ކުރީގެ މިނިސްޓަރު އާދަމް ޝަރީފް އުމަރާއި ތޯރިގު އިބްރާހީމްގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަންކުރަށްވައިފިއެވެ.

އެ ބޭފުޅުން އެ މަގާމުތަކަށް އައްޔަން ކުރެއްވީ އެކި ދުވަސް މަތީން ކަމަށް މައުލޫމާތު ލިބެއެވެ. މި ތިން ބޭފުޅުންނަށް ވެސް ފޮރިން މިނިސްޓްރީގެ އެ މަގާމަށް އައްޔަންކޮށްފައިވާ ކަން ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ބައެއް މީޑިޔާތަކަށް ވަނީ ކަށަވަރުކޮށްދެެއްވާފައެވެެ.

މިދިޔަ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު ސަރުކާރުގެ 10 ވަޒީރަކު މަގާމުން އިސްތިއުފާ ދެއްވިއިރު، އޭގެ ތެރޭގައި އާދަމް ޝަރީފާއި ތޯރިގު ހިމެނިވަޑައިގަންނަވާ ކަން ފާހަގަކޮށްލެވެއެވެ.

މި ވަޒީރުން އިސްތިއުފާ ދެއްވަން ރައީސް މުޢިއްޒު އެންގެވީ ސަރުކާރުގެ އިދާރީ އޮނިގަނޑަށް ގެނެވުނު ބަދަލުތަކަކާ ގުޅިގެންނެވެ. މި ބަދަލުތައް ގެނެސްފައިވަނީ އޭޕްރީލް 4 ގައި ބޭއްވި ހިޔާލު ހޯދުމުގެ ވޯޓުގައި ސަރުކާރުން ހުށަހެޅި ގޮތަށް ރައްޔިތުންގެ ތާއީދު ލިބިފައިނުވުމާއި، ކައުންސިލް އިންތިހާބުގައި ސަރުކާރަށް ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެންނެވެ.

މީގެ އިތުރުން، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށް ސަރުކާރުން ހުށަހެޅި ހުށަހެޅުމަށް ތާއީދު ހޯއްދެވުމަށް، ހިޔާލު ހޯދުމުގެ ވޯޓުގެ ކެމްޕެއިންގައި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ވަނީ ވަރަށް ބޮޑަށް ވަކާލާތު ކުރައްވައި، އިސް ދައުރެއް އަދާކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު