މާލެ ކަސްޓޯޑިއަލްގައި ފުލުހުންގެ ބަންދުގައި ހުއްޓައި ކުއްލި ގޮތަކަށް މަރުވި މީހާގެ މަރުގެ ސަބަބު ދެނެގަތުމަށްޓަކައި، އޭނާގެ ހަށިގަނޑުގެ ޕޯސްޓް-މޯޓަމް ހެދުމަށް ފުލުހުން ނިންމައިފިއެވެ.

ފުލުހުންގެ ޚިދުމަތުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، މާލެ ކަސްޓޯޑިއަލްގައި ބަންދުކޮށްފައި ހުރި މީހަކު އޭނާ ހުރި ގޮޅިތެރެއަށް ވެއްޓިފައި އޮއްވައި ފެނިގެން، މިއަދު ހަވީރުގެ ވަގުތެއްގައި އައި.ޖީ.އެމް.އެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް، އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާގައި މަރުވެފައިވަނީ މާލެ، މ. ރޭއަލިވާގެ، އުމުރުން 41 އަހަރުގެ އަޙްމަދު ނަވްޝާދެވެ.

ބަންދުގައި ހުރި މީހަކު މަރުވުމާ ގުޅިގެން، އެކަމުގެ މައުލޫމާތު މިހާރު ވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރު.ސީ.އެމް) އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެން.އައި.ސީ) އަށް ހިއްސާކޮށްފައެވެ. ފުލުހުން ބުނީ މި މަރުގެ ހާދިސާގައި އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށާއި، ނިޔާވި ސީދާ ސަބަބު ކަށަވަރު ކުރުމަށްޓަކައި ޕޯސްޓް-މޯޓަމް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު