މާލެ ސަރަހައްދުގައި ނަފްސާނީ ބަލިތަކަށް ހާއްސަ ހޮސްޕިޓަލެއް ބިނާކުރެއްވުމަށް ސަރުކާރުން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެެ.

ރައީސް އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މި މަޝްރޫއަކީ ކުރިން ބޭރުގެ އެހީގައި ކުރިއަށްގެންދަން ރޭވި މަޝްރޫއެއް ނަމަވެސް، ލޯނު ހޯދުމުގެ އިޖުރާއަތްތައް ދިގުލައިގެން ދާތީ މަސައްކަތް ލަސްވަމުންދާ ކަމަށެވެ. އެހެންކަމުން، މިހާރު ނިންމަވާފައިވަނީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން މި މަސައްކަތް އަވަހަށް ފެށުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެކުރިން މި ހޮސްޕިޓަލް ލ. އަތޮޅުގައި ގާއިމުކުރުމަށް ނިންމާފައި އޮތް ނަމަވެސް، މިހާރު މާލެ ސަރަހައްދުގައި އެޅުމަށް ނިންމެވި އެންމެ ބޮޑު ސަބަބަކީ ނަފްސާނީ ބަލިތަކުގެ ފަރުވާ ބޭނުންވާ މީހުންގެ ބޮޑު އިންސައްތައެއް މާލެ ސަރަހައްދުގައި ދިރިއުޅެމުންދިއުން ކަމަށް ރައީސް ވިދާޅުވިއެވެ.

މި މަޝްރޫއަށް ބޭނުންވާ ފައިސާ މިހާރު ބަޖެޓުގެ ތެރެއިން ހަމަޖައްސާފައިވާ ކަމަށާއި، މި ހޮސްޕިޓަލް އެޅުމުގެ ބިޑިންގ މަރުހަލާ ވީއެންމެ އަވަހަކަށް ފެށުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު