ބަރުދަން ލުއިކުރުމަށް މަސައްކަތްކުރާ މީހުންގެ މެދުގައި އަބަދުވެސް އުފެދޭ ބޮޑު ސުވާލަކީ، އެންމެ ފައިދާހުރީ ގްރީން ޓީ ތޯ ނުވަތަ ކަޅު ކޮފީ ތޯއެވެ. މި ދެ ބުއިމަކީވެސް މެޓަބޮލިޒަމް އަވަސްކޮށްދީ، ހަށިގަނޑުން ސަރުބީ ވިރުވުމަށް އެހީތެރިވެދޭ ދެ ބުއިމެވެ. ނަމަވެސް، މީގެ ތެރެއިން އެންމެ ރަނގަޅީ ކޮން އެއްޗެއްކަން ދެނެގަތުމަށްޓަކައި ދެ ބުއިމުގެ ފައިދާތަކަށް ވަކިވަކިން ބަލާލަންޖެހެއެވެ.

ގްރީން ޓީއަކީ އެންޓިއޮކްސިޑެންޓްތަކުން މުއްސަނދިވެފައިވާ ބުއިމެކެވެ. މީގެ ތެރެއިންވެސް "ކެޓެޗިން" ނަމަކަށް ކިޔާ އެންޓިއޮކްސިޑެންޓަކީ މެޓަބޮލިޒަމް ވަރުގަދަކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. މީގެ އިތުރުން ގްރީން ޓީގައި ހިމެނޭ 'އީޖީސީޖީ' އަކީ ހަށިގަނޑުގައި ހުންނަ ސަރުބީގެ ސެލްތައް ފިލުވައިލުމަށް އެހީތެރިވެދޭ މާއްދާއެކެވެ.

ގްރީން ޓީގެ އަނެއް ފައިދާއަކީ އޭގައި ގުދުރަތީ ގޮތުން ކެލޮރީ ހުންނަނީ ވަރަށް މަދުން ކަމަށް ވުމެވެ. އެހެންކަމުން، މިއީ ހަކުރު ނުލައި ބޯނަމަ ބަރުދަން ލުއިކުރުމަށް އެންމެ އެކަށީގެންވާ އެއް ބުއިމެވެ. އަދި ގްރީން ޓީގައި ކެފެއިން ހުރި ނަމަވެސް، އޭގައި ހިމެނޭ 'އެލް-ތިއަނިން' ގެ ސަބަބުން ކެފެއިންގެ ސަބަބުން އަންނަ ހާސްކަމެއް ނުވަތަ "ޖިޓާސް" އެއް ކުރިމައްޗެއް ނުވާނެއެވެ.

ކަޅު ކޮފީއަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލު ބުއިމެކެވެ. މީގައި މައިގަނޑު ގޮތެއްގައި ހިމެނޭ ކެފެއިންއަކީ މެޓަބޮލިކް ރޭޓް 3 އިން 11 އިންސައްތައާ ދެމެދު އިތުރުކޮށްދޭ މާއްދާއެކެވެ. މިއީ ހަށިގަނޑުން ހަކަތަ ބޭނުންކުރާ މިންވަރު އަވަސްކޮށްދޭ ކަމެކެވެ.

މީގެ އިތުރުން، ކަސްރަތު ކުރުމުގެ ބައިގަޑިއިރު ކުރިން ކަޅު ކޮފީއެއް ބޯލުމުން ހަށިގަނޑުގެ ހަކަތަ އިތުރުވެ، ގިނަ ވަގުތު ކަސްރަތު ކުރުމަށް ބާރު ލިބެއެވެ. އަދި ކަޅު ކޮފީ ބޯލުމުން ކާހިތްވުން ކުޑަކޮށްދީ، ގިނައިން ކެވޭ ކެވުން މަދުކޮށްދިނުމަށް އެހީތެރިވެދެއެވެ. މިއީ ބަރުދަން ކޮންޓްރޯލް ކުރުމަށް ލިބޭ ވަރަށް ބޮޑު އެހީއެކެވެ.

މި ދެ ބުއިމަށް އަޅާކިޔާއިރު، ދެ އެއްޗަކީވެސް ތަފާތު ގޮތްގޮތުން ހަށިގަނޑަށް ފައިދާކުރާ އެއްޗެހިކަން ފާހަގަކުރެވެއެވެ. އަވަހަށް ނަތީޖާ ބޭނުންނަމަ ކަޅު ކޮފީ މާ ބާރުގަދައެވެ. އެއީ އޭގައި ކެފެއިން ގިނަކަމުން، ކުރު މުއްދަތެއްގެ ތެރޭގައި މެޓަބޮލިޒަމް އަވަސްކޮށްދޭތީއެވެ. ނަމަވެސް ދާއިމީ ސިއްހީ ފައިދާއަށް ބަލާއިރު ގްރީން ޓީ މާ ރަނގަޅެވެ. ގްރީން ޓީއަކީ އެންޓިއޮކްސިޑެންޓްސް ގިނަ ބުއިމަކަށް ވާތީ، މިއީ ހަމައެކަނި ބަރުދަން ލުއިކުރުމުގެ އިތުރުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދީ، ޖުމްލަ ސިއްހަތަށް ފައިދާހުރި އެއްޗެކެވެ.

އެންމެ ރަނގަޅު ގޮތަކީ މި ދެ ބުއިންވެސް ހަމަހަމަ ގޮތެއްގައި ބޭނުންކުރުމެވެ. މިސާލަކަށް ހެނދުނު ކަސްރަތު ކުރުމުގެ ކުރިން ކަޅު ކޮފީއެއް ބޯލުމަށްފަހު، ދުވާލުގެ އެހެން ވަގުތުތަކުގައި ގްރީން ޓީ ބޭނުންކުރެވިދާނެއެވެ. ނަމަވެސް ހަނދާން ބަހައްޓަންވީ ކަމަކީ، މި ބުއިންތަކުގެ އަސްލު ފައިދާ ލިބޭނީ ހަކުރާއި ކިރު ނާޅައި ބޭނުންކުރުމުން ކަމެވެ.



ކިޔުންތެރިންގެ ހިޔާލު