ފޮޓޯ: އެފްއޭއެމް ފޭސްބުކް ޕޭޖް
ފޮޓޯ: އެފްއޭއެމް ފޭސްބުކް ޕޭޖް
ތަޖުރިބާކާރު ފޯވާޑް އަލީ ފާސިރު (ސެންޓޭ) ކާމިޔާބުކުރި ހެޓްރިކާއެކު، 7-0 ގެ ބޮޑު ތަފާތަކުން ބްލޫ ސްޕޯޓްސް ކްލަބް ބަލިކޮށް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން އެފްއޭ ކަޕްގެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފިއެވެ.

މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު މި މެޗުގައި ނިއުރޭޑިއަންޓުން ވަނީ ފުރަތަމަ ހާފުގައެއް އެކަނިވެސް ފަސް ލަނޑު ޖަހައި މެޗުގެ ކޮންޓްރޯލް ނަގައިފައެވެ. މެޗުގެ ކުޅުން ފެށިގެން ތިންވަނަ މިނިޓްގައި ނިއު އިން ލީޑު ނެގީ އެ ޓީމުގެ ސިއެރަ ލިއޯން މިޑްފީލްޑަރު ޔާޔާ ބިލިޓީ ޖެހި ގޯލުންނެވެ. މެޗުގެ 17 ވަނަ މިނިޓްގައި ޕެނަލްޓީއަކުން ސެންޓޭ ނިއުގެ ދެވަނަ ލަނޑު ޖެހިއިރު، އޭގެ ތިން މިނިޓް ފަހުން ނައިޖީރިއާ ފޯވާޑް އަލް ހާޖީ ގޭރޯ ވަނީ ނިއުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

ނިއުގެ ހަތަރުވަނަ ލަނޑު 40 ވަނަ މިނިޓްގައި ހަސަން ރާއިފް އަހުމަދު (ހަންނަ) ޖެހިއިރު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ގޭރޯ ވަނީ ނިއުގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

ދެވަނަ ހާފު ފަށައިގެން ދެވަނަ މިނިޓްގައި ސެންޓޭ އޭނާގެ ދެވަނަ ލަނޑު ޖެހިއިރު، އޭނާ ހެޓްރިކް ފުރިހަމަކުރީ މެޗުގެ 81 ވަނަ މިނިޓްގައެވެ. މިމެޗުގައި ހެޓްރިކް ހެދި ސެންޓޭ ވަނީ، މި މުބާރާތުގެ ކުއާޓާ ފައިނަލުގައި އޮޑި ސްޕޯޓްސް ކްލަބް އަތުން 4-0 އިން ނިއު މޮޅުވި މެޗުގައިވެސް ހެޓްރިކެއް ހަދާފައެވެ.



އެފްއޭ ކަޕްގެ ތަށި 12 ފަހަރު އުފުލާލާފައިވާ ނިއުރޭޑިއަންޓް އެންމެ ފަހުން މި މުބާރާތުގައި ވާދަކުރީ 2017 ވަނަ އަހަރުއެވެ.

ނިއު އިން ހޮނިހިރު ދުވަހުގެރޭ ކުޅޭ ފައިނަލުގައި ބައްދަލުކުރާނެ ޓީމެއް އެނގޭނީ މިރޭ ޓީސީ ސްޕޯޓްސް ކްލަބާއި ބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރާ ސެމީ ފައިނަލްގެ ދެވަނަ މެޗް ނިމުމުންނެވެ.



ކިޔުންތެރިންގެ ހިޔާލު