެ އިއްތިހާދުން އަމަލުނުކުރާ ކަމަށް ތުހުމަތު ކުރައްވަމުންނެވެ. މީގެ ސަބަބުން ބައްރުތަކުގެ ދެމެދުގައި ވިޔަފާރީގެ ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

ހުކުރު ދުވަހުގެ ރޭ 'ޓްރޫތު ސޯޝަލް' މެދުވެރިކޮށް ޓްރަމްޕް ވިދާޅުވީ، ސްކޮޓްލޭންޑްގެ ޓާންބެރީ ގޯލްފް ކޯހުގައި ވެވުނު އެއްބަސްވުމަށް ޔޫރަޕްގެ އިއްތިހާދުން ބޯނުލަނބާތީ، މިހާރު އުޅަނދުފަހަރުން ނަގާ %15 ގެ ޓެރިފް ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ޔޫރަޕިއަން ކޮމިޝަންގެ ތަރުޖަމާނަކު ވިދާޅުވީ، ޓާންބެރީ އެއްބަސްވުން ތަންފީޒު ކުރަމުންދަނީ ޤާނޫނީ އިޖުރާއަތްތަކުގެ ތެރެއިން ކަމަށާއި، އެކަމުގެ ހުރިހާ މައުލޫމާތެއް އެމެރިކާ ސަރުކާރަށް ހިއްސާކުރަމުންދާ ކަމަށެވެ. މީގެ އިތުރުން، ޔޫރަޕިއަން ޕާލަމެންޓުގެ ޓްރޭޑް ކޮމިޓީގެ މުޤައްރިރު ވަނީ ޓްރަމްޕްގެ މި އިންޒާރަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ، އެމެރިކާއިން ވެފައިވާ އިޤުރާރުތަކާ ޚިލާފުވަމުންދާ ކަމަށް ތުހުމަތުކޮށްފައެވެ.

ސްކޮޓްލޭންޑް އެއްބަސްވުން ތަންފީޒު ކުރުމުގައި ދެފަރާތުގެ ދެމެދުގައި ދަނީ ނުތަނަވަސްކަން އުފެދެމުންނެވެ. އެމެރިކާއިން ޝަކުވާ ކުރަނީ ޔޫރަޕުން ޓެރިފްތައް ކުޑަކުރުން ލަސްވާތީއެވެ. ހަމައެއާއެކު، ޔޫރަޕުން އުފައްދާ އެލްމިނިއަމް އަދި ދަގަނޑުގެ ބާވަތްތަކުން އެމެރިކާއިން %26 ގެ ޓެރިފެއް ނަގާތީ ޔޫރަޕްގެ ޤައުމުތަކުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މި މައްސަލައިގައި ޔޫރަޕްގެ ޤައުމުތަކުގެ މެދުގައި ވެސް ޚިޔާލު ތަފާތުވުންތަކެއް އެބަހުއްޓެވެ. ފަރަންސޭސިވިލާތުން ބާރުއަޅަމުންދަނީ އެއްބަސްވުމާ މެދު އަލުން ވިސްނުމަށެވެ. ނަމަވެސް ގިނަ ޤައުމުތަކަކުން އެކަމާ ދެކޮޅު ހަދައެވެ. ޔޫރަޕިއަން ޕާލަމެންޓުގެ އެންމެ ބޮޑު ސިޔާސީ ގްރޫޕް ކަމަށްވާ ޔޫރަޕިއަން ޕީޕަލްސް ޕާޓީގެ މުޤައްރިރު މެންފްރެޑް ވެބާ ވިދާޅުވީ، ވިޔަފާރިވެރިންނަށް މިފަދަ ނުތަނަވަސްކަމެއްގައި ދިގު މުއްދަތަކަށް ނުތިބެވޭނެ ކަމަށާއި، އެއްބަސްވުމުގެ މަޝްވަރާތައް އަވަހަށް ނިންމައި އަމަލީ ސިފަ ގެންނަންޖެހޭ ކަމަށެވެ.

ޓްރަމްޕްގެ މި އިންޒާރާ ގުޅިގެން އެމެރިކާގައި މަސައްކަތްކުރާ ބޭރުގެ އުޅަނދު އުފައްދާ ކުންފުނިތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 'އޮޓޯސް ޑްރައިވް އެމެރިކާ' ގެ ސީ.އީ.އޯ ޖެނިފާ ސަފާވިއަން ވިދާޅުވި ގޮތުގައި، ޓެރިފް ބޮޑުކުރުމަކީ ޔޫރަޕްގެ މާކެޓްތައް ހުޅުވުމަށާއި އެމެރިކާގެ އޮޓޯ ސިނާއަތް ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކަށް އެޅޭ ހުރަހެކެވެ. މީގެ އިތުރުން ފަރަންސޭސިވިލާތުގެ ޔޫރަޕްގެ ކަންކަމާ ބެހޭ ވަޒީރު ވިދާޅުވީ، އަނެއް ފަރާތުން އެއްބަސްވުމަށް އިޙްތިރާމް ނުކުރާނަމަ، އެއްބަސްވުން ތަންފީޒު ކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު