މައިތޯސް
މައިތޯސް
ދުނިޔޭގެ މާލީ ވަޒީރުންނާއި، ސެންޓްރަލް ބޭންކުތަކުގެ ގަވަރުނަރުން އަދި ބޮޑެތި ބޭންކަރުން މިހާރު އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންދަނީ އަލަށް އުފެއްދި 'މައިތޯސް' ކިޔާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މޮޑެލްއަކާ މެދުގައެވެ. އެންތްރޮޕިކް ކުންފުނިން އުފެއްދި މި މޮޑެލްގެ ސަބަބުން ދުނިޔޭގެ މާލީ ނިޒާމުގެ ރައްކާތެރިކަން ގެއްލިދާނެކަމުގެ ބިރު ވަނީ ހީވެފައެވެ.

މި މައްސަލައާ ގުޅިގެން ވޮޝިންގޓަންގައި މި ހަފުތާގައި ބޭއްވި އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ ބައްދަލުވުމުގައި ވަނީ ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައެވެ. ކެނެޑާގެ ފައިނޭންސް މިނިސްޓަރު ފްރާންސުވާ-ފިލިޕް ޝެމްޕޭން ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މިއީ ހުރިހާ މާލީ ވަޒީރުންގެ ސަމާލުކަން ބޭނުންވާ ވަރުގެ ސީރިއަސް މައްސަލައެއް ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، އެހެން ނުރައްކާތަކާ ޚިލާފަށް މިއީ "ނޭނގޭ ނުރައްކަލެއް" ކަމުން، މާލީ ނިޒާމުގެ ވަރުގަދަކަން ދެމެހެއްޓުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އަޅަންޖެހެއެވެ.

ކްލޯޑް މައިތޯސް އަކީ ކޮބާ؟

'މައިތޯސް' އަކީ އެންތްރޮޕިކްގެ 'ކްލޯޑް' ސިސްޓަމްގެ ތެރޭގައި ހިމެނޭ އެންމެ ފަހުގެ މޮޑެލްއެކެވެ. މިއީ އޯޕަން އޭއައިގެ 'ޗެޓް ޖީޕީޓީ' އާއި ގޫގުލްގެ 'ޖެމިނި' އާ ވާދަކުރުމަށް އުފައްދާފައިވާ އެއްޗެކެވެ. މި މޮޑެލްއާ ބެހޭ މަޢުލޫމާތު މި މަހު ކުރީކޮޅު ހާމަކުރިއިރު، އެންތްރޮޕިކްގެ ޑިވެލޮޕަރުން ބުނެފައިވަނީ ކޮމްޕިއުޓަރުގެ ސެކިއުރިޓީއާ ގުޅުންހުރި ކަންކަމުގައި މި މޮޑެލްގެ ގާބިލުކަން އާދަޔާޚިލާފަށް ބޮޑު ކަމަށެވެ. ޚާއްޞަކޮށް، އޮޕަރޭޓިންގ ސިސްޓަމްތަކުގައި ހުންނަ ބަލިކަށި ދޮރުތައް ނުވަތަ 'ވަލްނަރަބިލިޓީސް' ހޯދުމުގައި މިއީ ނުރައްކާތެރި މޮޑެލްއެކެވެ.

މި ނުރައްކަލަށްޓަކައި އެންތްރޮޕިކް އިން އަދި މި މޮޑެލް އާންމުކޮށް ދޫކޮށްފައެއް ނުވެއެވެ. އޭގެ ބަދަލުގައި، އެމެޒޯން، މައިކްރޯސޮފްޓް، އެންވީޑިއާ ފަދަ ބޮޑެތި ޓެކް ކުންފުނިތަކަށް "ޕްރޮޖެކްޓް ގްލާސްވިންގް" ގެ ދަށުން ވަނީ މައިތޯސް ބޭނުންކުރުމުގެ ފުރުޞަތު ދީފައެވެ. މިއީ ދުނިޔޭގެ މުހިންމު ސޮފްޓްވެއަރތައް ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތެކެވެ.

ކަންބޮޑުވުންތަކާއި ތަފާތު ޚިޔާލުތައް

މައިތޯސްއާ މެދު އޮތް ބިރު ބޮޑުވި ނަމަވެސް، ބައެއް ތަޖުރިބާކާރުން ސުވާލު އުފައްދަނީ މިއީ ހަގީގަތުގައި އޮތް ބިރެއްތޯ ނުވަތަ މޮޑެލް މަޝްހޫރު ކުރުމަށް ބޭނުންކުރާ އުކުޅެއްތޯއެވެ. އިނގިރޭސިވިލާތުގެ އޭއައި ސެކިއުރިޓީ އިންސްޓިޓިއުޓުން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، މައިތޯސް އަކީ ވަރުގަދަ މޮޑެލްއެއް ނަމަވެސް، އޭގެ ކުރިން އޮތް 'އޯޕަސް 4' އަށްވުރެ މާ ބޮޑު ތަފާތެއް ނެތް ކަމަށެވެ.

ނަމަވެސް ބޭންކް އޮފް އިންގްލެންޑްގެ ގަވަރުނަރު އެންޑްރޫ ބެއިލީ ވިދާޅުވީ، މިއީ ވަރަށް ސީރިއަސްކޮށް ބަލަންޖެހޭ ކަމެއް ކަމަށެވެ. އޭއައި މެދުވެރިކޮށް މާލީ ނިޒާމުގެ ބަލިކަށި ތަންތަން ފަސޭހައިން ހޯދައި، ކުށްވެރިން އެކަމުގެ ނާޖާއިޒު ފައިދާ ނަގައިފާނެ ކަމުގެ ބިރު އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ. ބާކްލޭސް ބޭންކުގެ ސީއީއޯ ސީ.އެސް ވެންކަޓަކްރިޝްނަން ވެސް ވަނީ މިއީ މުޅި ދުނިޔެ ކަންބޮޑުވާންޖެހޭ ފަދަ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ކުރިމަގަށް އޮތް ތައްޔާރީތައް

އެމެރިކާގެ ޓްރެޜަރީން ވަނީ ބޮޑެތި ބޭންކުތަކަށް މި މޮޑެލް ބޭނުންކޮށްގެން އެ ބޭންކުތަކުގެ ސިސްޓަމްތައް ޓެސްޓު ކުރުމަށް ބާރުއަޅާފައެވެ. މިއީ މައިތޯސް އާންމުކޮށް ދޫކޮށްލުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމަށް ކުރެވޭ މަސައްކަތެކެވެ.

ޖޭމްސް ވައިޒް ފަދަ ތަޖުރިބާކާރުން ދެކޭގޮތުގައި، މައިތޯސް އަކީ މިފަދަ ބާރުގަދަ މޮޑެލްތަކުގެ ފެށުމެވެ. އޭނާ ވިދާޅުވި ގޮތުގައި، ބަލިކަށި ތަންތަން ހާމަކުރާ މޮޑެލްތަކަކީ ހަމަ އެ ތަންތަން ރަނގަޅުކޮށް، ސެކިއުރިޓީ ވަރުގަދަކުރުމަށް ބޭނުންކުރެވޭނެ ވަސީލަތްތަކަށް ވާނެއެވެ. އެހެންކަމުން، މި އާ ޓެކްނޮލޮޖީގެ ނުރައްކާތަކުން ސަލާމަތްވުމަށް އޮތް އެންމެ ބޮޑު ހައްލަކީ، އޭއައި ބޭނުންކޮށްގެން އޭއައިގެ ނުރައްކާތަކުން ދިފާޢުވުމެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް