ނޯވޭގެ އޮސްލޯގައި އެޗް.އައި.ވީ މީހަކު ސަލާމަތް ވުން
ނޯވޭގެ އޮސްލޯގައި އެޗް.އައި.ވީ މީހަކު ސަލާމަތް ވުން
ނޯވޭގެ އޮސްލޯގައި އެޗް.އައި.ވީ އަށް ފަރުވާ ހޯދަމުންދިޔަ މީހަކު، އޭނާގެ ކޮއްކޮގެ ފަރާތުން ހަދިޔާކުރި ސްޓެމް ސެލް ޓްރާންސްޕްލާންޓަކަށްފަހު، އެ ބަލިން މުޅިން ސަލާމަތްވެފައިވާކަން ސައިންސްވެރިން ހާމަކޮށްފިއެވެ.

މިއީ ދުނިޔޭގެ ތާރީޚުގައި މި ބަލިން މުޅިން ރަނގަޅުވިކަމަށް ބެލެވޭ 10 ވަނަ މީހާއެވެ. އުމުރުން 64 އަހަރުގެ މި މީހާއަށް އެޗް.އައި.ވީ ޖެހިފައިވާކަން އެނގުނީ 2006 ވަނަ އަހަރުގައެވެ. އޭނާއަށް މި ފަރުވާ ދޭންޖެހުނީ ކަށީގެ ކެންސަރު ބައްޔެއް ކަމަށްވާ ބޯން މެރޯ ކެންސަރަށް ފަރުވާ ކުރުމުގެ ތެރޭގައެވެ.

މި ކާމިޔާބީގެ އެންމެ މުހިންމު ސަބަބަކީ އޭނާގެ ކޮއްކޮގެ ހަށިގަނޑުގައި ހުރި ނާދިރު ޖެނެޓިކް މިއުޓޭޝަނެކެވެ.

މި މިއުޓޭޝަނަކީ އެޗް.އައި.ވީ ވައިރަސް ހަށިގަނޑުގެ ސެލްތަކަށް ވަނުމަށް ބޭނުންކުރާ ދޮރު ނުވަތަ ރިސެޕްޓަރ ނައްތާލާ އެއްޗެކެވެ. މި ޓްރާންސްޕްލާންޓަށްފަހު، ކޮއްކޮގެ ދިފާއީ ސެލްތައް ބަލިމީހާގެ ހަށިގަނޑުގައި އާލާވެ، ކުރިން ހުރި އެޗް.އައި.ވީ އިންފެކްޓްވެފައިވާ ސެލްތައް ބޭރުކޮށްލީއެވެ.

ފާއިތުވި 5 އަހަރު ދުވަހު އޭނާ އެޗް.އައި.ވީ އަށް ބޭނުންކުރާ ބޭސްތައް ހުއްޓާލާފައިވާއިރު، އޭނާގެ ހަށިގަނޑުން މިހާރު ވައިރަހުގެ އެއްވެސް އަސަރެއް ނުފެނެއެވެ.

ދިރާސާވެރިން ބުނާ ގޮތުގައި މިފަދަ ހާލަތެއް ދިމާވުމަކީ "ލޮޓަރީއެއް ދެ ފަހަރު ކާމިޔާބުވުން" ކަހަލަ ނާދިރު ކަމެކެވެ. ސަބަބަކީ ބަލިމީހާއާ ގުޅޭ ސްޓެމް ސެލް ހުރި މީހަކު ފެނުމުގެ ފުރުސަތަކީ 25 އިންސައްތަ ކަމަށްވާއިރު، އެ މީހެއްގެ ކިބައިގައި މި ބުނާ މިއުޓޭޝަން ހުރުމުގެ ފުރުސަތަކީ އެންމެ 1 އިންސައްތައެވެ.

މި ފަރުވާއަކީ އާންމުކޮށް ހުރިހާ އެޗް.އައި.ވީ ބަލިމީހުންނަށް ދެވޭނެ ފަރުވާއެއް ނޫން ނަމަވެސް، މި ހޯދުމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި މި ބައްޔަށް ދާއިމީ ފަރުވާއެއް ހޯދުމަށް ކުރެވޭ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ސައިންސްވެރިން އުންމީދު ކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު