ރާއްޖެއިން ދައްކަންޖެހޭ 525 މިލިއަން ޑޮލަރުގެ ސުކޫކު ދައްކާ ހަލާސްކުރުމަކީ ރާއްޖޭގެ ފަހުގެ ތާރީޚުގައި އައި އެންމެ މުހިންމު އެއް ދުވަސް ކަމަށާއި، މިކަމުގެ ސަބަބުން ރާއްޖޭގެ ކްރެޑިޓް ރޭޓިންގް ރަނގަޅުވެ، އިގްތިސާދީ އިތުބާރު ބޮޑުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމްގައި މިރޭ ވާހަކަ ދައްކަވަމުން ތަރުޖަމާނު މުޙައްމަދު ޙުސައިން ވިދާޅުވީ، ރާއްޖެ ބަނގުރޫޓުވާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފަތުރަމުންދިޔަ ހަގީގަތާ ޚިލާފު ވާހަކަތަކަށް މިއަދު ސަރުކާރުން އަމަލީ ގޮތުން ޖަވާބު ދީފައިވާ ކަމަށެވެ.

"މިއަންނަ މަހު ބަނގުރޫޓުވާނެއޭ، ތިން މަސް ފަހުން ލާރިއެއް ނުދެއްކޭނެއޭ ބުނެ ވަރަށް ބޮޑެތި 'ކަހީނުން' އަޅުގަނޑުމެން ދުށިން. ނަމަވެސް އެ ހުރިހާ ވާހަކަތަކެއް ދޮގުކޮށް، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގެ އެހީގައި އަޅުގަނޑުމެން މިވަނީ އެ ފައިސާ ދައްކާ ހަލާސްކޮށްފައި،" މުންދު ވިދާޅުވިއެވެ.

ސުކޫކު ދެއްކުމުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ސަފީރުކަމުގައި ހުންނަވަނިކޮށް ތަރުޖަމާނަކަށް އައްޔަންކުރެއްވި މުންދު ވިދާޅުވީ، މި ނިންމުމުގެ ހެޔޮ ނަތީޖާ ފެނިވަޑައިގެންފައިވާ ކަމަށެވެ. ޚާއްސަކޮށް ޔޫއޭއީގެ ބޭންކުތަކާއި ދައުލަތުގެ އެކި ފަންޑުތަކުން ރާއްޖެއާ މެދު އޮތް އިތުބާރު ބޮޑުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"ޔޫއޭއީގެ ބޭފުޅުން ކޮންފިޑެންސާ އެކު ވިދާޅުވީ، މިއީ ރާއްޖެއިން ކަނޑަތުކުރި ވަރަށް މުހިންމު މަރުހަލާއެކޭ. ރާއްޖޭގެ ތަރައްގީއާއި، ސަރުކާރާއި، މުސްތަގްބަލާ މެދު އެ ބޭފުޅުން ދެކޭގޮތް މިއަދު ވަނީ ވަރަށް ބޮޑަށް ބަދަލުވެފައި. މާދަމާ ތަރައްގީގެ މަޝްރޫއުތަކަށް އެހީ ހޯދަން ގޮވާލާއިރު، އެ ބޭފުޅުން ތިއްބެވީ އަޅުގަނޑުމެންނާ އެކުކަމުގެ ޔަގީންކަން މިހާރު އެބައޮތް،" ތަރުޖަމާނު ވިދާޅުވިއެވެ.

މީގެ އިތުރުން މުންދު ވިދާޅުވީ، މި އުނދަގޫ މަރުހަލާ ކާމިޔާބުކަމާއެކު ކަނޑަތުކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހިކުމަތްތެރިކަމާއި ތަސައްވަރުގެ ސަބަބުން ކަމަށެވެ. އަދި ރައީސް މަސައްކަތް ކުރައްވަނީ ވަރަށް ޒިންމާދާރުކަމާއެކު ރައްޔިތުންނަށް އިހްލާސްތެރިވުމުގެ ރޫހެއްގައި ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ރައްޔިތުންގެ އަމިއްލަ ދިރިއުޅުމާ ގުޅޭ ކަންކަމުންނާއި ތަރައްގީގެ މަޝްރޫއުތަކުން ހަލުވި ނަތީޖާތަކެއް ފެންނާނެ ކަމުގެ ޔަގީންކަން ތަރުޖަމާނު ދެއްވިއެވެ. އަދި ގައުމުގެ އާންމު ހާލަތާއި، ރައްޔިތުންގެ ތަނަވަސްކަމާއި، ތަކެތީގެ އަގަށްވެސް މީގެ ސަބަބުން ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށް މުންދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު