ފޮޓޯ: މީސްމީޑިއާ
ފޮޓޯ: މީސްމީޑިއާ
މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް) ގައި ލޭ ރައްކާކޮށްފައި ހުރި އަލަމާރިއަކަށް މައްސަލަ ޖެހިގެން، އެހެން އަލަމާރިއަކަށް ބަދަލުކުރި ލޭ ޕެކެޓުތަކެއްގެ ތެރެއިން ތިން ޕެކެޓެއް، ފެންވަރު ބެލުމުގެ ޓެސްޓުތައް ފުރިހަމަނުކޮށް ތެލަސީމިއާ ކުއްޖެއްގެ ގަޔަށް އޮޅިގެން އަޅާފައިވާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރަމުންދާއިރު، ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި އެ ކުދިންގެ ގަޔަށް އަޅާފައިވަނީ ކުނިވެފައިވާ ލެއެވެ. ނަމަވެސް، އެމްބީއެސްގެ ޑިރެކްޓަރު ޖެނެރަލް އަހްމީމް ފާރިޝް ވަނީ އެ ވާހަކަތައް ދޮގުކުރައްވާފައެވެ.

ރާއްޖޭގެ މީޑީއާއަކަށް މަޢުލޫމާތު ދެއްވަމުން އަހްމީމް ފާރިޝް ވިދާޅުވީ، ޕޭޝެންޓުންގެ ގަޔަށް އެޅުނީ ކުނިވެފައިވާ ލެއެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ، މި މަހުގެ 19 ވަނަ ދުވަހުގެ ރޭ ލޭ ރައްކާކޮށްފައި ހުރި އަލަމާރިއަށް މައްސަލައެއް ދިމާވުމުން، ހަމަ އެ ރޭ އެ ލޭ ޕެކެޓުތައް ވަނީ ރަނގަޅަށް މަސައްކަތްކުރާ އެހެން އަލަމާރިއަކަށް ބަދަލުކޮށްފައި ކަމަށެވެ.

"ކުނިވެފައި ހުރި ލެއެއް ނޫން. އަލަމާރީގައި ލޭ ރައްކާކޮށްފައި ހުއްޓާ އަލަމާރި މައްސަލަ ޖެހުނީ 19 ދުވަހުގެ ރޭ. މައްސަލަ ޖެހިގެން މެސެޖު ލިބުމުން ހަމަ އެ ރޭ އޭގެ ރަނގަޅު އަލަމާރިއަށް ބަދަލުކުރީ. ދެން އެ ލެޔާމެދު ވަކި ގޮތެއް ނުނިންމާ، އިތުރަށް ޓެސްޓުނުކޮށް ހުއްޓާ ނަރުސް ކުދިންނަށް އޮޅިގެން އެޅުނީ،" އަހްމީމް ވިދާޅުވެފައިވެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި، މިކަމުގައި އިހުމާލެއް އޮތްތޯ ބެލުމަށް މޯލްޑިވިއަން ބްލަޑް ސާވިސްއިން މިހާރު އަންނަނީ މި މައްސަލަ ވަރަށް ސީރިއަސްކޮށް ތަހުގީގު ކުރަމުންނެވެ.

ތެލަސީމިއާ ކުދިންނަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާ ކަމެކެވެ. އެގޮތުން ތެލަސީމިއާ ކުދިންނަށް ބޭނުންވާ ފަރުވާ އާއި ވަސީލަތްތައް ހޯދައިދިނުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު