ރާއްޖޭ ޚަބަރު ފަތުރާ ވަސީލަތްތަކުން ގެނެސްދޭ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި، ނޫސްވެރިން އެ މައުލޫމާތެއް ހޯދި މަސްދަރު ހާމަކުރުމަކީ ރައްޔިތުން މިއަދު ބޭނުންވާ ގޮތް ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިރޭ ވިދާޅުވެއްޖެއެވެ.

ޕީއެންސީން ރޭ ބޭއްވި ހަފުލާއެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ، ލިޔާ ޚަބަރެއްގެ މަސްދަރު ހާމަކުރުމަކީ ޒަމާނީ ނޫސްވެރިކަމުގެ ވަރަށް މުހިއްމު އަސާސެއް ކަމަށެވެ. ރާއްޖެއަކީ ޖަޒީރާ ގައުމަކަށް ވީނަމަވެސް، ޓެކްނޮލޮޖީގެ ސަބަބުން ކޮންމެ މީހެއްގެ އަތުގައި ސްމާޓް ފޯނެއް އޮޮތުމުން މައުލޫމާތު ވަގުތުން ވަގުތަށް ފެތުރޭކަމަށް އޭނާ ވިދާޅުވިއެވެ.

"މިކަހަލަ ލުއިފަސޭހަ ޒަމާނެއްގައި އަޅުގަނޑުމެންގެ އެންމެ މުހިއްމު މަސްއޫލިއްޔަތަކަށް ވާންޖެހޭނީ ފޯރުކޮށްދޭ މައުލޫމާތަކީ ސައްހަ މައުލޫމާތެއްކަން ކަށަވަރުކުރުން. އެހެން ނޫނީ މުޖުތަމައު ފަސާދަވެގެންދާތަން ފެންނާނީ،" ޝިޔާމް ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ ވަކިވަކި ނޫސްތަކަށާއި ނޫސްވެރިންނަށް ފާޑުވިދާޅުވަމުން، 'އަދަދު' ނޫހަކީ ސަރުކާރާ ދެކޮޅު ނޫހެއްގެ ގޮތުގައި އަމިއްލައަށް އިޢުލާންކޮށްފައިވާ ނޫހެއްކަން ފާހަގަކުރަށްވާފައެވެ. އަދި ނޫސްވެރިއަކު ނުވަތަ ނޫހަކުން ސަރުކާރާ އެއްކޮޅު ނުވަތަ ދެކޮޅޭ ބުނާ ހިސާބުން އެ ނޫހެއްގެ މިނިސްޓަރުކަން ގެއްލޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދަދު ނޫހުގެ ސީއީއޯ (ފިޔާޒު) އަށް އިޝާރާތް ކުރައްވައި ޝިޔާމް ވިދާޅުވީ، އޭނާ ކުރައްވަނީ ނޫސްވެރިކަމެއް ނޫން ކަމަށާއި އެއީ ސިޔާސީ މަސައްކަތެއް ކަމަށެވެ.

"މިއަދު އިދިކޮޅު ޕާޓީއެއް ނެތް. ފިޔާޒަކީ އިދިކޮޅު ލީޑަރެއްގެ ގޮތުގައި އަޅުގަނޑަށް ފެންނަނީ،" ޝިޔާމް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްތަށިފުޅުގައި އަޅުވާފައިވާ ތުހުމަތުތަކާ ގުޅިގެން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރައީސަކީ ކަންކަމަށް ޖަވާބުދާރީވެވަޑައިގަންނަވާ، ފިއްލަވައިގެން އުޅުއްވާ ބޭފުޅެއް ނޫން ކަމަށެވެ. އަދި މި ސަރުކާރަކީ ކުރީ ސަރުކާރުތަކާ ޚިލާފަށް ސިއްރިއްޔާތުގައި ކަންކަން ކުރާނެ ސަރުކާރެއް ނޫން ކަމަށާއި، ރައީސާއި ވަޒީރުން ކޮންމެ ހަފްތާއަކު ނޫސްވެރިންނާ ބައްދަލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފުލުހުން ކުރި ތަހުގީގަކަށް ހާޒިރުވުމުން 'އަދަދު' ނޫހުގެ ނޫސްވެރިން މަސްދަރު ހާމަނުކޮށް ހަނު ތިބި ތިބުމަށް އިޝާރާތް ކުރައްވައި ޝިޔާމް ވިދާޅުވީ، އެކަމުން ސާބިތުވަނީ އެއީ ސިޔާސީ ގޮތުން ކުރި ކަމެއް ކަމަށެވެ.

"ރައްޔިތުން މިއަދު ބޭނުންވަނީ މަސްދަރު ހާމަކުރަން. ރައްޔިތުން ބޭނުންވަނީ އެއީ ސައްހަ ޚަބަރެއްތޯ ޔަގީންކުރަން. ހަނު ތިއްބެވީމަ އެ ސާބިތުކޮށްދެއްވީ އެ ހެއްދެވީ އިތުރުފުޅެއްކަން،" މިނިސްޓަރު ވިދާޅުވިއެވެ.

ނޫސްވެރިންނަކީ މުޖުތަމައުގެ އެންމެން ދަންނަ ރަށްޓެހިން ކަމަށް ވިދާޅުވެ، މިނިސްޓަރު ޝިޔާމް ވަނީ މިނިވަން އަދި ޒިންމާދާރު ނޫސްވެރިކަމެއްގައި ދެމިތިބުމަށް ހުރިހާ ނޫސްވެރިންނަށް އިލްތިމާސް ކުރައްވާފައެވެ.

ޝިޔާމް މިހެން ވިދާޅުވި ނަމަވެސް ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 28 ވަނަ މާއްދާގެ ދަށުން، ނޫސްވެރިންނަށް އެމީހުންގެ މަސްދަރު ސިއްރުކުރުމުގެ އަސާސީ ހައްގު ވަނީ ފުރިހަމައަށް ކަށަވަރުކޮށްދީފައެވެ. ނަމަވެސް، ހެއްކާބެހޭ ގާނޫނުގެ 136 ވަނަ މާއްދާގެ ދަށުން މި ހައްގަށް އުނިކަން އަތުވެދާނެ ފަދަ އިސްތިސްނާ ހާލަތްތަކެއް ކަނޑައަޅާފައިވެއެވެ. އެގޮތުން، ޓެރަރިޒަމްގެ ކުށްތަކާއި ގައުމީ ސަލާމަތާ ގުޅުންހުރި ބޮޑެތި މައްސަލަތަކުގައި މަސްދަރު ހާމަކުރަން ލާޒިމުކުރެވޭ ހާލަތްތައް އޮތް ނަމަވެސް، އެފަދަ ކަމެއް ކުރަންޖެހޭނީ ހަމައެކަނި ހައިކޯޓުން ނެރޭ ހާއްސަ އަމުރެއްގެ ދަށުންނެވެ.



ކިޔުންތެރިންގެ ހިޔާލު