'ސަރުކޭ ޗުނަރު' ލަވައިގެ މައްސަލައިގައި ސަންޖޭ ދަތު މަޢާފަށް އެދި 50 އަންހެން ކުދިންގެ ތަޢުލީމަށް އެހީވާނެކަމަށް ވަޢުދުވެއްޖެއެވެ.

ކަންނަޑާ ފިލްމު 'ކޭޑީ: ދަ ޑެވިލް' އަށް މިދިޔަ މަހު އާންމުކުރި 'ސަރުކޭ ޗުނަރު ތޭރީ ސަރުކޭ' ލަވައިގައި ހިމެނޭ ބަދުއަޚުލާޤީ ޅެމާއި މަންޒަރުތަކުގެ ސަބަބުން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެ، ޔޫޓިއުބް ފަދަ ބޮޑެތި ޕްލެޓްފޯމްތަކުން އެ ލަވަ މިހާރު ވަނީ ނަގާފައެވެ. މި މައްސަލައިގައި އިންޑިއާގެ ނޭޝަނަލް ކޮމިޝަން ފޯ ވިމެން (އެން.ސީ.ޑަބްލިޔު) އިން ސަންޖޭ ދަތު ހާޒިރުވުމަށް އެންގުމުން، އޭނާ މިއަދު ވަނީ އެ ކޮމިޝަނަށް ހާޒިރުވެފައެވެ.

ޚަބަރުތައް ބުނާ ގޮތުގައި، ސަންޖޭ ދަތު ކޮމިޝަނުގައި ބުނެފައިވަނީ ލަވައިގެ ޅެމާއި، ތަރުޖަމާ އަދި އޭގެ ކްރިއޭޓިވް މަސައްކަތްތަކުގައި އޭނާގެ އެއްވެސް ބައިވެރިވުމެއް ނުވަތަ ބާރެއް ނެތް ކަމަށެވެ. އަދި އޭނާ ހަމައެކަނި އަދާކުރީ ފިލްމީ އެއްބަސްވުމެއްގެ ދަށުން އެކްޓަރެއްގެ މަސްއޫލިއްޔަތު ކަމަށް އޭނާ ބުންޏެވެ.

މި މައްސަލައިގައި ސަންޖޭ ދަތާއި އޭނާގެ ގާނޫނީ ޓީމުން އެން.ސީ.ޑަބްލިޔު ކައިރީގައި މަޢާފަށް އެދިފައިވާއިރު، އޭނާ ވަނީ މަހަރާޝްތުރާގެ ނާގްޕޫރު ސަރަހައްދުގެ 50 އަންހެން ކުދިންގެ ކުރިއަށް އޮތް ތަޢުލީމީ އަހަރުގެ ޚަރަދުތައް އަމިއްލައަށް އުފުލާނެ ކަމަށް ވަޢުދުވެފައެވެ. މި އެހީތެރިކަން ފޯރުކޮށްދިންކަމުގެ ރިޕޯޓް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ކޮމިޝަނަށް ހުށަހަޅަން ޖެހެއެވެ.

ޕްރޭމްސް ޑައިރެކްޓްކޮށް، އަރުޖުން ޖަންޔާ މިއުޒިކް ތައްޔާރުކުރި މި ލަވަ ނެރުމާއެކު، އޭގެ ހަޑިހުތުރު ޅެމުގެ ސަބަބުން ގިނަ ބައެއްގެ ސަމާލުކަން ލިބި، ސޯޝަލް މީޑިއާގައި ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ. ނަމަވެސް، ލަވަލިޔުންތެރިޔާ ރަގީބު އާލަމް ބުނެފައިވަނީ އޭނާ އެ ލަވަ ލިޔަން އިންކާރުކުރި ކަމަށެވެ. އޭނާ ބުނި ގޮތުގައި، ލަވައިގެ ރާގަށް ފެތޭގޮތަށް ހިންދީ ބަސްތަކެއް ހަމަޖައްސައިދިނުމަށް އެދުމުން އެކަން ކޮށްދިނީއެވެ. ނަމަވެސް ލަވައިގެ ހިންދީ ވަރޝަންގެ ޅެންވެރިއަކީ އޭނާ ކަމަށް ބުނެ ކްރެޑިޓް ދީފައިވާތީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް، ފިލްމުގެ ޓީމާ ވާހަކަދައްކާނެ ކަމަށް އޭނާ ބުންޏެވެ.

މި ލަވައިގައި ފެންނަ ބަތަލާ ނޯރާ ފާތެހް ވެސް ވަނީ އިންސްޓަގްރާމް މެދުވެރިކޮށް މިކަމަށް ރައްދުދީފައެވެ. އޭނާ ބުނި ގޮތުގައި، މިއީ މީގެ ތިން އަހަރު ކުރިން ކަންނަޑާ ބަހުން ކުޅެފައިވާ ލަވައެކެވެ. އޭނާ މި ލަވައިގައި ބައިވެރިވީ ބޮޑު ފިލްމަކަށް ވެފައި، ސަންޖޭ ދަތު ވެސް ހިމެނޭތީއެވެ. ނޯރާ ބުނި ގޮތުގައި، ހަޑިހުތުރު ބަސްތައް ހިމެނޭ ހިންދީ ވަރޝަނެއް ނެރޭނެ ކަމެއް އޭނާއަށް ކުރިއަކުން ނޭނގެއެވެ. އަދި އޭނާއަށް ކަންނަޑާ ބަސް ނޭނގޭތީ، ޝޫޓިންގްގެ ވަގުތުގައި ވެސް ބަރޯސާވީ ފިލްމުގެ ޓީމުން ކޮށްދިން ތަރުޖަމާއަށް ކަމަށް އޭނާ ބުންޏެވެ.



ކިޔުންތެރިންގެ ހިޔާލު