މަޝްހޫރު ރައްބީ އެލްހަނާން ބެކް
މަޝްހޫރު ރައްބީ އެލްހަނާން ބެކް
އިސްރާއީލަކީ ޔަހޫދީންނަށް އޮތް އެންމެ ނުރައްކާތެރި ތަން ކަމަށާއި، ތައުރާތުގެ އުސޫލުތަކާ އެއްގޮތަށް އެ ދައުލަތް ނެތިގެންދާނެ ކަމަށް މަޝްހޫރު ރައްބީ އެލްހަނާން ބެކް ވިދާޅުވެއްޖެއެވެ.

"ނެތޫރީ ކާޓާ" ނަމަކަށް ކިޔާ ޒަޔަނިސްޓް ފިކުރާ ދެކޮޅު ޔަހޫދީ ޖަމާއަތަކަށް ނިސްބަތްވާ މި ރައްބީ ވިދާޅުވި ގޮތުގައި، އިސްރާއީލު ދައުލަތް އުފެއްދުމަކީ ކަލާނގެއަށް ވީ ހިޔާނާތެކެވެ. އަދި އުސޫލެއްގެ ގޮތުން ޔަހޫދީންނަށް އެއްވެސް ބިމެއްގައި ވެރިކަން ކުރުމުގެ ހައްގު ތައުރާތުން ލިބިދީފައި ނުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ރައްބީ ބެކް އިތުރަށް ވިދާޅުވީ، ފަލަސްތީނުގެ ބިން "ކޯރުން ފެށިގެން ކަނޑާ ހަމައަށް" އަނބުރާ ފަލަސްތީނުގެ ރައްޔިތުންނަށް ލިބެންޖެހޭ ކަމަށެވެ.

އޭނާ ގަބޫލުކުރައްވާ ގޮތުގައި ދެ ދައުލަތުގެ ހައްލަކީ އިންސާފެއް ނޫނެވެ. އޭގެ ބަދަލުގައި އިސްރާއީލު ދައުލަތް އުވާލައި، މުޅި ސަރަހައްދު ފަލަސްތީނުގެ ފުރިހަމަ މިނިވަންކަމުގެ ދަށަށް ދާންޖެހެއެވެ.

ޒަޔަނިސްޓުން ފަތުރަމުންދާ ދޮގު ވާހަކަތަކަށް ރައްދު ދެއްވަމުން އޭނާ ވިދާޅުވީ، މުސްލިމުންނަކީ ތާރީޚީ ގޮތުން ޔަހޫދީންނަށް ހިމާޔަތްދީ، އެކުގައި އުޅެފައިވާ ބައެއް ކަމަށެވެ.

ޒަޔަނިސްޓް ފިކުރުގެ ސަބަބުން ޔަހޫދީ ދީނުގެ އަސްލު އުސޫލުތައް ކިލަނބުވަމުންދާ ކަމަށް ބުނެ ރައްބީ ބެކް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ސިފަކުރެއްވި ގޮތުގައި އިސްރާއީލުގެ މިހާރުގެ ސިޔާސަތުތަކަކީ އިންސާނިއްޔަތާ ހިލާފު، އަދި ޔަހޫދީ ދީނާވެސް ބީރައްޓެހި އަމަލުތަކެކެވެ.

މި ސަބަބުތަކަށްޓަކައި، އިސްރާއީލުގެ ދައުލަތް ނިމުމަކަށް އައުމަކީ ދީނީ ގޮތުންނާއި އިންސާނީ ގޮތުން ކޮންމެހެން ވާންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ވީޑިއޯގައި ރައްބީ އެލްހަނާން ބެކްގެ އިންޓަވިއު މެދުވެރިކޮށް، އިސްރާއީލާ ދެކޮޅަށް އޭނާ ގެންގުޅުއްވާ ދީނީ އަދި ސިޔާސީ ފިކުރުތައް ވަރަށް ތަފްސީލުކޮށް ކިޔައިދެއްވާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު