ފޮޓޯ: ބީއެމްއެލް
ފޮޓޯ: ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 'ވީރަން މޯލްޑިވްސް' އާއެކު ޚާއްސަ ޕާޓްނަރޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ، މި އެއްބަސްވުމަކީ ރާއްޖޭގެ ކުންފުނިތަކާއި މުއައްސަސާތަކުގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމަށާއި، ގުޅިގެން މަސައްކަތްކުރުމުގެ ރޫހު އާލާކުރުމަށް ވީރަން މޯލްޑިވްސް އިން އިންތިޒާމުކުރާ "ކޯޕަރޭޓް ރަން" އަށް އެއްބާރުލުން ދިނުމުގެ ގޮތުން ވެވުނު އެއްބަސްވުމެއް ކަމަށެވެ.

މި ޕާޓްނަރޝިޕްގެ ދަށުން، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ މުއްދަތަށް މި ހަރަކާތް އިންތިޒާމުކޮށް ކުރިއެރުވުމަށް ބޭންކުން ވީރަން މޯލްޑިވްސްއަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ. ވީރަން މޯލްޑިވްސް އިން ބާއްވާ މި ސިލްސިލާގެ ފުރަތަމަ ދުވުން މިއަހަރުގެ ތެރޭގައި ބޭއްވުމަށް ވަނީ ތާވަލު ކުރެވިފައެވެ.

މި ހަރަކާތަކީ ރާއްޖޭގައި ހިންގާ ސަރުކާރާއި އަމިއްލަ ކުންފުނިތަކާއި، ދައުލަތުގެ މުއައްސަސާތަކުގެ އިތުރުން ޖަމިއްޔާ ޖަމާއަތްތަކަށް ޚާއްސަކޮށްގެން ފަރުމާކޮށްފައިވާ ދުވުމެކެވެ. މި ދުވުން ކުރިއަށްދާނީ ރިލޭ ރޭހެއްގެ ގޮތުގައެވެ. އެގޮތުން ކޮންމެ ޓީމެއްގައި 5 ދުވުންތެރިން ހިމެނޭއިރު، ކޮންމެ ދުވުންތެރިއަކު 1 ކިލޯމީޓަރުގެ ރާސްތާއެއް ކަޑަތުކުރަން ޖެހޭނެއެވެ.

"މި ރޭހުގެ މައިގަނޑު މަގުސަދަކީ ކުޅިވަރުގެ ވާދަވެރިކަމުގެ ތެރެއިން ކޯޕަރޭޓް ވަކިވަކި ސިފަތައް އެކުލެވޭ ގޮތަށް ޓީމު ރޫހު ވަރުގަދަކުރުމާއި، މަސައްކަތުގެ މާހައުލުގައި އުޅޭ މުވައްޒަފުންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމެވެ." ބޭންކުން ބުނެފައިވެއެވެ.

ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގައި ގައުމީ ފެންވަރުގެ އެކި މަޝްރޫއުތަކަށާއި، ސްޓްރެޓީޖިކް ޕާޓްނަރޝިޕްތަކަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުންދާ މުއައްސަސާއެކެވެ. ވަކިން ޚާއްސަކޮށް ޒުވާނުން ބާރުވެރިކުރުވުމާއި، މަސައްކަތުގެ މާހައުލުގެ ދުޅަހެޔޮކަން އިތުރުކުރުމުގެ އިތުރުން، މުޅި ރާއްޖޭގައި ކުޅިވަރުގެ ރޫހު އާލާކޮށް ކުރިއެރުވުމަށް ބޭންކުން ދަނީ މެދުކެނޑުމެއްނެތި ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ބޭންކުން މަޢުލޫމާތު ދީފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު