ފެނަކަ ކޯޕަރޭޝަން-
ފެނަކަ ކޯޕަރޭޝަން-
ވެށި ލިންކް އިންވެސްޓްމެންޓްގެ ވެރިޔާ ގ. އަސްރީމާގެ ފާތިމަތު ޝިފާޒް ޝަހީމަށް، ފެނަކަ ކޯޕަރޭޝަނުން ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކުރި ފައިސާގެ ތެރެއިން، ޝަރީއަތުގެ ހަރަދުގެ ގޮތުގައި ހިމެނޭ 70،000 ރުފިޔާ ދެއްކުން މަޑުޖައްސާލުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައަކީ 2022 ވަނަ އަހަރުގެ ތެރޭގައި ފެނަކަ ކޯޕަރޭޝަނަށް ދިން އެކި ހިދުމަތްތަކުގެ އަގަށްވާ 8.5 މިލިޔަން ރުފިޔާ ހޯދުމަށް ފާތިމަތު ޝިފާޒް ޝަހީމްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދައުވާއަކާ ގުޅިގެން ފެށުނު މައްސަލައެކެވެ. މި ދައުވާއާ ގުޅިގެން 27 އޮކްޓޫބަރު 2025 ގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، ފެނަކައިން ފާތިމަތު ޝިފާޒަށް ދައްކަންޖެހޭ 6.8 މިލިޔަން ރުފިޔާ އާއި ޝަރީއަތުގެ ހަރަދުގެ ގޮތުގައި ހޯދުމަށް އެދިފައިވާ 70،000 ރުފިޔާ، ހަތް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ހަލާސްކުރަންޖެހޭނެ ކަމަށެވެ.

ނަމަވެސް، މި ހުކުމުގައި ހިމެނޭ ޝަރީއަތުގެ ހަރަދުގެ ބައި ފެނަކައިގެ ފަރާތުން މިދިޔަ މާޗް މަހުގެ 30 ވަނަ ދުވަހު ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އަދި ހައިކޯޓުން އެ މައްސަލައިގައި ވަކި ގޮތެއް ނިންމަންދެން، ސިވިލް ކޯޓުގެ ހުކުމުގައިވާ އެ 70،000 ރުފިޔާ ދެއްކުން ފަސްކޮށްދިނުމުގެ ވަގުތީ އަމުރަކަށްވެސް ފެނަކައިން އެދުނެވެ.

ފެނަކަ ކޯޕަރޭޝަނުން ކޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ދަށު ކޯޓުގައި ފާތިމަތު ޝިފާޒްގެ ފަރާތުން ވަކާލާތުކުރެއްވި ގާނޫނީ ވަކީލަކީ މީގެ ކުރިން ފެނަކައިގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. މިއީ ގާނޫނީ ފަންނުގެ ގާނޫނުގެ 42 ވަނަ މާއްދާއާ ހިލާފު، ވަކީލުންގެ ސުލޫކީ މިންގަނޑާ ފުށުއަރާ ކަމެއްގެ ގޮތުގައި ފެނަކައިން ވަނީ ސިފަކޮށްފައެވެ.

ހައިކޯޓުން މި މައްސަލަ ބެލުމަށްފަހު ނެރުނު އަމުރުގައި ވަނީ، މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ލިބިދާނެ ގެއްލުމަށާއި ހުށަހެޅިފައިވާ ކަންކަމަށް ރިއާޔަތްކޮށް، ސިވިލް ކޯޓުގެ ހުކުމުގައިވާ 70،000 ރުފިޔާއާ މެދު ހައިކޯޓުން ވަކި ގޮތެއް އަންގަންދެން ނުވަތަ މައްސަލަ ނިމެންދެން އެ ފައިސާ ތަންފީޒުކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަމުރުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު