ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ބޮޑެތި ތުހުމަތުތަކެއް ކޮށް "އަދަދު" ނޫހުން ތައްޔާރުކުރި ޑޮކިއުމަންޓްރީގެ މައްސަލަ ފުލުހުން ތަޙުޤީޤު ކުރަމުންދަނީ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހުން އަންގައިގެން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން މުންދު ވިދާޅުވީ، މި މައްސަލައިގައި ފުލުހުން ހޯމަ ދުވަހުގެ ރޭ "އަދަދު" ނޫސް ހިންގާ އޮފީހަށް ވަދެ ބަލައި ފާސްކޮށްފައިވަނީ ރައީސް އޮފީހުން އެދިގެން ނޫން ކަމަށެވެ. އަދި އެކަން ކުރީ އެ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ދެއްވި ޖަވާބަކާ ގުޅިގެން ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް، ފުލުހުން އެކަން އަންގާފައިވަނީ އޭގެ މާ ކުރިން ކަމުގެ ޔަޤީންކަން ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މުންދު ވިދާޅުވި ގޮތުގައި، ޕީޖީ އޮފީހުން ފުލުހުންނަށް އަންގާފައިވަނީ އެ ޑޮކިއުމަންޓްރީގައި ހިމެނޭ ސީރިއަސް ތުހުމަތުތަކަކީ ޖިނާއީ ކުށެއް ހިމެނޭ ކަމެއްތޯ ބެލުމަށެވެ. އަދި އެފަދަ ސީރިއަސް ތުހުމަތުތަކެއް ކުރާއިރު، އެކަންކަން ސާބިތުކޮށް ނުދެވޭނަމަ އެއީ ކުށެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

"ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީވެސް އިންސާނެއް، އެމަނިކުފާނުގެ ވެސް އަމިއްލަ ނަފްސާއި އަބުރާއި ރީތި ނަން އޮންނާނެ. ޤާނޫނުއަސާސީން ކޮންމެ ދިވެހި ރައްޔިތަކަށް ލިބިދޭ ރައްކާތެރިކަމާއި ޙައްޤުތައް އެމަނިކުފާނަށްވެސް ލިބިވަޑައިގަންނަވާނެ،" މުންދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އިތުރުފުޅު ހަދައިގެންނާއި ދޮގު މަޢުލޫމާތު ފަތުރައިގެން ރައީސްގެ އަބުރަށް އަރައިގަންނަ ފަރާތްތަކާ މެދު ޤާނޫނީ ގޮތުން ލިބިދޭ ރައްކާތެރިކަމުގެ ބޭނުން ހިއްޕަވާނެ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށެވެ.

ބްރޯޑްކާސްޓް ކޮމިޝަނުންވެސް އެ މައްސަލަ ބަލަން ފަށާފައިވަނީ އެ ކޮންޓެންޓް ޢާންމުކުރިތާ މާ ގިނަ އިރުތަކެއް ނުވަނީސް، އެ ކޮމިޝަނުގެ ބޯޑު ބައްދަލުވުމެއް ބާއްވައި ނިންމި ނިންމުމެއްގެ ދަށުން ކަމަށްވެސް ތަރުޖަމާނު ފާހަގަކުރެއްވިއެވެ.

މި މައްސަލައިގައި "އަދަދު" ނޫހުގެ ސީއީއޯ އަދި ޗީފް އެޑިޓަރު ޙުސައިން ފިޔާޒް މޫސާގެ މައްޗަށް ޖިނާއީ 5 ތުހުމަތެއް އަދި މެނޭޖިން އެޑިޓަރު ޙަސަން މުޙައްމަދުގެ މައްޗަށް ޖިނާއީ 3 ތުހުމަތެއް ފުލުހުން ވަނީ ކޮށްފައެވެ. ނަމަވެސް، އިއްޔެ ފުލުހަށް ހާޒިރުކުރުމުން ދެ ބޭފުޅުންވެސް ވަނީ ތަޙުޤީޤުގައި ހަނު ހުރުމުގެ ޙައްޤު ބޭނުންކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު