އެލްޖީއޭ
އެލްޖީއޭ
އަތޮޅު ކައުންސިލުތަކާއި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް އުވާލުމުން، ލާމަރުކަޒީ ނިޒާމަށް ޤާނޫނީ ހުސްކަމެއް އަތުވެދާނެ ކަމަށް ދެކެވޭ ވާހަކަތައް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ދޮގުކޮށްފިއެވެ.

އެލްޖީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުމަކީ އެ އޮތޯރިޓީގެ މައްޗަށް ލާޒިމުކޮށްފައިވާ ޤާނޫނީ ޒިންމާއެއް ކަމަށެވެ.

ލާމަރުކަޒީ ޤާނޫނަށް ގެނެވުނު 17 ވަނަ އިސްލާހަށް އަލިއަޅުވާލަމުން އެލްޖީއޭއިން ބުނީ، އަތޮޅު ކައުންސިލުތައް އުވާލުމުން އެ ކައުންސިލުތަކުން ފޯރުކޮށްދެމުންދިޔަ އެންމެހާ ޚިދުމަތްތައް ދިނުމުގެ މަސްއޫލިއްޔަތު މިހާރު މަތިކޮށްފައިވަނީ އެ އޮތޯރިޓީއާ ކަމަށެވެ. އަދި އަތޮޅު ކައުންސިލުތަކުގެ ނަމުގައި ހުރި އެންމެހާ މުދަލާއި ވަސީލަތްތައް ވެސް އެލްޖީއޭގެ ދަށަށް ބަދަލުވާނެ ކަމަށް ޤާނޫނުގައި ކަނޑައަޅާފައިވާކަން އެ އޮތޯރިޓީން ފާހަގަކުރެއެވެ.

މީގެ އިތުރުން، އަތޮޅު ކައުންސިލުތައް އުވާލުމަށްފަހު، އެކި އިދާރީ ދާއިރާތަކުގައި އެލްޖީއޭގެ އޮފީސްތައް ޤާއިމުކުރުމުގެ އިޚްތިޔާރު ވެސް އެ އޮތޯރިޓީއަށް ލިބިދީފައިވާކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

"އަތޮޅު ކައުންސިލުތަކުގެ ބަދަލުގައި އިދާރީ ދާއިރާތަކުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އޮފީސްތަކެއް ޤާއިމް ކުރުމުގެ އިޚްތިޔާރު ލާމަރުކަޒީ ޤާނޫނުގައި ބަޔާންކޮށްފައިވުމުން، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް އުވާލުމަކުން ޤާނޫނުއަސާސީގައި އަދި ލާމަރުކަޒީ ޤާނޫނުގައި ބަޔާންކޮށްފައިވާ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް، ޤާނޫނީ ހުރަހެއް ނުވަތަ ހުސްކަމެއް އަތުވެދާނެކަމަށް މި އޮތޯރިޓީން ނުދެކެމެވެ،" އެލްޖީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

އޭގެއިތުރުން އަތޮޅު ކައުންސިލްތަކާއި، ކައުންސިލް ވުޒާރާ އުވާލުމުން އަތޮޅުތައް ހިންގުމަށް ޤާނޫނީ ހުސްކަމެއް ނާންނާނެ ކަމަށާއި، ރައްޔިތުންނަށް ދޭންޖެހޭ އެންމެހާ ޚިދުމަތްތައް މެދުނުކެނޑި ކުރިއަށްދާނެ ކަމުގެ ޔަޤީންކަން އެލްޖީއޭއިން ވަނީ ދީފައެވެ.

އެލްޖީއޭއިން މިހެން ބުނެފައިވާއިރު ސަރުކާރުން އިއްޔެ ވަނީ ކައުންސިލް މިނިސްޓްރީ އުވާލާފައެވެ. އަދި އަތޮޅު ކައުންސިލްތައް ލޯކަލް ކައުންސިލްގެ ފަށަލައިން އުނިކޮށް ޤާނޫނަށް މިހާރުވަނީ އިސްލާހު ގެނެސްފައެވެ.



ކިޔުންތެރިންގެ ހިޔާލު