މިއީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް | ރަސް އޮންލައިން
މިއީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް | ރަސް އޮންލައިން
އިންސާނާގެ ނަފުސާއި އަބުރަކީ އިސްލާމްދީނުގައި ނުހަނު މަތިވެރި ޙުރުމަތެއް ދެވިފައިވާ ދެ ކަންތައް ކަމަށާއި، އެކަންކަމަށް ރައްކާތެރިވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ދީނީ ވާޖިބެއްކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގައި ވަނީ މާތް ﷲ އިންސާނާ އުފައްދަވައި، އެހެން ހުރިހާ މަޚްލޫޤުންގެ މައްޗަށް އިންސާނާ މާތްކުރަށްވާފައިވާކަން ބަޔާންކޮށް، އިންސާނާގެ ފުރާނައަށް ގެއްލުން ދިނުމަކީ ބޮޑުވެގެންވާ ޙަރާމް ކަމެއްގެ ގޮތުގައި ކަނޑައަޅުއްވާފަވާކަން ހަނދާން ކޮށްދީފައެވެ. "ކީރިތި ޤުރްއާނުގައި މާތް ﷲ ވަޙީކުރައްވާފައިވަނީ ޙައްޤަކާ ނުލައި އެއްވެސް ނަފުސެއް ނުމެރުމަށެވެ. އަދި ދުނިޔޭގައި ކުރިމަތިވާ މުޞީބާތްތަކަކީ އިމްތިޙާނެއް ކަމަށާއި، އެފަދަ ވަގުތުތަކުގައި ކެތްތެރިވާ މީހުންނަށް އޮތީ ސުވަރުގެ ކަމަށްވެސް އަންގަވާފައިވެއެވެ." ޚުތުބާގައިވެއެވެ.

ޚުތުބާ ގައި ބުނީ އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވުމަކީ އިސްލާމްދީނުގައި ހުއްދަ ކަމެއް ނޫން ކަމަށެވެ. "ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ޙަދީޘްކުރައްވާފައިވާ ގޮތުގައި، އެއްޗެއް ބޭނުންކޮށްގެން އަމިއްލަ ނަފުސު ޤަތުލުކުރި މީހާއަށް ނަރަކައިގައި އެ އެއްޗަކުން ޢަޛާބު ދެއްވޭނެއެވެ. އިސްލާމީ ފިޤުހުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި އަމިއްލައަށް މަރުވާ މީހުންގެ މައްޗަށް އާންމު މުސްލިމުން ކަށުނަމާދު ކުރަންޖެހޭނެއެވެ. ނަމަވެސް، އެއީ ނުބައި ޢަމަލެއްކަން ހާމަކުރުމަށްޓަކައި މުޖުތަމަޢުގެ އިސްވެރިންނާއި ޢިލްމުވެރިން އެފަދަ ޖަނާޒާތަކުގައި ބައިވެރިނުވުމަކީ އެދެވިގެންވާ ކަމެކެވެ."

ހަމައެއާއެކު ޚުތުބާގައި ބުނީ، ފުރާނައިގެ އިތުރުން އިންސާނާގެ އަބުރަކީވެސް ޙުރުމަތްތެރިވެގެންވާ އެއްޗެއް ކަމަށެވެ. އެގޮތުން މިއަދުގެ މުޖުތަމަޢުގައި ފެތުރެމުންދާ ގަނާކުރުމާއި، ފުރައްސާރަކުރުމާއި، މީހުންގެ ޢައިބު ހާމަކުރުމަކީ އިސްލާމްދީން ނަހީކުރާ ކަންކަން ކަމަށް ޚުތުބާގައި ފާހަގަ ކޮށްފައިވެއެވެ. އަދި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ޙައްޖަތުލްވަދާޢުގެ ޚުޠުބާގައިވެސް އިންސާނާގެ ލެޔާއި، މުދަލާއި، އަބުރަކީ ޙުރުމަތްތެރިވެގެންވާ އެއްޗެއްކަން ކަނޑައަޅުއްވައި އިޢުލާންކުރެއްވިކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

ޚާއްޞަކޮށް މިއަދުގެ ޒުވާނުންނާއި ކުޑަކުދިންނަށް އަމާޒުކޮށް ޚުތުބާގައި ނަޞޭޙަތްތެރިވެފައިވަނީ، އިންޓަނެޓާއި ސޯޝަލް މީޑިއާ ފަދަ ވަސީލަތްތައް ބޭނުންކުރުމުގައި ރައްކާތެރިވުމަށެވެ. ހަމައެއާއެކު ނޭނގޭ މީހުންނާ ވާހަކަދައްކައި، އަމިއްލަ ޒާތީ ސިއްރުތައް ހާމަނުކުރުމަށް ޚުތުބާގައި ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެފަދަ ކަންކަމުގެ ސަބަބުން ބްލެކްމެއިލް ކުރުމާއި، ބިރުދެއްކުމުގެ ޝިކާރައަކަށްވެ، ގޮތްހުސްވާ ހިސާބަށް ކަންކަން ދިޔުމަކީ މިއަދު މުޖުތަމަޢުގައި ހިނގަމުންދާ ހިތާމަވެރި ކަންކަން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އެހެންކަމުން، ކޮންމެ މީހަކުވެސް ތިމާގެ އަމިއްލަ ނަފުސާއި އަބުރަށް ރައްކާތެރިވުމަށާއި، އަދި އަނެކާގެ ނަފުސާއި އަބުރަށް އިޙްތިރާމްކުރުމަށް ޚުތުބާގައި ބާރުއަޅާފައިވެއެވެ. ފުރިހަމަ މުއުމިނަކަށް ވެވޭނީ ތިމާގެ އަމިއްލަ ނަފުސަށް ލިބުމަށް އެދޭ ހެޔޮ އެދުންތައް އަނެކާއަށްވެސް އެދިގެންކަން ހަނދާންކޮށްދެމުން، ގޮންޖެހުންތަކާ ކުރިމަތިލާއިރު ހިމޭނުން ނުތިބެ، ކެރިގެން ހައްލު ހޯދުމަށް ޚުތުބާގައި ވަނީ އިލްތިމާސް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު