މޯލްޑިވްސް ގޭސްގެ ފުޅިތަކެއް
މޯލްޑިވްސް ގޭސްގެ ފުޅިތަކެއް
ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގަށް އަންނަމުންދާ ބަދަލުތަކާއެކު، މިދިޔަ މާރިޗު މަހު ރާއްޖޭގައި ގޭހާއި ތެލުގެ އަގު 12.48 އިންސައްތަ އުފުލިފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ނެރުނު، އަސާސީ ތަކެތީގެ އަގުތަކަށް އަންނަ ބަދަލުތައް ދައްކުވައިދޭ އެކްސްޕެރިމެންޓަލް ކޮންސިއުމާ ޕްރައިސް އިންޑެކްސް (އީސީޕީއައި) ދައްކާގޮތުން، މިދިޔަ ފެބްރުވަރީ މަހާ އަޅައިބަލާއިރު މާރިޗު މަހު ތަކެތީގެ އަގު ވަނީ 1.33 އިންސައްތަ އިތުރުވެފައެވެ. އަދި މިދިޔަ އަހަރުގެ މާރިޗު މަހާ އަޅައިބަލާއިރު މިއީ 0.18 އިންސައްތައިގެ އިތުރުވުމެކެވެ.

މިދިޔަ މަހު އެންމެ ބޮޑަށް އަގު އުފުލިފައިވަނީ ގޭހާއި ތެލުގެ ބާވަތްތަކުންނެވެ. ތަފާސްހިސާބުތައް ބުނާގޮތުން، ފެބްރުވަރީ މަހާ އަޅައިބަލާއިރު އެ ބާވަތްތަކުގެ އަގު 12.48 އިންސައްތަ އިތުރުވެފައިވާއިރު، މިދިޔަ އަހަރުގެ މާރިޗު މަހާ އަޅައިބަލާއިރު މިއީ 12.28 އިންސައްތައިގެ އިތުރުވުމެކެވެ. މިއީ މިދިޔަ އޮގަސްޓު މަހު އީސީޕީއައި ހާމަކުރަން ފެށިފަހުން ގޭހާއި ތެލުގެ އަގު މިހާ ބޮޑަށް އުފުލުނު ފުރަތަމަ ފަހަރެވެ.

ހަކަތައަށް ބޭނުންކުރާ ތަކެތީގެ އަގުތައް މިހާ ބޮޑަށް އުފުލެން ދިމާވި މައިގަނޑު ސަބަބަކީ، ފެބްރުވަރީ މަހުގެ ފަހުކޮޅު އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރަށް އައި ލޮޅުމުގެ ސަބަބުންނެވެ. ޚާއްޞަކޮށް ތެޔޮ އުފުލާ މައި މަގު ކަމަށްވާ ހުރުމޫޒް ކަނޑުއޮޅި ބަންދުކުރުމުން، ތެލުގެ އަގު ވަނީ ރެކޯޑު މިންވަރަކަށް މައްޗަށް ގޮސްފައެވެ. މި ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އެންމެ މަތިވި 10 ޤައުމުގެ ތެރޭގައި ރާއްޖެވެސް ވަނީ ހިމެނިފައެވެ.

މި ބަދަލާއެކު، ސަރުކާރުގެ ތެޔޮ ކުންފުނި އެސްޓީއޯއިން ތެޔޮ ވިއްކާ އަގު ބޮޑުކުރުމާ ގުޅިގެން، ބައެއް އަތޮޅުތަކުގައި ޕެޓްރޯލާއި ޑީސެލް ލިޓަރެއްގެ އަގު 30 ރުފިޔާއަށް ވަނީ އުފުލިފައެވެ. މީގެ އިތުރުން ގޭހުގެ ޝިޕްމަންޓްތައް ލަސްވުމުގެ ސަބަބުން މޯލްޑިވް ގޭސްއިން ވަނީ ކޮންޓްރޯލްކޮށްގެން ގޭސް ވިއްކާފައެވެ. ނަމަވެސް، މިދިޔަ މަހުގެ 23 ގައި އައު ޝިޕްމަންޓް ލިބުމާއެކު މިހާރު ވަނީ އާންމު އުސޫލުން ގޭސް ވިއްކަން ފަށާފައެވެ.

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ބުނެފައިވަނީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ ދުވެލި މަޑުޖެހި، މިއަހަރުގެ އިންފްލޭޝަން ރޭޓު 5.0 އިންސައްތައަށް އުފުލޭނެ ކަމަށެވެ. މިއީ އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ޚަރަދުތަކަށް ބޮޑު ބުރައެއް އުފުލަންޖެހޭނެ ކަމެއް ކަމަށް އެ ބޭންކުން ފާހަގަ ކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު