ޕްރައިމަރީގެ ވޯޓުލުން މިއަދު ފަށައިފި
ޕްރައިމަރީގެ ވޯޓުލުން މިއަދު ފަށައިފި
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން ބާއްވާ ބައި-އިލެކްޝަނުގައި ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން މިއަދު ފަށައިފިއެވެ.

މިއަދު ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށް ކުރިއަށްގެންދާ މި ވޯޓުލުމުގައި އެ ދާއިރާގެ ޖުމްލަ 727 މީހަކަށް ވޯޓުލުމުގެ ފުރުސަތު އޮންނާނެ ކަމަށް ޕީއެންސީން މަޢުލޫމާތު ދެއެވެ.

މި ޕްރައިމަރީގައި ވާދަކުރައްވަނީ ސުޕްރީމް ކޯޓުގެ ހުކުމަކާ ގުޅިގެން މެންބަރުކަމުގެ ގޮނޑި ގެއްލިވަޑައިގެންނެވި މުހައްމަދު ސިނާނާއި، އައްޑޫ ސިޓީގެ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދު (ސޮޑާ) އެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އިސްލާމިކް ބޭންކުން ނަގާފައިވާ ލޯނަކަށް ދައްކަންޖެހޭ 2.5 މިލިއަން ރުފިޔާ ކޯޓު ހުކުމާ އެއްގޮތަށް ދައްކާފައި ނުވާކަން ސާބިތުވުމުން، ސިނާންގެ މެންބަރުކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ މި ދާއިރާގެ ބައި-އިލެކްޝަން އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައެވެ.

މި އިންތިޚާބުގައި ވާދަކުރުމަށް އެދޭ ފަރާތްތަކަށް މި މަހުގެ 29 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށް ފުރުސަތު ހުޅުވާލާފައިވާއިރު، އިދިކޮޅު އެމްޑީޕީގެ ޓިކެޓް ވަނީ އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އަށް ކަށަވަރުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު