ސާބިތު ދަރަނީގެ މައްސަލައަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ގޮނޑި ގެއްލުނު، އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާން، އެ ދާއިރާގެ ޕީއެންސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާންކުރަށްވައިފިއެވެ.

ކުރީގެ މެމްބަރު ސިނާން މިކަން އިޢުލާނުކުރެއްވީ މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއް މެދުވެރިކޮށެވެ. އޭނާގެ މެންބަރުކަން ގެއްލުނު ކަމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައެޅީ، ސާބިތު ދަރަންޏަކަށް ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައިނުވާތީއެވެ. ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު ރިޔާސަތު ބެލެހެއްޓެވި މި މައްސަލައިގެ ހުކުމުގައި ބަޔާންކޮށްފައިވަނީ، ހިތަދޫ ކޯޓުގެ ގަޒިއްޔާއަކުން ސާބިތުވި ދަރަނި އަދާކޮށްފައި ނުވާތީ ސިނާން މަޖިލިސް މެންބަރުކަމުން ވަކިވެފައިވާ ކަމަށެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ތާވަލުކޮށްފައެވެ. މި އިންތިހާބުގައި ކުރިމަތިލުމުގެ ފުރުސަތު އޭޕްރިލް 29 ވާ ހޯމަ ދުވަހުގެ ހަވީރު 3:00 އާ ހަމައަށް އޮންނާނެއެވެ. ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން، މަޖިލީހުގެ ގޮނޑިއެއް ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރަންޖެހެއެވެ.



ކިޔުންތެރިންގެ ހިޔާލު