ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ)
ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ)
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ނިޒާމުގެ ތެރެއަށް އަތޮޅު ކައުންސިލްތައް އަލުން ތަޢާރަފު ކުރުމަށްޓަކައި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި ބިލު މަޖިލީހަށް ހުށަހެއްޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދެވެ. މި ބިލުގެ މައިގަނޑު މަގުސަދަކީ ލާމަރުކަޒީ ނިޒާމު ފުރިހަމަ ގޮތެއްގައި ހިންގުމަށްޓަކައި، މީގެ ކުރިން ގެނެވުނު އިސްލާހަކުން އުވާލާފައިވާ އަތޮޅު ކައުންސިލްތައް އަލުން ރުޖޫއަކުރުމެވެ.

މި ބިލުގައި ގާނޫނުއަސާސީގެ 230 ވަނަ މާއްދާއާއި 231 ވަނަ މާއްދާއަށް ބަދަލުތަކެއް ގެނައުމަށް ވަނީ ހުށަހަޅާފައެވެ. އެގޮތުން، 230 ވަނަ މާއްދާގެ (ށ) އަށް ހުށަހެޅި އިސްލާހުގައި ބަޔާންކޮށްފައިވަނީ، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށްޓަކައި ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތައް އުފެއްދުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމަށެވެ.

މީގެ އިތުރުން، ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ށ) އަށް ގެނެވޭ އިސްލާހުގައި ބުނެފައިވަނީ، ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ ރައީސުން އަދި ސިޓީ ކައުންސިލްތަކުގެ މޭޔަރުން އިންތިހާބުކުރަންވާނީ އެ ކައުންސިލަކަށް ނިސްބަތްވާ ރައްޔިތުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުން ކަމަށެވެ.

ބިލު ހުށަހަޅުއްވަމުން މެންބަރު އިބްރާހީމް މުހައްމަދު ވިދާޅުވީ، އިންތިހާބުތައް އެއްކޮށްލުމާ ބެހޭގޮތުން ރައްޔިތުންގެ މެދުގައި ނެގުނު ހިޔާލުހޯދުމުގެ ވޯޓުގައި 68.74 ޕަސެންޓް ރައްޔިތުން "ނޫނެކޭ" ބުނުމަކީ، ސަރުކާރުން ހުށަހެޅި ބައެއް ބަދަލުތަކަށް ރައްޔިތުންގެ ރުހުން ނެތްކަން ހާމަވާ ކަމެއް ކަމަށެވެ. އަދި އަތޮޅު ކައުންސިލްތައް އުވާލުމަށް ފާސްކުރި ބިލަކީވެސް ރައްޔިތުންގެ އެދުމާ އެއްކޮޅު ނިންމުމެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަތޮޅު ކައުންސިލްތައް އުވާލާ ގޮތަށް، ލާމަރުކަޒީ ގާނޫނަށް ގެނައި 17 ވަނަ އިސްލާހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވީ 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އެ އިސްލާހުގެ ދަށުން އަތޮޅު ކައުންސިލްތައް އުވި، ރަށު ކައުންސިލްތައް ސީދާ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ޖަވާބުދާރީވާ ގޮތަށް ވަނީ ބަދަލުކޮށްފައެވެ. ނަމަވެސް، މިހާރު ހުށަހަޅާފައިވާ މި އާ އިސްލާހުގެ މަގުސަދަކީ ގާނޫނުއަސާސީގައި ބަޔާންކުރާ ފުރިހަމަ ލާމަރުކަޒީ ނިޒާމު އަލުން އިއާދަކުރުމެވެ.



ކިޔުންތެރިންގެ ހިޔާލު