މައްކާގައި ސެކުރިޓީ ވަރުގަދަކޮށްފަ
މައްކާގައި ސެކުރިޓީ ވަރުގަދަކޮށްފަ
މިއަހަރުގެ ހައްޖުގެ އަޅުކަމަށް ތައްޔާރުވުމުގެ ގޮތުން، ހައްޖާޖީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސައުދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކުން ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ.

މި ފިޔަވަޅުތަކުގެ ދަށުން، މިއަދުން ފެށިގެން މައްކާއަށް އެތެރެވާން ބޭނުންވާ އެ ގައުމުގެ ރެސިޑެންޓުން (އިގާމާ އޮންނަ ފަރާތްތައް) ރަސްމީ ހުއްދައެއް ހޯދުން ވަނީ މަޖުބޫރުކޮށްފައެވެ.





ސައުދީ ސަރުކާރުން ނިންމާފައިވާ ގޮތުގައި، ހައްޖު ވިސާ ފިޔަވައި އެހެނިހެން އެންމެހައި ވިސާތަކުގައި ތިބި ފަރާތްތަކަށް އޭޕްރީލް 18 އިން ފެށިގެން މައްކާއަށް އެތެރެވުމާއި އެ ސިޓީގައި މަޑުކުރުން ވަނީ މަނާކޮށްފައެވެ.

މިއީ ހައްޖުގެ މޫސުމުގައި މައްކާގެ ތަރުތީބު ހިފެހެއްޓުމަށާއި، ހުއްދަ ނެތި ހައްޖުގެ އަޅުކަމުގައި ބައިވެރިވާ މީހުން ހުއްޓުވުމަށް އެޅި ފިޔަވަޅެއް ކަމަށް ކަމާބެހޭ އިދާރާތަކުން މައުލޫމާތު ދެއެވެ.

މި އާ ގަވާއިދުތަކާ އެކު، މައްކާއަށް ވަދެވޭ ސަރަހައްދުތަކުގައި ސަލާމަތީ ބާރުތަކުން ދަނީ ޗެކްޕޮއިންޓްތައް ގާއިމުކޮށް ބަލައި ފާސްކުރަމުންނެވެ.

ހުއްދަ ނެތި މައްކާއަށް އެތެރެވާން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ސައުދީ ސަރުކާރުން ވަނީ ދީފައެވެ. މިއީ ކޮންމެ އަހަރަކުވެސް ހައްޖުގެ އަޅުކަން އަމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި އެ ގައުމުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކުގެ ބައެކެވެ.



ކިޔުންތެރިންގެ ހިޔާލު